މިސްރުގެ ރައީސް އަބްދުލްފައްތާހް އައްސީސީ އެ ގައުމުގެ އަސްކަރިއްޔާގެ ބައެއް އިސް ޖެނެރަލުންނާ އެކު. --އޭއެފްޕީ
15 ސެޕްޓެމްބަރ 2021 - 13:45
އެމެރިކާ އިން މިސްރަށް ދޭ އަސްކަރީ އެހީގެ ވަކި މިންވަރެއް އެ ގައުމަށް ނުދީ ހިފެހެއްޓުމަށް އެމެރިކާ ސަރުކާރުން ނިންމައިފި އެވެ.
އެމެރިކާގެ ހާރިޖީ ވުޒާރާގެ ތަރުޖަމާނަކު އިއްޔެ ވިދާޅުވި ގޮތުގައި މިސްރަށް ދޭ އަސްކަރީ އެހީގެ ތެރެއިން ގާތްގަނޑަކަށް 130 މިލިއަން ޑޮލަރުގެ އަގުހުރި އެހީގެ ސާމާނު މިސްރަށް ނުދީ ހިފަހައްޓަން، ރައީސް ޖޯ ބައިޑެންގެ ސަރުކާރުން ނިންމީ، އިންސާނީ ހައްގުތަކަށް މިސްރު ސަރުކާރުން ހުރަސްއަޅާތީ އެވެ. ތަރުޖަމާނު ވިދާޅުވި ގޮތުގައި، މިސްރުގެ އިންސާނީ ހައްގުތައް ފުރިހަމައަށް ކަށަވަރުކޮށްދޭކަން، މިސްރު ސަރުކާރުން ޔަގީންކޮށްދިނުމުން ނޫނީ އެ އެހީތައް މިސްރަކަށް ނުދޭނެ އެވެ.
އެމެރިކާ ސަރުކާރުން އަންނަނީ ކޮންމެ އަހަރަކު ވެސް 1.3 ބިލިއަން ޑޮލަރުގެ އަސްކަރީ އެހީ، މިސްރަށް ދެމުންނެވެ. އޭގެ ތެރެއިން، 300 މިލިއަން ޑޮލަރަކީ، އިންސާނީ ހައްގުތަކަށް މިސްރު ސަރުކާރުން ހުރުމަތްތެރިކޮށް ހިތުމަށް ޝަރުތުކޮށް ދޭ ފައިސާ އެވެ. މިފަހަރު ހިފަހައްޓަން ނިންމި ފައިސާއަކީ 300 މިލިއަން ޑޮލަރުގެ ތެރެއިން ބައެކެވެ.
އެމެރިކާ އިން އަސްކަރީ އެހީގެ ގޮތުގައި ފައިސާ ދިން ނަމަވެސް، އެ ފައިސާ ދެނީ އެކި ކަންކަމާ މަތިކޮށްފަ އެވެ. އިންސާނީ ހައްގުތަކާ މަތިކޮށް ދޭން ކަނޑައަޅާފައިވާ 300 މިލިއަން ޑޮލަރުގެ ތެރެއިން 170 މިލިއަން ޑޮލަރަކީ، ޓެރަރިޒަމްގެ އަމަލުތައް ހުއްޓުވުމަށާއި، މިސްރުގެ ސަރަހައްދީ ރޮނގުގެ ސަލާމަތީ ކަންތައް ބެލެހެއްޓުމަށާއި، އަސްކަރީ ހަތިޔާރު ފެތުރުން ހުއްޓުވުމުގެ މަސައްކަތަށް ކަނޑައަޅާފައިވާ މިންވަރެވެ.
މިސްރުގެ ރައީސް އަބްދުލްފައްތާހް އައްސީސީ އެ ގައުމުގެ އަސްކަރިއްޔާގެ ބައެއް އިސް ޖެނެރަލުންނާ އެކު. --އޭއެފްޕީ
އެމެރިކާގެ ރައީސް ޖޯ ބައިޑެން އާއި ހާރިޖީ ވަޒީރު އެންޓޮނީ ބްލިންކެން ވިދާޅުވެފައިވަނީ، އެބޭފުޅުން އެމެރިކާގެ ވެރިކަމަށް ވަޑައިގަތީ އިންސާނީ ހައްގުތައް ހިމާޔަތްކުރުމަށް މަސައްކަތް ކުރުމުގެ ވައުދާ އެކުގައި ކަމަށެވެ. އެހެންކަމުން، އެމެރިކާގެ ގާތް ބައިވެރިއަކު ވިޔަސް، އިންސާނީ ހައްގުތަކަށް އިހުތިރާމް ނުކުރާ ނަމަ، އެ ގައުމަކާ ދެކޮޅަށް ފިޔަވަޅު އަޅުއްވާނެ ކަމަށް އެ ދެ ބޭފުޅުން ވިދާޅުވެ އެވެ.
އެމެރިކާ އިން މިސްރަށް ދޭ އަސްކަރީ އެހީގެ ތެރެއިން، އިންސާނީ ހައްގުތަކާ މަތިކޮށް ދެމުން އަންނަ ފައިސާ އެކުގައި ހިފެހެއްޓުމަށް ވެސް، އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ބައެއް މެމްބަރުން ގެންދަވަނީ ސަރުކާރަށް ގޮވައިލައްވަމުންނެވެ. އޭގެ ސަބަބެއް ކަމަށް އެ ބޭފުޅުން ވިދާޅުވަނީ، މިސްރުގެ ރައީސް އަބްދުލް ފައްތާހް ސީސީގެ ވެރިކަމުގައި ވެސް، ސިޔާސީ ކުށްވެރިންގެ ގޮތުގައި އެތައް ހާސް ބަޔަކު ޖަލުގައި ހައްޔަރުކޮށްފައި ތިބުމެވެ.
"ގާނޫނު ވާނީ ގާނޫނަށް. ގާނޫނު ބުނަނީ، އިންސާނީ ހައްގުތައް ހިމާޔަތް ކުރުމަށް އެކަށީގެންވާ މަސައްކަތެއް ކުރާކަން ކަށަވަރު ނުކުރެވޭ ނަމަ، އެ 300 މިލިއަން ޑޮލަރު ނުދެވޭނެ ކަމަށް. އަޅަން ޖެހޭ ފިޔަވަޅުގެ ދެބައިކުޅަ އެއްބައި އެޅުމުން އެކަކުވެސް ހިތްހަމައެއް ނުޖެހޭނެ،" ސެނެޓްގެ ޑިމޮކްރެޓިކް މެންބަރެއް ކަމަށްވާ ކްރިސް މާފީ ވިދާޅުވި އެވެ.
މިސްރަކީ ސްޓްރެޓީޖީ ގޮތުންނާއި އަސްކަރީ ގޮތުން މެދުއިރުމަތީގައި އޮތް، އެމެރިކާގެ ވަރަށް މުހިންމު ބައިވެރިއެކެވެ. އެއީ ޓެރަރިޒަމާ ދެކޮޅަށް މަސައްކަތް ކުރުމާއި އިޒްރޭލާ އެކުގައި ގާތް ސުލްހަވެރި ގުޅުމެއް އުފައްދާފައިވާތީ އެވެ.
އޭގެ އިތުރުން މި އަހަރުގެ މެއި މަހުގެ ތެރޭގައި އިޒްރޭލާއި ހަމާސްއާ ދެމެދު ކުރި ހަނގުރާމަ ނިމުމަކަށް ގެނެސް ދެފަރާތުން ހަތިޔާރު ބެހެއްޓުމުގައި މެދުވެރިއެއްގެ ގޮތުން، މިސްރުގެ ރައީސް ސީސީ އާއި މިސްރު ސަރުކާރުން ވަނީ ވަރަށް މުހިންމު ދައުރެއް އަދާކޮށްފަ އެވެ.
އެމެރިކާ އިން މިސްރަށް އަސްކަރީ އެހީތެރިކަން ފޯރުކޮށްދޭން ފެށީ، ސެޕްޓެމްބަރު 17، 1978 ގައި މިސްރާއި އިޒްރޭލާ ދެމެދު ސުލްހައިގެ އެއްބަސްވުން ގާއިމުކުރުމާ ގުޅިގެންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދެފުއްކެހެރި ރައިޓްސް
17 September 2021
ކޮބާ ސައުދީގެ އިންސާނީ ހައްގުތައް!! އެވާހަކަ ނުދައްކަނީ ހަތިޔާރު ޑީލްތައް މަދުވެދާނެތީތަ! ކޮބާ ޔަމަނު ރައްޔިތުންގެ ހައްގުތައް ސައުދީންނާއި ޔޫއޭއީން ހިންގާ ޖަރީމާތަޚޯ ޔަމަނުގައި
ބައިރޯ
15 September 2021
ތިއެހީ އަކީ ހަގީގަތުގައި އިޒްރޭލައް ދޭއެހީއެއް. މިސުރުއާ ބޯޑަރުވެގެން އޮންނާތީ، އެހެންވީމަތާ ރައްޔަތުން ހޮވިވެރިކަން ވައްޓާލާން އަބްދުލްފައްތާހް އައްސީސީއަތް ހުުއްދިނީ
ޝިޔާމް
15 September 2021
ކަލޭމެންތީ އިންސާނީ ހައްޤޭކިޔާ ވާހަކަ ދައްކަން މާ ރަގަޅު ބައެއްތަ؟؟؟؟
މާމާ
15 September 2021
ދިވެހިރާއްޖެއަކީ އިންސާނީހައްގު ހިފެހެއްޓުމުގައި ނަމޫނާ ގައުމެއް