އިޒްރޭލުން ދަަނީ ސުލްހަ އަށް ހުރަސް އަޅަމުން: އެމެރިކާ

ވޮޝިންޓަން (ޑިސެމްބަރު 5) - ފަލަސްތީނާ އެކު ސުލްހަ ގާއިމް ކުރުމަށް އިޒްރޭލުގެ ކަނާތު ފިޔައިގެ އޮފިޝަލުން ހުރަސް އަޅަމުންދާ ކަމަށް އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯން ކެރީ ވިދާޅުވެއްޖެ އެވެ.


އެމެރިކާގެ އެންމެ އިސް ޑިޕްލޮމެޓް ވިދާޅުވީ ފަލަސްތީނުގެ ބިންތަކުގައި ޔަހޫދީންނަށް ގެދޮރު އަޅައިދިނުމަކީ ފަލަސްތީނާ އެކު ސުލްހަ ހޯދާ ދެ ދައުލަތް ގާއިމް ކުރުމަށް އެންމެ ބޮޑަށް ހުރަސް އަޅާ ކަންތައް ކަމަށެވެ. އަަދި އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫގެ ސަރުކާރުގެ ބައެއް އޮފިޝަލުން ދެއްވާ ބަޔާންތަކުގެ ސަބަބުން ވެސް ސުލްހަ އަށް ހުރަސް އަޅާ ކަމަށް ކެރީ ވިދާޅުވި އެވެ.

"ނަތަންޔާހޫގެ ސަރުކާރުގެ 50 ޕަސެންޓަށް ވުރެ ގިނަ ވަޒީރުން ފާޅުގައި ވަނީ އެ މީހުން ސުލްހައާ ދެކޮޅު ހަދާ ކަމަށް ބުނެފައި. އަދި ފަލަސްތީނުގެ ދައުލަތެއް ނޯންނާނެ ކަމަށް އެ މީހުން ދަނީ ބުނަމުން،" އިޒްރޭލުގެ ސީނިއާ އޮފިޝަލުންނާއި އެމެރިކާގެ ސިޔާސަތު ކަނޑައަޅާ ފަރާތްތަކާ އެކު އަހަރަކު އެއް ފަހަރު ބާއްވާ ފޯރަމްގައި ކެރީ ވިދާޅުވި އެވެ.

ވީޑިއޯ މެދުވެރިކޮށް މި ފޯރަމްގައި ވާހަކަ ދައްކަވަމުން ނަތަންޔާހޫ ވަނީ ޔަހޫދީންނަށް ގެދޮރު ހެދުމަކީ ސުލްހަ އަށް ހުރަސް އަޅާ ކަމެއް ނޫން ކަމަށް ވިދާޅުވެފަ އެވެ. އަދި ޝަރުތަކާ ނުލައި ސުލްހައިގެ ވާހަކަތައް ފަށަން އިޒްރޭލުން ތައްޔާރަށް އޮތް ކަމަށް ވިދާޅުވި އެވެ. މީގެ އިތުރުން ނަތަންޔާހޫ ވަނީ އިޒްރޭލް ދައުލަތެއްގެ ގޮތުގައި އަރަބި ގައުމުތަކުން ބަލައިގަތުމަށް ވެސް އެދިވަޑައިގެންފަ އެވެ.