ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރަން އެޅި ފިޔަވަޅުތަކުގެ ސަބަބުން މެލޭޝިއާ އަށްް އަނބުރާ ނުދެވިފައި ތިބި ދިވެހި 50 ދަރިވަރަކު މިއަދު އަނބުރާ އެ ގައުމަށްް ފުރުވާލައިފި އެވެ.

މެލޭޝިއާގެ ޔުނިވާސިޓީތަކާއި ކޮލެޖްތަކުގައި ކިޔަވާ އެ ދަރިވަރުން ފޮނުވީ، އޭސް ޓްރެވެލްސް އިން ޗާޓަރު ކުރި މޯލްޑިވިއަންގެ ފްލައިޓެއްގަ އެވެ. މި މަހުގެ 17 ގައި ބާއްވަން ފުރަތަމަ ރޭވި އެ ދަތުރު މިއަދަށް ލަސްވީ މެލޭޝިއާ އިން ހޯދަން ޖެހޭ ހުއްދަތައް ލިބުން ލަސްވެގެންނެވެ.

އޭސް ޓްރެވެލްސްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފިރާގު ވިދާޅުވީ ހުއްދަތައް ހޯދަން ރާއްޖޭގެ ފޮރިން މިނިސްޓްރީ އާއި މެލޭޝިއާގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނުން ބޮޑު އެހީތެރިކަމެއް ލިބުނު ކަމަށެވެ.

"އެ ދަރިވަރުންގެ ފަރާތުން ބައެއް ކުދިން އިސްނަގައިގެން އަޅުގަނޑުމެންގެ ގާތަށް އައިސް އެދުނީ ދަތުރެއް ހަމަޖައްސައިދޭން. ދެން ވަރަށް ގިނަ ދުވަސް ވެއްޖެ މިކަން ވޭތޯ އުޅޭތާ. މޯލްޑިވިއަންގެ ބޯޓެއް ޗާޓަރު ކޮށްގެން މިއަދު 50 ދަރިވަރުން މި ފޮނުވާލީ،" ފިރާގު ވިދާޅުވި އެވެ.

މެލޭޝިއާއިން ރާއްޖެ ނާދެވިފައި ތިބި ދިވެހި ދަރިވަރުން ވެސް މިއަދުގެ ފްލައިޓުން ރާއްޖެ އަންނާނެ އެވެ. މެލޭޝިއާގެ ލޮކްޑައުން އަދި މުޅިން ނުނިމޭތީ އެ ގައުމުގެ ބޯޑަރު ވެސް އާންމުކޮށް އަދި ހުޅުވައެއް ނުލަ އެވެ. އެކަމަކު ހާއްސަ ހުއްދައިގެ ދަށުން އެހެން ބައެއް ގައުމުތަކުން ވެސް މެލޭޝިއާއަށް ބައެއް ފްލައިޓްތަކުގެ ދަތުރުތައް އަންނަނީ ބާއްވަމުންނެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރަން އެކި ގައުމުތަކުންނާއި ރާއްޖެއިން އެޅި ފިޔަވަޅުތަކުގެ ސަބަބުން ގިނަ ދަރިވަރުންތަކެއް އެކި ގައުމުތަކުގައި ތާށިވި އެވެ. އޭގެ ތެރެއިން ގިނަ އަދަދެއްގެ ދަރިވަރުން ރާއްޖެ ގެނެސްފައިވެ އެވެ.