ރިޔާޒް (އެޕްރީލް 19) - ސައުދީ އަރަބިއާގެ ގައުމީ އެއާލައިން، ސައުދިއާގެ ބައިނަލްއަގުވާމީ ދަތުރުތައް އަންނަ މަހު 17 ގައި ފަށާ ގޮތަށް ހަމަޖައްސައިފި އެވެ.

ސައުދީގެ އޮފިޝަލުންނާ ހަވާލާދީ ގައުމީ އެއާލައިނުން ބުނީ ސައުދިއާގެ ދަތުރުތައް މެއި 17 (ޝައްވާލް 5) ގައި ފެށުމުގެ މާނައަކީ ބައިނަލްއަގުވާމީ ދަތުރުތަކަށް ހުރި ހުރަސްތައް ނައްތާލުމެވެ.

ސައުދީ އެއާލައިނުގެ ބައިނަލްއަގުވާމީ ދަތުރުތައް ހުއްޓާލާފައި އޮންނަތާ އަހަރަކަށް ވުރެ ގިނަ ދުވަސް މިހާރު ވެއްޖެ އެވެ.

ސައުދީ އަރަބިއާ އިން މިދިޔަ އަހަރުގެ މާޗު މަހު ކޮރޯނާވައިރަސް ފެނުމާ ގުޅިގެން ރައްކާތެރިކަމުގެ ގޮތުން ވަރަށް ގިނަ ފިޔަވަޅުތައް އެޅި އެވެ. އޭގެ ތެރޭގައި ބައިނަލްއަގުވާމީ ވައިގެ ދަތުރުތައް ހުއްޓާލައި، ސްކޫލްތައް ބަންދު ކުރުން ހިމެނެ އެވެ. އަދި ދެ ހަރަމްފުޅު ދެ މަހެއްހާ ދުވަހަށް ބަންދުކުރުމަށް ފަހު، އުމްރާ އަށް ހަރަމްފުޅު ފުރަތަމަ ހުޅުވާލީ ސައުދީގައި ދިރިއުޅޭ މީހުންނަށް އެކަންޏެވެ. މި ރޯދަ މަހުން ފެށިގެން އުމްރާ އަށް ދެވޭނީ ވެކްސިން ފުރިހަމަކޮށްފައިވާ ފަރާތްތަކަށެވެ.