ކުއާލަ ލަމްޕޫރު (ޖެނުއަރީ 11) - ކޮރޯނާވައިރަހުގެ ކޭސްތައް ގިނަވެ ކޮންޓްރޯލުން ނައްޓާ ހިސާބަށް ދިއުމުން ގައުމުގެ ބޮޑު ބައެއް އަލުން ލޮކްޑައުން ކުރަން މެލޭޝިއާ ސަރުކާރުން ނިންމައިފި އެވެ.

ބޮޑުވަޒީރު މުހްޔިއްދީން ޔާސީން ވަނީ ގައުމުގެ ސިއްހީ ނިޒާމަށް އޮބިނޯންނަވަރަށް ކޮރޯނާވައިރަސް ފެތުރެމުންދާކަމުގެ އިންޒާރު ދެއްވައިފަ އެވެ. އަދި ބަލި އެންމެ ބޮޑަށް ފެތުރޭ ސަރަހައްދުތައް، އަންނަ ބުދަ ދުވަހުން ފެށިގެން ދެ ހަފުތާ އަށް ލޮކްޑައުން ކުރާނެ ކަމަށް ވިދާޅުވި އެވެ. ގައުމުގެ ދެބައިކުޅަ އެއްބަޔަށް ވުރެ ބޮޑު ސަރަހައްދެއް ލޮކްޑައުން ކުރާއިރު އަސާސީ ތަކެތި ވިއްކުމަށް ހުއްދަ ދޭ ތަންތަން ފިޔަވައި އެހެން ވިޔަފާރިތައް ބަންދުވާނެ އެވެ.

"ގައުމުގެ ސިއްހީ ނިޒާމަށް އޮބިނޯންނަވަރު ވަމުން މިހާރު ދަނީ. ގައުމުގެ ހާލަތު މިހާރު އޮތީ ކަންބޮޑުވާން ޖެހޭ ދަރަޖައެއްގައި،" ގައުމާ މުޚާތަބް ކުރައްވައި ބޮޑުވަޒީރު މިއަދު ދެއްވި ބަޔާނުގައި ވިދާޅުވި އެވެ.

އޭޝިއާގެ އެހެން ބައެއް ގައުމުތައް ގޮތަށް މެލޭޝިއާ އިން ވެސް މިދިޔަ އަހަރު ވަނީ ވައިރަސް ވަރަށް ބޮޑަށް ކޮންޓްރޯލްކޮށްފަ އެވެ. ނަމަވެސް ފަހަކަށް އައިސް ކޮންމެ ދުވަހަކު ވެސް ވަނީ ޕޮޒިޓިވްވާ މީހުންގެ އަދަދު ރެކޯޑް އަދަދުތަކުން މައްޗަށް ޖެހިފަ އެވެ.

ލޮކްޑައުން ކުރާ ސަރަހައްދުތަކަކީ ވެރިރަށް ކުއާލަ ލަމްޕޫރާއި އިތުރު ފަސް ސްޓޭޓެކެވެ. މެލޭޝިއާގެ 13 ސްޓޭޓުގެ ތެރޭން ފަސް ސްޓޭޓް ލޮކްޑައުން ކުރުމުން 32 މިލިއަން މީހުންގެ އާބާދީގެ ތެރޭން މަދުވެގެން 20 މިލިއަން މީހުންނަށް އެކަމުގެ އަސަރު ކުރާނެ އެވެ.

ލޮކްޑައުން ކުރި ނަމަވެސް ބައެއް ސުޕަމާކެޓްތަކާއި ބޭންކްތައް ހުޅުވުމުގެ ހުއްދަ ވަނީ ދީފަ އެވެ. އޭގެ އިތުރުން މެނުފެކްޗާރިން އަދި އިމާރާތް ކުރުމުގެ މަސައްކަތަށް ވެސް ހުއްދަ ދެ އެވެ. ކޮންމެހެން ބޭނުންވާ ތަކެތި ގަތުމަށް ކޮންމެ ހައުސްހޯލްޑަކުން ބޭރަށް ދެވޭނީ ދެ މީހުންނަށް އެކަންޏެވެ. މެލޭޝިއާގެ ސްކޫލްތައް ބަންދުކުރި މުއްދަތު ވެސް މިހާރު ވަނީ އިތުރުކޮށްފަ އެވެ. މެލޭޝިއާގެ އެއް ސްޓޭޓުން އަނެއް ސްޓޭޓަށް ދަތުރުކުރުން ވެސް ވަނީ މަނާކޮށްފަ އެވެ.

މެލޭޝިއާގައި ފިޔަވަޅުތައް ހަރުކަށިކުރި އިރު މުހްޔިއްދީންގެ ކެބިނެޓުން ދެ ވަޒީރަކު ކޮރޯނާވައިރަހަށް ޕޮޒިޓިވްވެފައިވާ ކަމަށް އެ ގައުމުގެ މީޑިއާތަކުން ބުނެފައިވެ އެވެ.

މެލޭޝިއާ އިން މިހާތަނަށް ވަނީ 138,224 މީހުން ޕޮޒިޓިވްވެ 555 މީހުން މަރުވެފަ އެވެ. އާދިއްތަ ދުވަހު އެކަނިވެސް ވަނީ 2،232 މީހުން ޕޮޒިޓިވްވެ ހަތަރު މީހުން މަރުވެފަ އެވެ.