ގަލްފް އޮފް މެކްސިކޯގެ ތެރެއިން އެމެރިކާގެ ދެކުނު އައްސޭރިއާ ކައިރިން ކަނޑުގެ ސަރަހައްދުގައި މިހާރު އުފެދިފައި ހުރި ތޫފާން އައިޑާގެ ބާރު ގަދަވެ، ހަތަރު ވަނަ ދަރަޖައިގެ ތޫފާނަކަށް މިއަދު ބަދަލުވެއްޖެ އެވެ.
ގަޑިއަކު 130 މޭލު ބާރުމިނުގައި ވައިޖެހެމުންދާ މި ތޫފާން މިއަދުގެ މެންދުރު ފަހު ނުވަތަ މިއަދު ހަވީރުގެ ވަގުތެއްގައި ލޫޒިއާނާގެ އެއްގަމު ސަރަހައްދަށް އަރާނެ ކަމަށް، އެމެރިކާގެ ތޫފާންތަކާ ބެހޭ ގައުމީ އިދާރާ އިން ބުނެ އެވެ.
އެމެރިކާގެ ނޭޝަނަލް ވެދާ ސެންޓަރުން ބުނި ގޮތުގައި އައިޑާ ތޫފާނުގައި ރާޅު އެރުމާއި ފެންބޮޑުވުމުގެ ސަބަބުން، ލޫޒިއާނާގެ އިރުދެކުނު ސަރަހައްދުގެ ބައެއް އަވަށްތައް، ހަފުތާތަކެއް ނުވަތަ މަސްތަކެއް ވަންދެން ފަޅުވުން އެކަށީގެންވެ އެވެ. ގަދަ ވައިގެ ސަބަބުން އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބި، މީހުންގެ މުދަލާއި ހިފައިގެންގުޅޭ ސާމާނުތައް ވަޔަށް ބުރައިގެން ދިއުމުގެ ފުރުސަތު ވަރަށް ބޮޑެވެ.
އޭގެ އިތުރުން އެ ސަރަހައްދުތަކުން ކަރަންޓާއި މުވާސަލާތީ ހިދުމަތްވެސް ދިގު މުއްދަތަކަށް މެދުކެނޑުން އެކަށީގެންވާ ކަމަށް އެ އިދާރާ އިން ބުނެ އެވެ. ބޯ ވާރޭގެ ސަބަބުން، މަގުތަކުގައި ފެންބޮޑުވެ، ބޮޑެތި ހައިވޭތަކާއި މަގުތަކުގެ އިތުރުން ބްރިޖްތައް ބަންދުކުރަން ޖެހުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.
ތޫފާންގެ މިސްރާބު މިހާރު ހުރީ ލޫޒިއާނާއާ ދިމާލަށް އުތުރަށް ކަމަށްވެފައި، ތޫފާނުގެ ވައިގެ ބާރުމިން އަދިވެސް އިތުރަށް ގަދަވާނެ ކަމަށް ބެލެވޭތީ، ތޫފާން ދަތުރުކުރާނެ ކަމަށް ލަފާކުރެވޭ މިސްރާބުގައި ހިމެނޭ ސަރަހައްދުތަކުގެ މީހުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް، ކަމާ ބެހޭ އިދާރާތަކުން ވަނީ ގޮވައިލައިފަ އެވެ.
ތޫފާން އައިޑާގެ ބާރު ގަދަވަމުން އަންނަ އިރު، އެ ސަރަހައްދުގެ ވައިގެ ދަތުރުފަތުރުތައް މިހާރު ވަނީ ހުއްޓާލައިފަ އެވެ. އަދި ސްކޫލްތަކާއި ޔުނިވަސިޓީތައް ބަންދުކޮށް، ބައެއް ކާރުހާނާތައް ވެސް ވަނީ މަސައްކަތް މެދުކަނޑާލައިފަ އެވެ.
ތޫފާންތަކާ ބެހޭ ގައުމީ އިދާރާ އިން ބުނާ ގޮތުގައި ތޫފާން އައިޑާއަކީ، ވަރަށް ބާރުގަދަ އަދި އެހާމެ ގެއްލުން ބޮޑު ތޫފާނަކަށް ވާނެ ކަމަށް ބެލެވެ އެވެ. ތޫފާންގެ ކޮޅިގަނޑުގެ ވައި ގަދަވެ، މިއަދުގެ ވަގުތެއްގައި އެއްގަމަށް އަރާނެ ކަމަށް ބެލެވޭއިރު، ތޫފާނުގެ ދަރަޖަ މިހާރު ވަނީ ހަތަރު ވަނަ އަށް މަތިކޮށްފަ އެވެ. ހަތަރު ވަނަ ދަރަޖައިގެ ތޫފާންތަކުގައި އެވްރެޖް ގޮތެއްގައި ގަޑިއަކު 130 މޭލާއި 156 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައި ޖެހޭނެ އެވެ.
އެންމެ ބާރު ގަދަ ތޫފާނަށް ދީފައި އޮންނަނީ 5 ވަނަ ދަރަޖަ އެވެ. އެއީ ގަޑިއަކު 157 މޭލަށް ނުވަތަ އެއަށް ވުރެ ބާރަށް ވައިޖެހޭ ތޫފާންތަކެވެ.
އެމެރިކާގެ އިރުމަތީ ސަރަހައްދުތަކަށް މިއަދުގެ އިރު އެރި އިރު، ތޫފާނު އައިޑާ ހުރީ މިސިސިޕީ ކޯރުގެ ދެކުނުން 75 މޭލު ދުރުގަ އެވެ. އަދި ތޫފާން މިހާރު ދަތުރުކުރަމުން ދަނީ ގަޑިއަކު 15 މޭލު ބާރުމިނުގައި ލޫޒިއާނާއާ ވީ ދިމާލަށް އުތުރަށް ކަމަށް، އެމެރިކާގެ ނޭޝަނަލް ހަރިކޭން ސެންޓަރުން ބުނެ އެވެ.
އެ އިދާރާ އިން މިއަދު ބުނި ގޮތުގައި އައިޑާ ތޫފާން އެއްގަމަށް އަރާއިރު، ބާރުގަދަ ނަގޫރޯޅިތައް އުފެދުމުގެ އިތުރުން، ވަރަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވެ އެވެ. އެހެންކަމުން، ލޫޒިއާނާ އާއި ޕާލް ކޯރު ސަރަހައްދާއި ޕޮންޓްޗަޓްރައިން ކުޅި ސަރަހައްދާއި މޮރެޕަސް އަދި ނިއު އޯރްލީންސް ސަރަހައްދަށް މިހާރު ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްފަ އެވެ.
މީގެ އިތުރުން، އައްސޭރި ފަށުގެ ސަރަހައްދަށް ވަރަށް ބޮޑަށް އުދައެރުން އެކަށީގެންވާ ކަމަށް ވެސް ހަރިކޭން ސެންޓަރުން ބުނެ އެވެ. އައިޑާ ތޫފާން ލޫޒިއާނާއާ ކައިރިއަށް ޖެހެމުން އަންނަ ވަރަކަށް، އެ ސަރަހައްދުގެ ކަނޑުގެ ބާނިތައް ވަރަށް މައްޗަށް އުފުލޭނެ ކަމަށާއި، 10 ފޫޓާއި 15 ފޫޓާ ދެމެދުގެ އުސްމިނަކަށް ބާނިތައް އުފުލޭނެ ކަމަށް ވެސް އެ އިދާރާ އިން ބުންޏެވެ.
ލޫޒިއާނާގެ ގަވަރުނަރު ޖޯން ބެލް އެޑްވަޑް ވިދާޅުވި ގޮތުގައި އައިޑާ ތޫފާނާ ބެހޭ ގޮތުން މިހާރު ލިބެން ހުރި މައުލޫމާތަށް ބަލާއިރު، މި ތޫފާނަކީ 1850ގެ އަހަރުތަކުގެ ފަހުން ލޫޒިއާނާ އަށް އަރާ އެންމެ ބާރުގަދަ ތޫފާނަށް ވާނެ އެވެ.
ތޫފާނުން ލިބޭ ގެއްލުންތަކުން އާންމު ރައްޔިތުންނާއި މުދަލާއި ގެދޮރު ހިމާޔަތްކުރުމުގެ ގޮތުން، 4،000 ސިފައިން މިހާރު އަންނަނީ ހަރަކާތްތެރިވަމުންނެވެ. އަދި ތޫފާން އެއްގަމަށް އެރުމުން، އިތުރު 5،000 ސިފައިން އެ ސަރަހައްދަށް ފޮނުވާނެ ކަމަށް ލޫޒިއާނާގެ ގަވަރުނަރު ވިދާޅުވި އެވެ.
ތޫފާން އަރާނެ ކަމަށް ބެލެވޭ ސަރަހައްދުތަކުން ވަރަށް ގިނަ މީހުން މިހާރު ވަނީ، ރައްކާތެރި ދުރު ސަރަހައްދުތަކަށް ގޮސްފަ އެވެ. މިހާރު އެ ސަރަހައްދުތަކުގައި ތިބި މީހުން ވެސް، ތިން ދުވަހަށް ވާވަރަށް ގެއަށް ކާބޯތަކެއްޗާއި، ބޯފެން ވައްދައިގެން ރައްކާތެރިވެ ތިބުމަށް، ހޯމްލޭންޑް ސެކިއުރިޓީ ޑިޕާޓްމަންޓުން ވަނީ އަންގައިފަ އެވެ.
އެ ޑިޕާޓްމަންޓުން ބުނި ގޮތުގައި ތޫފާނުގައި އެންމެ ނުރައްކާތެރިވާނީ ފުރަތަމަ 72 ގަޑިއިރެވެ. އެ މުއްދަތުގެ ތެރޭގައި އެހީތެރިކަން ފޯރުކޮށްދިނުމަކީ ވެސް ދަތިކަމަކަށް ވާނެތީ، އެ މުއްދަތުގެ ތެރޭގައި ގެއިން ބޭރަށް ނުނިކުމެ ތިބުމަށް ވަނީ އަންގައިފަ އެވެ. އަދި ދެވެން އޮތް ނަމަ، ލޫޒިއާނާ އަށް މިއަދުގެ އިރު އޮއްސުމުގެ ކުރިން، ދުރު ހިސާބުތަކަށް ދިއުމަށް ވެސް ވަނީ އަންގައިފަ އެވެ.
ބައެއް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން، އައިޑާ ތޫފާންގެ ކޮޅިގަނޑުގެ ވައިގެ އަސަރު މިހާރު ވަނީ ނިއު އޯރްލީންސްގެ އައްސޭރިފަށަށް ފޯރަން ފަށައިފަ އެވެ.
އައިޑާ ތޫފާން މިއަދު ލޫޒިއާނާ އަށް އަރާއިރު، މިއަދަކީ ބާރުގަދަ ތޫފާން ކެޓްރީނާ އެ ސަރަހައްދަށް އެރިތާ 16 އަހަރު ފުރުނު ދުވަހެވެ. ކެޓްރީނާ ތޫފާން އެރުމުގެ ސަބަބުން އެ ސަރަހައްދުން 1،800 އަށް ވުރެ ގިނަ މީހުން މަރުވި އެވެ.