ވީނަސްގައި ދިރުން! ވިލާތަކުގެ ތެރެއިން ނިޝާނެއް!

ވީނަސްގެ މަތީގައި އޮތް ވިހަ އެޓްމޮސްފިއާގެ ތެރެއިން ދިރުމެއްގެ އަސަރުތައް އެކުލެވޭ ނިޝާންތަކެއް ފެނިއްޖެ ކަމަށް، ފަލަކީ އިލްމުވެރިންގެ ބަޔަކު ބުނެފި އެވެ.


ޓެލެސްކޯޕްގެ އިތުރު ހޯދުންތަކާއި ކުރިމަގުގެ ދިރާސާ ދަތުރުތަކުން އެކަން ކަށަވަރުކުރެވިއްޖެ ނަމަ، ސައިންސްވެރިންގެ ލޯ، ޖައްވު ތެރެއިން ދުނިޔެއަށް ފެންނަ އެންމެ އަލިގަދަ ތަނަށް ހުއްޓޭނެ އެވެ. ދުނިޔެއާ އެންމެ ކައިރި އަދި ދުނިޔެއާ ދާދި އެއް ސައިޒަކަށް އުފެދިފައިވާ ވީނަސްއަކީ އާދައިގެ ތަނެއް ނޫނެވެ. އެ ޕްލެނެޓްގެ ބިންގަނޑުގެ ހޫނުމިން އެތައް ސަތޭކަ ޑިގްރީއަކަށް އަރަ އެވެ. ޖައްވު ބެދިފައި އޮންނަނީ ސަލްފިޔުރިކް އެސިޑް ހިމެނޭ ބޯ ވިލާތަކުންނެވެ. ދިރުމެއް ވެދާނަ ކަމަށް ބަލައި، އެ ޕްލެނެޓާ ދިމާއަށް ދިރާސާގެ ނަޒަރެއް މިހާތަނަށް ހުއްޓާލީ ވަރަށް މަދު ބައެކެވެ.

އޭގެ ބަދަލުގައި، ދުނިޔެއިން ބޭރުން އެއްވެސް ކަހަލަ ދިރުމެއް ފެނޭތޯ ބަލަން، މިދިއަ ދިގު މާޒީގައި ސައިންސްވެރިންގެ ވިސްނުން ދޫކޮށްލީ އަވަށްޓެރި އެހެން ޕްލެނެޓެއް ކަމަށް ވާ މާސް އަށެވެ. އަދި މި ފަހުން އެ އުއްމީދުގައި ދިރާސާތައް އަމާޒުކުރަން ބޭނުންވީ މާ ދުރުގައި އޮތް ގޭހުގެ ބޮޑެތި ޕްލެންޓްތަކަށް ނިސްބަތްވާ ގަނޑުފެނުގެ ހަނދުތައް ކަމަށްވާ ޔޫރަޕޯ އާއި އެންސެލެޑަސް އަށެވެ.

އިއްޔެ އާންމުކުރި ސައިންސްގެ އާ ދިރާސާތަކެއްގައި ފަލަކީ އިލްމުވެރިންގެ ހޯދުން ބިނާކުރީ ވީނަސްގައި އުޅޭ ދިރުމެއްގެ ބައިތަކެއް ނުވަތަ އޭގެ ފޮޓޯތަކެއްގެ މައްޗަކަށް ވެސް ނޫނެވެ. އެކަމަކު ބާރުގަދަ ޓެލެސްކޯޕްތަކެއް ބޭނުންކޮށްގެން އެ މީހުންނަށް ވީނަސްގެ އެޓްމޮސްފިއާގެ ތެރެއިން ހޯދުނީ ކެމިކަލެއް ކަމަށްވާ ފޮސްފިން އެވެ. މި ކެމިކަލް އުފެދުމުގެ ސިއްރަކީ، ސައިންސްވެރިންގެ ދިރާސާތަކުން ނިންމި ގޮތުގައި، އެތަނުގައި އުޅޭ ކޮންމެވެސް ކަހަލަ ދިރުމަކަށް ވެދާނެ އެވެ.

އެކަމަކު މި ވިސްނުމާ ދެކޮޅު ސައިންސްވެރިން ދައްކަނީ އެހެން ސަބަބުތަކެކެވެ. އެމީހުން ލަފާކުރާ ގޮތުގައި އެ ކެމިކަލް އުފެދިފައި ވަނީ ކޮންމެެހެން ދިރޭ އެއްޗަކުންނެއް ނޫނެވެ. އޭގެ ބަދަލުގައި އެއީ މިހާތަނަށް ވެސް މާ ގިނަ މައުލޫމާތެއް އެއްކުރެވިފައި ނުވާ ޕްލެނެޓްގެ އެޓްމޮސްފިއާ ނުވަތަ ބިންގަނޑުގައި ހިނގާ ހަރަކާތެއްގެ ސަބަބުން އުފެދޭ ކަމިކަލެކެވެ.

ބައެއް ސައިންސްވެރިންނަށް އާ ހޯދުމުން ކުރެވެން ފެށީ، މީގެ އެތައް ބިލިއަން އަހަރެއް ކުރިން ދުނިޔެއާ ވަރަށް އެއްގޮތް ތަނަކަށް ވުން ކައިރި ކަމަށް ބެލެވޭ ޕްލެނެޓަށް އިންސާނުންނަށް އަޅާނުލެވި އޮތްކަމުގެ އިހުސާސެވެ.

"މިއީ ވަރަށް ހައިރާންކުރުވަނިވި އަދި ނޭނގި ތިއްބާ ހޯދުނު ހޯދުމެއް،" ނޭޗާ އެސްޓްރޮނޮމީގައި ޖެހި އަދި އެސްޓްރޮބައިލޮޖީގައި ޖަހަން މިހާރު ފޮނުވާފައިވާ ދެ ކަރުދާހުގެ އެއް ލިއުންތެރިޔާ ކަމަށްވާ މަސަޗޫސެޓްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ)ގެ ޕްލެނެޓްތަކާ ބެހޭ ސައިންސްވެރިޔާ ސާރާ ސީގާ ވިދާޅުވި އެވެ.

"މިއީ ވީނަސްގެ އެޓްމޮސްފިއާގައި ދިރުމެއް ވޭތޯ ބަލަން އާ ދިރާސާތަކަށް ބާރުއަޅާނެ ހޯދުމެއް."

ހާވާޑް ޔުނިވަސިޓީގެ މޮލެކިއުލާ އެސްޓްރޮފިޒިސިސްޓް އަދި ދިރާސާ ކަރުދާސްތައް ތައްޔާރުކުރުމުގެ އެހެން ބައިވެރިއެއް ކަމަށްވާ ކްލާރާ ސޯސާ-ސިލްވާ ވިދާޅުވި ގޮތުގައި "މިއީ އާދަޔާ ހިލާފު ހޯދުމެކެ"ވެ.

އެކަމަކު "އެއީ ކިހާ އާދަޔާ ހިލާފު ކަމެއްކަން އަހަރެމެންނަކަށް ނޭނގޭނެ ވީނަސްއަށް ނުގޮހެއް،" އޭނާ ވިދާޅުވި އެވެ.

މި ދިރާސާތަކުގައި ބައިވެރިވެވަޑައިނުގަންނަވާ ސައިންސްވެރިއެއް ކަމަށްވާ ޖޯޖްޓައުން ޔުނިވަސިޓީގެ ސަރާ ސްޓެވާޓް ޖޯންސަން ވިދާޅުވީ އެހެން ތަރިތަކުގެ ވަށައިގެން އެނބުރޭ ބައެއް ޕްލެނެޓްތަކުގައި ފޮސްފިން އުފެދެނީ ދިރުމެއްގެ ސަބަބުން ކަމަށް، މި ފަހުން ސައިންސްގެ ދުނިޔޭގައި އަޑުތައް އަރާފައިވާ ކަމަށެވެ.

"ވީނަސް އިން އެ ފެނުމަކީ ވަރަށް ހިތްފަސޭހަ ކަމެއް،" ސަރާ ވިދާޅުވި އެވެ.

އޭނާ ގަބޫލުކުރައްވާ ގޮތުގައި އެމެރިކާގެ ޖައްވީ އިދާރާ ނާސާ އިން ވަނީ ވީނަސްއަށް އަޅާލުމެއް ނެތި ދިގު މުއްދަތެއް ހޭދަކޮށްފަ އެވެ. އޭނާގެ ނަޒަރުގައި އެއީ "ބޮޑު ލަދެކެ"ވެ.

ވީނަސްގެ ވިލާތަކުގެ ތެރޭގައި ދިރުމެއް ވެދާނެކަމުގެ ހިޔާލު ގެންގުޅުއްވަމުން އަންނަ ޕްލެނެޓަރީ ސައިންސް އިންސްޓިޓިއުޓްގެ ޑޭވިޑް ގްރިންސްޕޫން ވިދާޅުވަނީ "އެއީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ގެނެސްދޭ ހޯދުމެއް" ކަމަށެވެ. ނަމަވެސް އޭނާ ވިދާޅުވި ގޮތުގައި އެ ހޯދުމަށް އިތުރު ބާރު ދޭނެ އާ ދިރާސާތަކެއްގެ މުހިންމުކަން ބޮޑެވެ.

ދުރުން ހިތްގައިމު، ކައިރިން ބިރުވެރި މާހައުލެއް

ވީނަސްއަކީ އުޑުމަތިން ދުނިޔެއަށް ފެންނަ އެންމެ ހިތްގައިމު އެއް ތަނެވެ. އެކަމަކު ކައިރިން އެ ޕްލެނެޓްގެ އަސްލު ދެނެގަންނަ އިރު އެއީ އެހާ ލޯބިވެތި ތަނެއް ނޫނެވެ. އެއާ ހިލާފަށް އެއީ ބިރުވެރި މާހައުލެކެވެ.

ސައިންސްވެރިން ލަފާކުރާ ގޮތުގައި ކޮންމެވެސް ޒަމާނެއްގައި ވީނަސްގައި ދިޔާ ފެން ދައުރުވި އެވެ. އެކަމަކު މިއަދު އެއީ ބިންމަތީގެ ހޫނުމިން 800 ޑިގްރީ ފެރަންހައިޓްގައި ހުރި އަދި ކާބަން ޑައޮކްސައިޑްގެ ވިލާތަކުން ބައްދާލާފައިވާ ބިމެކެވެ.

އެއީ އުޅަނދެއް ފޮނުވަން ނުވަތަ ކައިރިން ދިރާސާއެއް ހަދަން ވެސް ފަސޭހަ ތަނެއް ނޫނެވެ. އެ ޕްލެނެޓުން ދަގަނޑު "ކާލަ" އެވެ. މިހާތަނަށް ފޮނުވި އުޅަނދުތައް އެތަނުގެ ހޫނުގައި ވިރި، މަދު މިނިޓްކޮޅެއްގެ ތެރޭގައި ހަލާކުވި އެވެ. ޕްލެނެޓްގެ ބިންމަތީގެ ފޮޓޯ ނެގޭ ވަރު ވެސް ވީ، އެންމެ ދެ އުޅަނދަކަށެވެ.

އޭގެ ބަދަލުގައި މާސްގެ ބިމުގައި މިހާރު ވެސް އެތައް އުޅަނދެއް އެ ގެންދަނީ ދިރާސާކުރަމުންނެވެ. އަދި މާސްގެ ޖައްވުގެ ތެރޭގައި ވެސް އެތައް އުޅަނދެއް އެނބުރެ އެވެ. އެކަމަކު ވީނަސްގެ ދިރާސާތަކަށް އެގޮތަށް އުޅަނދުތަކެއް ނުފޮނުވަ އެވެ.

ވީނަސްގެ ބިންގަނޑު އެހާ ހޫނުވިޔަސް، ބޯ ވިލާތަކުގެ ތެރޭގައި ހޫނުމިން ހުންނާނެ ކަމަށް ބެލެވެނީ ގާތްގަނޑަކަށް 86 ޑިގްރީ ފެރަންހައިޓްގަ އެވެ. އަދި ޕްރެޝަރު ވެސް ދުނިޔޭގެ ބިމެކޭ އެއްގޮތް ވާނެ ކަމަށް ބެލެވެ އެވެ.

މަޝްހޫރު ފަލަކީ އިލްމުވެރިޔާ ކާލް ސެގަން، މީގެ 53 އަހަރު ކުރިން ލަފާކުރެއްވި ގޮތުގައި ވީނަސްގެ އެ ހިސާބުގައި ދިރުމެއް ވުން އެކަށީގެންވެ އެވެ.

އާ ހޯދުންތަކުން ފެނުނު ކެމިކަލް ކަމަށް ވާ ފޮސްފިން ވީނަސްގައި އުފެދެނީ، ސައިންސްވެރިން ގަބޫލުކުރާ ގޮތުގައި، އޮކްސިޖަން ބޭނުންނުވާ ދިރުމަކުންނެވެ.

"އަހަރެމެންނަށް މިވަގުތު ބުނެވެން އޮތީ ހަމައެކަނި ދިރުމަކުންނޭ ފޮސްފިން އުފެދޭނީ،" ދިރާސާގެ އިސް އެއް ވެރިޔާ ސޯސާ-ސިލްވާ ވިދާޅުވި އެވެ.

ދުނިޔޭގައި ފޮސްފިން އުފެދެނީ ޕެންގުއިން ކަހަލަ ޖަނަވާރުންގެ ބަނޑުތެރޭގައި ނުވަތަ އޮކްސިޖަން މަދުން ހުންނަ ފެންގަނޑުތަކުގެ ތެރޭގައި އުޅޭ ކުދިކުދި ފަނިފަކުސައިގެ ސަބަބުންނެވެ. އެހެންކަމުން ދިރާސާގައި ބައިވެރިވި ސައިންސްވެރިންގެ ނަޒަރުގައި ވީނަސްގެ ބޯ ވިލާގަނޑުތަކުގެ ތެރޭގައި އެފަދަ ކުދިކުދި ދިރުންތަކެއް ވުން އެކަށީގެންވެ އެވެ.

ސުވާލަކީ، ވީނަސްގެ ބިމަށް ވުރެ ގާތްގަނޑަކަށް 50 ކިލޯމީޓަރު މަތީގައި އުފެދިފައިވާ ވިލާތަކުގެ ތެރޭގައި އެ ކެމިކަލް ހިމެނެންވީ ކީއްވެގެން ހެއްޔެވެ؟ ސައިންސްވެރިން ވެސް އެ ސުވާލު އުފައްދަ އެވެ.

މިހާތަނަށް ވީނަސްއާ ބެހޭ ގޮތުން ލިބިފައި ހުރި މައުލޫމާތުތަކަށް ބަލަންޏާ، ދިރުމަކުން ނޫން ގޮތަކަށް، އެ ކެމިކަލް އެ މާހައުލުގައި އުފެދެންވީ އެހެން ސަބަބެއް ނުވިސްނެ އެވެ. އެހެންކަމުން ކޮންމެވެސް ކަހަލަ ދިރުމަކާ، އެ ކެމިކަލްއާ ގުޅުވުން ނޫން ގޮތެއް މިވަގުތަކު، އެ ސައިންސްވެރިންގެ ކުރިމައްޗަކު ނުވެ އެެވެ.