ސައުދީ އެމްބަސީ ރޯކޮށްލި މީހުން އީރާނުން ޖަލަށްލައިފި

ތެހެރާން (ނޮވެމްބަރު 6) - ތެހެރާނުގައި ހުންނަ ސައުދީ އެމްބަސީ އަށް ހަމަލާދީ އެ ތަނުގައި އަލިފާން ޖެހި މީހުން ޖަލަށްލުމަށް އީރާނުން ހުކުމްކޮށްފި އެވެ.


ސައުދީ އެމްބަސީ އަށް ހަމަލާ ދިނީ މަޝްހޫރު ޝިއައީ ދީނީ އިލްމުވެރިއެއް ކަމަށްވާ ނިމްރު އަލް ނިމްރުގެ މައްޗަށް ސައުދީން ޖެނުއަރީ މަހު މަރުގެ އަދަބު ދިނުމާ ގުޅިގެން އުފެދުނު ހިތްހަމަ ނުޖެހުމުގަ އެވެ. ހަމަލާ ދިން ބައެއް މީހުން ހަ މަސް ދުވަހަށް، ތިން މަސް ދުވަހަށް ޖަލަށް ހުކުމްކުރި އިރު އަނެއް ބައި މީހުންގެ މައްޗަށް ކުށް ސާބިތު ނުވާތީ ވަނީ ދޫކޮށްލައިފަ އެވެ. އީރާނުން ހުކުމް އިއްވީ ކިތައް މީހުންގެ މައްޗަށް ކަމެއް ނޭނގެ އެވެ.

އެމްބަސީ އަށް ހަމަލާ ދިނުމުގެ ތުހުމަތުގައި ޖުލައި މަހު ވަނީ 21 މީހުން ކޯޓަށް ހާޒިރުކޮށްފަ އެވެ. އަދި އިތުރު 27 މީހެއްގެ މައްޗަށް ވެސް ދައުވާ ކުރަން ނިންމާފައިވީ ނަމަވެސް އެ މީހުންނާ ބެހޭ މައުލޫމާތު ވެސް ހާމަކޮށްފައެއް ނުވެ އެވެ.

ސައުދީ އެމްބަސީ އަށް ދިން ހަމަލާ ވަނީ އީރާނުގެ އެންމެ އިސް ފަރާތްތަކުން ވެސް ކުށްވެރިކޮށްފަ އެވެ. އޭގެ ތެރޭގައި ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ވެސް ހިމެނެ އެވެ.

އެމްބަސީ އަށް ދިން ހަމަލާއާ ގުޅިގެން ދެ ގައުމުގެ ގުޅުން ވަރަށް ބޮޑަށް ގޯސްވެ، އެންމެ ފަހުން ވަނީ ސިޔާސީ ގުޅުން ވެސް ކަނޑާލައިފަ އެވެ. އަދި އީރާނުގެ ހައްޖުވެރިން މި އަހަރު ސައުދީ އަށް ދަތުރުކޮށްފައެއް ވެސް ނުވެ އެވެ.