ބެއިޖިން (ޖުލައި 7) - ހޮން ކޮންގެ ދާޚިލީ ކަންކަމާ އިނގިރޭސި ވިލާތުން ނުބެހުމަށް ޗައިނާ އިން އިންޒާރުދީފި އެވެ.
ޗައިނާ އިން މި އިންޒާރުދީފައި ވަނީ ހޮން ކޮންގުގެ ސަލާމަތާ ބެހޭ ގާނޫނެއް ބެއިޖިން އިން ފާސްކުރުމުން ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ. އަދި އިނގިރޭސި ވިލާތުން ވަނީ ހޮން ކޮންގެ ތިން މިލިއަން މީހުންނަށް ރަށްވެހިކަން ދޭން ހުށަހަޅައިފަ އެވެ.
ޗައިނާގެ ސަފީރު ލިއު ޒިއާމިންގް ވިދާޅުވީ ހޮން ކޮންގެ ރައްޔިތުންނަށް ރަށްވެހިކަން ދޭން ހުށަހެޅުމަކީ ދާޚިލީ ކަންކަމުގެ ތެރެއަށް އިނގިރޭސި ވިލާތުން ވަނުން ކަމަށެވެ. އެއީ ވަރަށް ޒިންމާދާރުކަން ކުޑަކޮށް އިނގިރޭސި ވިލާތުން ދެއްކި ވާހަކައެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ޗައިނާގެ ތުހުމަތު އިނގިރޭސި ވިލާތުގެ ފޮރިން ސެކްރެޓަރީ ޑޮމިނިކް ރާބް ވަނީ ދޮގު ކުރައްވައިފަ އެވެ. އޭނާ ވިދާޅުވީ ހޮން ކޮން ޗައިނާއާ ހަވާލު ކުރުމުގެ އެއްބަސްވުމުގެ ދަށުން ކޮން ކޮންގެ އެތައް މިލިއަން ބަޔަކަށް ރަށްވެހިކަން ދެވޭނެ ކަމަށެވެ. އަދި އެއީ ހޮން ކޮންގެ ދާޚިލީ ކަންކަމާ ބެހުން ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
ޗައިނާ އިން ފާސްކުރި ގާނޫނާ ދެކޮޅު ހަދާ ފަރާތްތަކުން ބުނަނީ އެއީ ހޮން ކޮންގުގެ މިނިވަން ކަމަށް ބެއިޖިން އިން އަރައިގަތުން ކަމަށެވެ. އެ ގާނޫނާ ދެކޮޅު ހެދި ގައުމުތަކުގެ ތެރޭގައި އިނގިރޭސި ވިލާތުގެ އިތުރުން ކެނެޑާ، އެމެރިކާ، ޖަޕާން އަދި އޮސްޓްރޭލިއާ ހިމެނެ އެވެ.
ޗައިނާގެ ސަފީރު ލިއު ވިދާޅުވީ ހޮން ކޮންގެ ރައްޔިތުންނަށް ރަށްވެހިކަން ދޭން އިނގިރޭސި ވިލާތުން ހުށަހެޅި ހުށަހެޅުމާ މެދު އަލުން ވިސްނާނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.