ކުއާލަ ލަމްޕޫރު (އޮގަސްޓް 29) - ކޮރޯނާވައިރަހުން ރައްކާތެރިވުމަށް މެލޭޝިއާގައި މިހާރު އަޅާފައިވާ ފިޔަވަޅުތައް އަހަރުގެ ނިޔަލަށް ދަމަހައްޓަން ނިންމައި، މި އަހަރު އެ ގައުމަށް ޓޫރިސްޓުން އެތެރެވުމުގެ ހުއްދަ ނުދޭން ނިންމައިފި އެވެ.

ގައުމީ ޓީވީ މެދުވެރިކޮށް ދެއްވި ބަޔާނެއްގައި ބޮޑުވަޒީރު މުހްޔިއްދީން ޔާސީން ވިދާޅުވީ މެލޭޝިއާގައި ވައިރަސް ކޮންޓްރޯލްކޮށްފައިވީ ނަމަވެސް މުޅި ދުނިޔޭގައި ކޮރޯނާވައިރަހުގެ ކޭސްތައް އިތުރުވަމުންދާ އިރު މެލޭޝިއާ އިން ވެސް ދޭތެރެދޭތެރެއިން ކްލަސްޓާތައް މިހާރު ވެސް ފެންނާތީ އެ ގައުމަށް ބޭރު މީހުން އެތެރެވާން ހުއްދަ ނުދޭން ނިންމީ ކަމަށެވެ. މެލޭޝިއާގައި މިހާރު އަޅާފައިވާ ފިޔަވަޅުތައް ނިމުމަކަށް ގެންނަން އެންމެ ފުރަތަމަ ޝެޑިއުލްކޮށްފައި އޮތީ މި މަހުގެ ނިޔަލަށެވެ.

"ދުނިޔެ އަށް މިހާރު ވަމުންދާ ގޮތަށް ބަލައި، ކޮވިޑް-19 ގެ ބިރުން ސަލާމަތްވާން ދިގު މުއްދަތެއް އަދިވެސް ނަގާނެ،" ބޮޑުވަޒީރު ވިދާޅުވި އެވެ. "މި ވަގުތަށް މެލޭޝިއާގައި ވަނީ ވައިރަސް ކޮންޓްރޯލް ކުރެވިފައި. އެކަމަކު ބައެއް ސަރަހައްދުތަކުން ވައިރަސްގެ ކޭސްތައް އިތުރުވެއްޖެ ނަމަ، ހަރުކަށި ފިޔަވަޅުތައް އަޅަން ޖެހޭނެ."

މުހްޔިއްދީން ވިދާޅުވީ ވައިރަސް ކޮންޓްރޯލް ކުރުމަަށް މިހާރު އަޅާފައިވާ ފިޔަވަޅުތައް ޑިސެމްބަރު 31 ގެ ނިޔަލަށް އިތުރު ކުރަން ނިންމީ ރައްޔިތުންގެ ފައިދާއަށް ޓަކައި ކަމަށެވެ. އެ ފިޔަވަޅުތަކާ ޚިލާފުވުމުގެ ފުރުސަތު އެއްވެސް ފަރުދަކަށް ނުދެއްވާނެ ކަމަށާއި ގާނޫނު މުގުރާ ފަރާތްތަކަށް ހަރުކަށި އަދަބު ދެއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ. ފިޔަވަޅުތަކާ ޚިލާފުވާ މީހުން ކުރާ ޖޫރިމަނާ ބޮޑު ކުރުމަށް ވެސް މުހްޔިއްދީން ވަނީ ތާއީދު ކުރައްވައިފަ އެވެ.

ބޮޑުވަޒީރު ވިދާޅުވީ ޓޫރިސްޓުން އެތެރެވުމުގެ ހުއްދަ ނުދޭން ނިންމީ އިމްޕޯޓެޑް ކޭސްތައް ހުއްޓުވަން ކަމަށެވެ.

މުނިފޫހިފިލުމުގެ ސެކްޓާ ނޫން ހުރިހާ އޮޕަރޭޝަންތަކެއް ފެށުމުގެ ހުއްދަ މެލޭޝިއާ އިން މިހާރު ވަނީ ދީފަ އެވެ.

މެލޭޝިއާ ފުރަތަމަ ލޮކްޑައުންކުރީ މާޗް 18 ގަ އެވެ. އޭގެ ފަހުން މެއި 12 އާ ހަމައަށް ވަނީ ތިން ފަހަރެއްގެ މަތިން ލޮކްޑައުންގެ މުއްދަތު އިތުރުކޮށްފަ އެވެ. ވައިރަސް ކޮންޓްރޯލް ކުރަން އެޅި ފިޔަވަޅުތަކުގެ ތިން ވަނަ ފޭސް ފަށާފައި ވަނީ ޖޫން 10 ގަ އެވެ. ތިން ވަނަ ފޭހުގައި ވަނީ އިޖްތިމާއީ، ތައުލީމީ، ދީނީ އަދި ވިޔަފާރި އާއި އިގްތިސާދީ ހުރިހާ ހަރަކާތްތަކެއް ހުޅުވާލައިފަ އެވެ. އެއް ސްޓޭޓުން އަނެއް ސްޓޭޓަަށް ދަތުރު ކުރުމުގެ ހުއްދަ އޮތް ނަމަވެސް ބޯޑަރު ވަނީ ބަންދުކޮށްފަ އެވެ.

މެލޭޝިއާ އިން މިހާތަނަށް ވަނީ 9,306 މީހުން ޕޮޒިޓިވްވެ 125 މީހުން މަރުވެފަ އެވެ. ބަލި ޖެހުނު މީހުންގެ 97 ޕަސެންޓް ވަނީ ރަނގަޅުވެފަ އެވެ. އިއްޔެ އަލަށް ފެނިފައި ވަނީ 10 ކޭހެވެ.