ތާރީޚީ ކާމިޔާބެއް: ޔޫއޭއީން މާސް އަށް ޖައްވީ އުޅަނދެއް ފޮނުވައިފި

ދުބާއީ (ޖުލައި 20) - ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން މާސް އަށް ޖައްވީ އުޅަނދެއް މިއަދު ހެނދުނު އުދުއްސާލައިފި އެވެ.


ޔޫއޭއީ އަށް މާސް އަށް ފުރަތަމަ ފޮނުވާ އުޅަނދު "ހޯޕް" އުދުއްސާލާފައި ވަނީ ޖަޕާނުގެ ޓަނެގަޝިމާ ސްޕޭސް ސެންޓަރުންނެވެ. ހޯޕުގެ 500 މިލިއަން ކިލޯމީޓަރުގެ ދިގު ދަތުރުގައި މާސްގެ މޫސުން ދިރާސާ ކުރާނެ އެވެ. ޖައްވީ އުޅަނދު މާސްއާ ހަމައަށް ފޯރާނެ ކަމަށް ބެލެވެނީ އަންނަ އަހަރުގެ ފެބްރުއަރީ މަހު އެވެ. އެއީ ޔޫއޭއީ އުފެދުނުތާ 50 އަހަރު ފުރޭ މުނާސަބަތު ވެސް މެ އެވެ.

ޖައްވީ އުޅަނދު އުދުއްސާލުމަށް މިދިޔަ ހަފުތާގައި ދެ ފަހަރެއްގެ މަތިން މަސައްކަތް ކުރި ނަމަވެސް އެކަން ނާކާމިޔާބުވީ މޫސުން ގޯސްވުމުގެ ސަބަބުންނެވެ.

މާސް މިޝަންގެ ޑެޕިއުޓީ ޕްރޮޖެކްޓް މެނޭޖަރު އަދި ލީޑް ސައެންޓިސްޓަކީ ސާރާ އަލް އަމީރީ އެވެ. އޭނާ ވިދާޅުވީ މީގެ 51 އަހަރު ކުރިން ޖުލައި މަހެއްގެ 20 ވަނަ ދުވަހު އެޕޯލޯ 11 ހަނދަށް އުދުއްސާލި މަންޒަރު ބަލަން އެމެރިކާ މީހުން ތިބި އިރު ކުރެވުނު އިހްސާސް ޔޫއޭއީގެ ރައްޔިތުންނަށް މިއަދު (ޖުލައި 20) ވަނަ ދުވަހު ކުރެވޭނެ ކަމަށެވެ.

މާސް މިޝަންގެ ޑެޕިއުޓީ ޕްރޮޖެކްޓް މެނޭޖަރު އަދި ލީޑް ސައެންޓިސްޓް ސާރާ އަލް އަމީރީ. --ފޮޓޯ:ބީބީސީ

"މިއީ ޔޫއޭއީގެ ކުރިމަގަކީ،" މިނިސްޓަ އޮފް ސްޓޭޓް ފޯ އެޑްވާންސްޑް ސައެންސަސްގެ މަގާމު ވެސް އަދާކުރައްވާ އަމީރީ ވިދާޅުވި އެވެ.

ޖައްވީ އުޅަނދު އުދުއްސާލުމާ އެކު ޔުއޭއީގެ މުހައްމަދު ބިން ރާޝިދު ސްޕޭސް ސެންޓަރުގެ އިންޖިނޭރުން ވެސް ވަނީ އުފާ ފާޅުކޮށްފަ އެވެ. ޖައްވީ އުޅަނދު އުފެއްދުމުގެ މަސައްކަތް ކުރި އެ ސެންޓަރުގެ 450 މީހުންގެ ތެރޭން ދެބައި ކުޅައެއްބައި މީހުންނަކީ ޔޫއޭއީގެ ރައްޔިތުންނެވެ.

ޔޫއޭއީ އިން މާސް އަށް ދަނީ ކީއްވެ؟

ޖައްވީ އުޅަނދެއް ޑިޒައިންކޮށް އުފެއްދުމުގައި ޔޫއޭއީގެ ތަޖްރިބާ ވަރަށް މަދެވެ. އެކަމަކު އެ މީހުން އެ މަސައްކަތް ކުރަނީ މާޒީގައި އެމެރިކާ، ރަޝިޔާ، ޔޫރަޕް އަދި އިންޑިއާ އިން ކާމިޔާބުކަމާ އެކު ކޮށްފައިވާ ކަމެއް ކުރުމަށެވެ.

އެމެރިކާގެ ތަޖްރިބާކާރުންގެ ފަރާތުން ލިބުނު މައުލޫމާތާ އެކު ޔޫއޭއީގެ އިންޖިނޭރުން ވަނީ ޖައްވީ އުޅަނދެއް އުފެއްދުމުގައި ހަ އަހަރު ހޭދަކޮށްފަ އެވެ. މާސް މިޝަން އަކީ ޔޫއޭއީ ސަރުކާރުން ބުނި ގޮތުގައި، ތެލާއި ގޭހަށް އިގްތިސާދު ބަރޯސާވެގެން އޮތުމުގެ ބަދަލުގައި ކުރިމަގުގައި މައުލޫމާތުގެ އިގްތިސާދަކަށް ބަދަލުކޮށްލުމުގެ ފެށުމެވެ.

ހޯޕް އުފެއްދުމަށް ހަ އަހަރު ދުވަސް ހޭދަވި. --ފޮޓޯ:އެމްބީއާރުއެސްސީ

މާޒީގައި މާސް އަށް ކުރި ދަތުރުތަކުގެ ރިސްކް ބޮޑެވެ. ރެޑް ޕްލެނެޓަށް ފޮނުވި ދެބައިކުޅަ އެއްބައި އުޅަނދު ވަނީ ފެއިލްވެފަ އެވެ. ޔޫއޭއީގެ ހޯޕް ޕްރޮޖެކްޓުގެ ޑިރެކްޓަރު އޮމްރާން ޝަރަފް ވިދާޅުވީ އެކަމުގައި ހުރި ނުރައްކާތައް އެނގޭ ކަމަށާއި އެކަމަކު ވެސް ޔޫއެއީން އެކަން ތަޖްރިބާ ކުރަނީ ކަމަށެވެ.

"ފެއިލްވުމަކީ ވެސް އޮތް ކަމެއް. އެކަމަކު މިއީ ރިސާޗް އަދި ޑިވެލޮޕްމަންޓް މިޝަނެއް،" އޭނާ ވިދާޅުވި އެވެ.

ދުނިޔޭގެ އެންމެ އުސް އިމާރާތް ދުބާއީގެ ބުރްޖް ޚަލީފާ ވަނީ، އުޅަނދު އުދުއްސާލުމުގެ ކުރިން ދިއްލާލައިފަ އެވެ. އަދި 10 ސިކުންތަށްވުމުން ވަނީ ކައުންޓްޑައުން ފަށައިފަ އެވެ.