މަރުގެ އަދަބާ ދެކޮޅު އީރާންގެ އެކްޓިވިސްޓް ދޫކޮށްލަން ގޮވާލައިފި

ތެހެރާން (އޮކްޓޯބަރު 17) - މަރުގެ އަދަބާ ދެކޮޅަށް އީރާނުގައި ކެމްޕޭން ކުރަމުން ދިޔަ އެކްޓިވިސްޓް ނަރުގިސް މުހައްމަދީގެ ޖަލު ހުކުމް ބާތިލްކޮށް އޭނާ މިނިވަން ކުރުމަށް އީރާނުގެ ޕާލަމެންޓް މެންބަރުންތަކެއް ގޮވާލައިފި އެވެ.


އުމުރުން 44 އަހަރުގެ ނަރުގިސް މިދިޔަ އަހަރުގެ އެޕްރީލް މަހު ހައްޔަރުކޮށް އޭނާގެ މައްޗަށް މި އަހަރުގެ އެޕްރީލް މަހު ވަނީ 16 އަހަރުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ. އަންހެނުންގެ ހައްގުގައި މަސައްކަތް ކުރުމުގެ އަގު ވަޒަން ކުރުމުގެ ގޮތުން ނަރުގިސް އަށް ވަނީ މި އަހަރުގެ ކުރީކޮޅު ސިޓީ އޮފް ޕެރިސް މެޑަލް ވެސް ދީފަ އެވެ.

އީރާނުގެ ޕާލަމެންޓުގެ ބައެއް މެންބަރުން ސޮއިކޮށް އެ ގައުމުގެ ޝަރުއީ ދާއިރާގެ އެންމެ މަތީ ވެރިޔާ އާޔަތުﷲ ސާދިގު ލަރިޖާނީ އަށް ފޮނުއްވި ސިޓީގައި ވަނީ ނަރުގިސް އަށް މައާފް ދެއްވާ އޭނާގެ ކުޑަ ދެ ކުދިންނާ ގުޅުމުގެ ފުރުސަތު ދިނުމަށް އެދިފަ އެވެ. ސިޓީގައި ސޮއިކޮށްފައިވާ ފަރާތްތަކުގެ ތެރޭގައި ޕާލަމެންޓުގެ ނައިބް ރައީސް ވެސް ހިމެނެ އެވެ. އަދި ވަރަށް ގިނަ އަންހެން މެންބަރުން ވެސް ހިމެނެ އެވެ.

ސެންޓާ ފޯ ހިއުމަން ރައިޓްސް ޑިފެންޑާސްގެ ތަރުޖަމާންކަން ވެސް ކުރާ ނަރުގިސް މި އަހަރުގެ ޖޫން މަހު ވަނީ ޖަލުގައި ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ވެސް ކޮށްފަ އެވެ. އެއީ ފްރާންސްގައި ދިރިއުޅޭ އޭނާގެ ދެ ދަރިންނާ ފޯނުން ވާހަކަ ދެއްކުމުގެ ފުރުސަތު ދީފައި ނުވާތީ އެވެ.

އެމްނެސްޓީން ބުނީ އީރާނުގައި މިދިޔަ އަހަރު 977 މީހުންގެ މައްޗަށް މަރުގެ އަދަބު ތަންފީޒުކޮށްފައިވާ ކަމަށެވެ. މީގެ ތެރޭން ގިނަ މީހުންނަށް މަރުގެ އަދަބު ދީފައި ވަނީ މަސްތުވާތަކެތީގެ މައްސަލަތަކުގަ އެވެ.