ކޮވިޑް-19 އަށް ޕޮޒިޓިވް ވި މީހުން ރިކޯޑް އަދަދަކަށް

ކޮވިޑް-19 އަށް އެއް ދުވަހުގެ ތެރޭގައި މުޅި ދުނިޔެއިން ޕޮޒިޓިވް ވި މީހުންގެ އަދަދު އިއްޔެ ރެކޯޑަކަށް އަރައިފި ކަމަށް، ޑަބްލިޔުއެޗުއޯ އިން ބުނެފި އެވެ.


ދުނިޔޭގެ ސިއްހަތާ ބެހޭ ޖަމިއްޔާ އިން ބުނީ މިދިއަ 24 ގަޑިއިރުގެ ތެރޭގައި އަލަށް ބަލި ޖެހުނު މީހުންގެ އަދަދު 307،930 އަށް އެރި ކަމަށެވެ. މަރުވި 5،500 މީހުންނާ އެކު މުޅި ދުނިޔެއިން މި ބަލީގައި 917،417 މީހެއްގެ ފުރާނަ ގެއްލިއްޖެ އެވެ.

އެންމެ ގިނަ މީހުން ބައްޔަށް ޕޮޒިޓިވްވީ އިންޑިއާ އާއި އެމެރިކާ އަދި ބްރެޒިލްގަ އެވެ.

މުޅި ދުނިޔޭގައި މިހާތަނަށް ބަލި ޖެހުނު މީހުންގެ އަދަދު 28 މިލިއަނަށް އަރަ އެވެ. އޭގެ ތެރެއިން ދެ ބައިކުޅަ އެއް ބައި ނިސްބަތްވަނީ އެމެރިކާ ސަރަހައްދަށެވެ.

ޑަބްލިޔުއެޗުއޯގެ ހިސާބުތަކުން ދައްކާ ގޮތުގައި މީގެ ކުރިން އެއް ދުވަހު އެންމެ ގިނަ މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވީ ސެޕްޓެމްބަރު 6 ގައި، 306،875 ކޭސްއާ އެކު އެވެ.

މިހާރު މި ބަލި އެންމެ ބޮޑަށް ފެތުރެމުން ދަނީ އިންޑިއާގަ އެވެ. ޑަބްލިޔުއެޗުއޯއިން ބުނީ އިންޑިއާގައި އިއްޔެ 93،372 މީހުންނަށް އަލަށް ބަލި ޖެހުނު ކަމަށެވެ. އެމެރިކާގައި 45،523 އަދި ބްރެޒިލްގައި 43،718 މީހުން ޕޮޒިޓިވްވި އެވެ.

ކޮވިޑް-19 ގައި އެމެރިކާ އާއި އިންޑިއާގައި ހާހަކަށް ވުރެ ގިނަ މީހުން އިއްޔެ މަރުވި އިރު، ބްރެޒިލްގައި މަރުވި މީހުންގެ އަދަދު އުޅުނީ 874 ގަ އެވެ.

އެމެރިކާ ނަގާފައި އެންމެ ގިނަ މީހުން މިހާތަނަށް މި ބައްޔަށް ޕޮޒިޓިވް ވީ ވެސް އިންޑިއާގަ އެވެ. މިދިއަ މަހު އިންޑިއާގައި ގާތްގަނޑަކަށް ދެ މިލިއަން މީހުންނަށް ބަލި ޖެހުނެވެ. މިއީ މި ބަލިމަޑުކަން ފެށުނު ފަހުން އެއް މަހު އެންމެ ގިނަ އަދަދެއްގެ ކޭސް އެވެ.

އިންޑިއާގެ ރަސްމީ ހިސާބުތަކުން ދައްކާ ގޮތުގައި އެވްރެޖްކޮށް ދުވާލަކު 64،000 މީހުންނަށް ކޮވިޑް ދަނީ ޖެހެމުންނެވެ. މިއީ ޖުލައި މަހުގެ އެވްރެޖަށް ބަލާ އިރު 84 ޕަސެންޓްގެ މަތިވުމެކެވެ.

މިހާތަނަށް އެންމެ ގިނަ މީހުން ކޮވިޑަށް ޕޮޒިޓިވް ވީ، ހަ މިލިއަން ކޭސްއާ އެކު، އެމެރިކާގަ އެވެ. އެންމެ ގިނަ މީހުން މަރުވީ ވެސް އެމެރިކާގަ އެވެ. އެ އަދަދު އުޅެނީ 194،00ގަ އެވެ. އެކަަމަކު އެމެރިކާގައި ޖުލައި މަހު ޕޮޒިޓިވް ކޭސްތައް ގިނަވި ނަމަވެސް، މިހާރު ވަނީ ދަށަށް ދާން ފަށައިފަ އެވެ.

ޔޫރަޕްގެ ބައެއް ގައުމުތަކުގައި ވެސް އަނެއްކާ ޕޮޒިޓިވް ކޭސްތައް މައްޗަށް އަރައިފި އެވެ. އެގޮތުން އިނގިރޭސި ވިލާތާއި ފްރާންސް އަދި ސްޕެއިނުން މިހާރު ގެންދަނީ އެކަމާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތައް އަޅަމުންނެވެ.