ކުއާލަ ލަމްޕޫރު (ޖޫން 11) - އެކި ސްޓޭޖްތަކަށް ބަހާލައިގެން މި މަހު 24 އިން ފެށިގެން މެލޭޝިއާގެ ސްކޫލްތައް ހުޅުވަން ނިންމައިފި އެވެ.

އެޑިއުކޭޝަން މިނިސްޓަރު މުހައްމަދު ރަޒިން ބިން ޖިދިން ވިދާޅުވީ އެކި ސްޓޭޖްތަކަށް ބަހާލައިގެން ސްކޫލްތައް ހުޅުވާއިރު ފުރަތަމަ ފަށާނީ މެލޭޝިއާގެ އިމްތިހާނުތަކުގެ އިތުރުން ބައިނަލްއަގުވާމީ އިމްތިހާނުތައް މި އަހަރު ހަދާ ދަރިވަރުންގެ ކިޔެވުން ކަމަށެވެ. ސްކޫލްތައް އަލުން ހުޅުވުމާ ބެހޭ މެނޭޖްމަންޓް ގައިޑްލައިން މި މަހު 4 ވަނަ ދުވަހު ސްކޫލްތަކަށް ފޮނުވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެ ގައިޑްލައިންގައިވާ ގޮތުން ހުރިހާ ސްކޫލެއްގައި ވެސް ހުން ބެލޭނެ އިންތިޒާމް ހަމަޖެހިފައި ހުންނަން ޖެހޭނެ އެވެ. އަދި 37.5 ޑިގްރީ ސެލްސިއަސް އަށް ވުރެ ޓެމްޕަރޭޗާ މަތި އަދި ބަލީގެ އެއްވެސް އަލާމާތެއް ހުރި މީހަކު ސްކޫލުގެ ގޯތިތެރެއަށް ވެއްދުން މަނާވާނެ އެވެ. ކްލާސްތަކުގައި މޭޒުތައް ހުންނާނީ އެއް މީޓަރަށް ވުރެ ދުރުގައި ކަމަށާއި ކޮންމެ ކްލާހެއްގައި ވެސް 20 ކުދިންނަށް ވުރެ ގިނައިން ނުތިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮރޯނާވައިރަސް ކޮންޓްރޯލް ކުރުމަށް ލޮކްޑައުންގައި ތިން މަސް ދުވަހު މެލޭޝިއާ ބޭއްވުމަށް ފަހު ބުދަ ދުވަހުން ފެށިގެން މިހާރު ވަނީ ހުޅުވާލައިފަ އެވެ. ބޮޑު ވަޒީރު މުހިއްދީން ޔާސީން ވިދާޅުވީ އިގްތިސާދުގެ ބޮޑު ބައެއް ހުޅުވާލަން ނިންމީ މެލޭޝިއާގައި ވައިރަސް ކޮންޓްރޯލްވުމުން ކަމަށެވެ.

އެކި ފިޔަވައިތަކަށް ބަހާލައިގެން މެލޭޝިއާ ހުޅުވާލާ އިރު ޖޫން 10 އިން އޮގަސްޓް 31 އަށް ކުރިއަށް ދާނީ ރިކަވަނީ ފިޔަވައްސެވެ. ބޮޑު ވަޒީރު ވިދާޅުވީ ރިކަވަރީ ފިޔަވަހި ކާމިޔާބުވެއްޖެ ނަމަ އޮގަސްޓް 31 އިން ފެށިގެން، ބައްޔަށް ވެކްސިނެއް ލިބެންދެން ކުރިއަށް ގެންދާނީ ނޯމަލައިޒޭޝަން ފިޔަވައްސެއް ކަމަށެވެ.

ހަ ހަފުތާ އަށް ފަހު މެލޭޝިއާގެ ލޮކްޑައުން އަށް ލުއިތައް ދޭން ފެށީ މެއި 4 އިން ފެށިގެންނެވެ. ސޯޝަލް ޑިސްޓެންސިން ޕްރޮޓޮކޯލްއާ އެއްގޮތަށް ފިހާރަތައް ހުޅުވުމުގެ ހުއްދަ ވެސް މެއި މަހު ވަނީ ދީފަ އެވެ.

ވޭތުވެދިޔަ އަށް ހަފުތާ އަށް ބަލާއިރު މެލޭޝިއާގައި ވަނީ ކޮރޯނާވައިރަހުގެ ކޭސްތައް ވަރަަށް ބޮޑަށް މަދުވެފަ އެވެ. ޕޮޒިޓިވް ކޭސްތަކުގެ ގޮތުގައި ފެންނަނީ ގަވާއިދާޚިލާފަށް އުޅެނިކޮށް ހައްޔަރުކުރި ބިދޭސީ މަސައްކަތު މީހުން ތިބޭ ސެންޓަރުތަކުގެ ކްލަސްޓާތަކުންނެވެ.

މެލޭޝިއާ އިން މިހާތަނަށް ވަނީ 8،338 މީހުން ޕޮޒިޓިވްވެފަ އެވެ. ބަލިޖެހުނު ގާތްގަނޑަކަށް 80 ޕަސެންޓް މީހުން ވަނީ ހޮސްޕިޓަލުން ދޫކޮށްލައިފަ އެވެ. މެލޭޝިއާ އިން މަރުވެފައި ވަނީ 118 މީހުންނެވެ.