ކޮރޯނާވައިރަހަކީ ޗައިނާ އިން ލިބުނު ގޯސް ހަދިޔާއެއް: ޓްރަމްޕް

ވޮޝިންޓަން (މެއި 29) - ކޮރޯނާވައިރަހަކީ ޗައިނާގެ ފަރާތުން ދުނިޔެ އަށް ލިބުނު "ވަރަށް ގޯސް ހަދިޔާއެއް" ކަމަށް އެމެރިކާގެ ރައީސ ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.


ކޮވިޑް-19 ޖެހިގެން އެމެރިކާ އިން 100،000 މީހުން މަރުވުމާ ގުޅިގެން ޓްރަމްޕް ކުރެއްވި ޓްވީޓެއްގައި ޗައިނާ އަށް ފާޑު ވިދާޅުވުމަށް ފަހު ވަނީ އެމެރިކާ އިން މަރުވެ ދިޔަ މީހުންގެ އާއިލާތަކަށް ތައުޒިޔާ ވިދާޅުވެފަ އެވެ.

އެމެރިކާގެ ސެންޓަ ފޯ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން އިން ބުނެފައި ވަނީ ކޮރޯނާވައިރަހުގެ އަސަރު ނުކުރާ އުމުރުފުރައެއް އެމެރިކާގައި ނެތް ކަމަށެވެ.

ޓްރަމްޕް ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ ކޮރޯނާވައިރަހަކީ ޗައިނާގެ ލެބެއްގައި އުފައްދާ ދޫކޮށްފައިވާ އެއްޗެއް ކަމަށެވެ. ނަމަވެސް ޗައިނާ އިން ދަނީ އެކަން ދޮގު ކުރަމުންނެވެ. ޓްރަމްޕް ވަނީ ޗައިނާ އިން އެ ވައިރަސް އުފައްދާފައި ވަނީ މި އަހަރު އެމެރިކާގައި އޮންނަ ރިޔާސީ އިންތިޚާބު އެމަނިކުފާނަށް ކާމިޔާބުވާން ޗައިނާ އިން ބޭނުން ނުވާތީ ކަމަށެވެ.

ކޮރޯނާވައިރަހަށް އެމެރިކާ އިން 1,768,461 މީހުން ޕޮޒިޓިވްވެފައިވާ އިރު 103,268 މީހުން ވަނީ މަރުވެފަ އެވެ. ޗައިނާ އިން ބަލި ކޮންޓްރޯލް ކުރި އިރު ޕޮޒިޓިވްވެފައި ވަނީ 82,995 މީހުންނެވެ. އެ ގައުމުން މަރުވީ 4،634 މީހުންނެވެ. މުޅި ދުނިޔެ އިން މިހާތަނަށް ވަނީ 5,925,267 މީހުން ޕޮޒިޓިވްވެ 362,541 މީހުން މަރުވެފަ އެވެ.