އިޒްރޭލާ ދެކޮޅަށް ކުރި ހަނގުރާ ނިމުމަކަށް އައުމާ އެކު އީރާންގައި އިއްޔެ އުފާ ފާޅުކުރަނީ: އީރާނުން ވަނީ އިޒްރޭލަށް ޖާސޫސްކޮށްދިން ކަމުގެ ކުށުގައި ތިން މީހަކު މިއަދު ދަންޖައްސައި މަރާލާފައި. -- ފޮޓޯ: އޭއެފްޕީ
25 ޖޫން 2025 - 09:35
އިޒްރޭލަށް ޖާސޫސްކޮށްދިނުމުގެ ކުށުގައި ތިން މީހަކު މިއަދު ދަންޖައްސައި މަރުގެ ހުކުމް ތަންފީޒުކޮށްފައިވާ ކަމަށް އީރާންގެ ޖުޑީޝަރީން ބުނެފި އެވެ.
"އިދުރީސް އަލީ، އާޒާދު ޝުޖާއީ އަދި ރަސޫލް އަހްމަދު ރަސޫލްގެ މައްޗަށް ވަނީ މީހުން މެރުމަށް ބޭނުންވާ ސާމާނު ގައުމަށް އެތެރެކުރަން މަސައްކަތްކޮށް ޒަޔަނިސްޓު ދައުލަތަށް އެއްބާރުލުން ދީފައި ވާތީ ދައުވާކޮށް ޝަރީއަތް ހިންގާފައި،" ޖުޑީޝަރީން ބުންޏެވެ.
"މި މީހުންގެ ހުކުމް މިއަދު ވަނީ ތަންފީޒުކޮށްފައި ... އެ މީހުން ވަނީ ދަންޖައްސާފައި."
ތުރުކީގެ ބޯޑަރު ކައިރީ، އީރާންގެ ހުޅަނގު އުތުރުގެ ސިޓީއެއް ކަމަށްވާ އުރްމިއާގައި މި މީހުންނަށް ހުކުމް ތަންފީޒުކުރުމުގެ ކުރިން ވަނީ އެ މީހުންގެ ފޮޓޯ ވެސް އާންމުކޮށްފަ އެވެ.
މި މީހުންނަށް މަރުގެ އަދަބު ދީފައި މި ވަނީ އިޒްރޭލުން އީރާނަށް ދިން ހަމަލާތަކަށް ފަހު ފެށުނު ހަނގުރާމަ 12 ދުވަހަށް ފަހު އިއްޔެ ނިންމާލުމާ އެކުގަ އެވެ.
އީރާނަށް އިޒްރޭލުން މިފަހަރު ދިން ހަމަލާތަކުގައި އިޒްރޭލުގެ ޖާސޫސީ އިދާރާ މޮސާޑްގެ އެޖެންޓުން އިސް ދައުރެއް އަދާކޮށްފައި ވާއިރު އީރާންގެ އެތައް ބަޔަކު ވަނީ ތުހުމަތަށް ހައްޔަރުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަދީފްއޮފިޝަލް / ކަލް ދޯ ބަޖޭ
25 June 2025
ވަރަށް ރަނގަޅު ނިންމުމެއް.މިފަދަ ސުރުހީތަކުން ހިތަށް ފިނިކަން ލިބޭ.