ނިއު ޔޯކް (ނޮވެމްބަރު 23) - އެމެރިކާ އިން އދ. އަށް ކަނޑައަޅާފައި ހުންނަ ސަފީރުގެ މަގާމަށް އިންޑިއާ ދަރިކޮޅުގެ މީހަކު ޑޮނަލްޑް ޓްރަމްޕް ހަމަޖައްސައިފި އެވެ.

ސައުތު ކެރޮލީނާގެ ގަވަރުނަރު ނިއްކީ ހާލޭ އަކީ ރިޔާސީ އިންތިޚާބުގެ ތެރޭގައި ޓްރަމްޕަށް ފާޑު ވިދާޅުވި ފަރާތެކެވެ. އެމެރިކާ އަށް ހިޖުރަކުރި އިންޑިއާ އާއިލާއަކަށް އުފަން ހާލޭ އަކީ ދޮން ނަސްލުގެ މީހުން ފިޔަވައި ޓްރަމްޕް ސަރުކާރުގެ ކެބިނެޓް ލެވެލްގެ މަގާމަކަށް ހަމަޖެއްސި ފުރަތަމަ އަންހެން މެންބަރެވެ. އުމުރުން 44 އަހަރުގެ ހާލޭ އަކީ ރިޕަބްލިކަން ޕާޓީގައި މިހާރު ވިދަމުން އަންނަ ސިޔާސީ ތަރިއެކެވެ. އޭނާ އަކީ އެމެރިކާގެ އެންމެ ހަގު ގަވަރުނަރު ވެސް މެ އެވެ. މި މަހު ކުރީކޮޅު ހާލޭ ވަނީ ރިޕަބްލިކަން ގަވަރުނާސް އެސޯސިއޭޝަންގެ ވައިސް ޗެއާގެ މަގާމަށް އިންތިޚާބު ކޮށްފަ އެވެ.

ރިޔާސީ ޕްރައިމަރީގައި ހާލޭ ފުރަތަމަ އެންޑޯޒްކުރެއްވީ ފްލޮރިޑާ ސެނޭޓާ މާކޯ ރޫބިއޯ އެވެ. އޭނާގެ ކެމްޕޭން ހުއްޓާލުމުން ދެން ތާއިދު ކުރެއްވީ ޓްރަމްޕުގެ ވާދަވެރިޔާ ޓެޑް ކްރޫޒަށެވެ. އިންތިޚާބުގައި ޓްރަމްޕަށް ވޯޓު ދެއްވި ނަމަވެސް ހާލޭ ވިދާޅުވެފައި ވަނީ އޭނާ އަކީ ޓްރަމްޕް އަދި ހިލަރީ ކްލިންޓަނުގެ ވެސް ސަޕޯޓަރެއް ނޫން ކަމަށެވެ.

ހާވޭ ވަނީ ރިޕަބްލިކަން ގަވަރުނާސް އެސޯސިއޭޝަނުގެ ވައިސް ޗެއާގެ މަގާމަށް އިންތިޚާބުކޮށްފައި. --ފޮޓޯ:ރޮއިޓާސް
ހާވޭ ވަނީ ރިޕަބްލިކަން ގަވަރުނާސް އެސޯސިއޭޝަނުގެ ވައިސް ޗެއާގެ މަގާމަށް އިންތިޚާބުކޮށްފައި. --ފޮޓޯ:ރޮއިޓާސް

އެމެރިކާ އަށް މުސްލިމުން ވަނުން މަނާކުރުމަށް ޓްރަމްޕް ގެންގުޅުއްވާ ސިޔާސަތަށް ހާލޭ ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އަދި އެއީ އެމެރިކާގެ އުސޫލެއް ނޫން ކަމަށް ވަނީ ވިދާޅުވެފަ އެވެ. އެކަމަކު އަންނަ ޖެނުއަރީ މަހު 20 ވަނަ ދުވަހު ރައީސްކަމުގެ ހުވާ ކުރައްވާ ޓްރަމްޕް މިދިޔަ ހަފުތާގައި ވަނީ ހާލޭއާ ޓްރަމްޕް ޓަވަރުގައި ބައްދަލު ކުރައްވައިފަ އެވެ.

ގަވަރުނަރުކަމުގެ ދެ ވަނަ ދައުރަކަށް ހާލޭ އިންތިޚާބުކޮށްފައި ވަނީ 2010 ވަނަ އަހަރު އެވެ. ސްޓޭޓުގެ ޗީފް އެގްޒެކެޓިވްގެ މަގާމުގެ ކުރިން ހާލޭ ވަނީ ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގައި ހަ އަހަރު މަސައްކަތް ކުރައްވައިފަ އެވެ. އިންޑިއާގެ ޕަންޖާބުގެ ސިކުންގެ އާއިލާއަކަށް ނިސްބަތްވާ ހާލޭގެ މަންމަ އާއި ބައްޕަ ކެނެޑާ އަށް ފުރަތަމަ ހިޖުރަކުރީ ބައްޕަ އަށް ލިބުނު ޕީއެޗްޑީ ސްކޮލާޝިޕެއް ފުރިހަމަ ކުރުމަށެވެ. އޭގެ ފަހުން ހާލޭގެ އާއިލާ 1969 ވަނަ އަހަރު ސައުތު ކެރޮލީނާ އަށް ހިޖުރަ ކުރީ ބައްޕަ އަށް ޕްރޮފެސަރެއްގެ ވަޒީފާ ލިބުމުންނެވެ.