މެންޗެސްޓާ ސިޓީއާ ގުޅުނު ހާލަންޑް (ކ)، އަދި އެމްބާޕޭ ޕީއެސްޖީއާ އެކު ކޮންޓްރެކްޓް އާކުރިކަން އިއުލާން ކުރި ވަގުތު އެޓީމުގެ ރައީސް ނާސިރު އަލް ޚަލައިފީ އާއެކު (ވ). ލަ ލީގާ ޗެމްޕިއަން ރެއާލް މެޑްރިޑޫން ވަނީ ދެ ކުޅުންތެރިން ހޯދަން ވެސް މަސައްކަތް ކޮށްފައި.--
16 ޖޫން 2022 - 11:53
މެޑްރިޑް (ޖޫން 16) - އިންގްލެންޑުގެ މެންޗެސްޓާ ސިޓީ އާއި ފްރާންސްގެ ޕީއެސްޖީން ޔޫއެފާގެ ފައިނޭންޝަލް ފެއާ ޕްލޭ (އެފްއެފްޕީ) އާ ހިލާފުވިކަމަށް ބުނެ ސްޕެއިންގެ އެންމެ މަތީ ފަންތީގެ ފުޓުބޯޅަ ލީގު ކަމަށްވާ ލަ ލީގާ ޔޫރަޕުގެ ފުޓުބޯޅައިގެ މައި އިދާރާ (ޔޫއެފާ) ގައި މައްސަލަ ޖައްސައިފި އެވެ.
ލަ ލީގާގެ ރައީސް ހާވިއޭ ޓެބާސް ވަނީ މީގެ ކުރިން ވެސް ދެ ކުލަބަށް ބަހުގެ ހަމަލާތައް ދީ، ޕީއެސްޖީ އާއި ސިޓީ އަކީ "ސްޓޭޓް ކްލަބްތަކެއް" ގޮތުގައި ސިފަ ކުރައްވައިފަ އެވެ. އަދި މިދިޔަ މެއި މަހު ޕީއެސްޖީން މަލްޓި މިލިއަން ޑޮލަރުގެ ކޮންޓްރެކްޓެއް ފްރާންސްގެ ތަރި ކިލިއަން އެމްބާޕޭ އަށް ދިނުމުން އެކަމަށް ވެސް ޓެބާސް ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.
އޭގެ ފަހުންސިޓީ އިން ވަނީ ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމަންޑަށް ކުޅުނު ނޯވޭގެ ފޯވާޑް އާލިން ބްރައުޓް ހާލަންޑްގެ ރިލީސް ކްލޯސްގެ ގޮތުގައި 51 މިލިއަން ޕައުންޑް ދައްކައި އޭނާގެ ސޮއި ހޯދައިފަ އެވެ. ނަމަވެސް މުސާރަ އާއި އެޖެންޓް ފީއާ އެކު މި އެއްބަސްވުމުގެ ޖުމްލަ އަގު 250 މިލިއަން ޕައުންޑަށް ވުރެ ބޮޑުވާނެ ކަމަށް މީޑިއާތަކުން ރިޕޯޓް ކުރެ އެވެ.
ރެއާލް މެޑްރިޑަށް ނޫނެކޭ ބުނެ އެމްބާޕޭ ޕީއެސްޖީ ގައި މަޑުކުރީ 2025 ވަނަ އަހަރާ ހަމައަށް، ހަފްތާއަކު، އެއް މިލިއަން ޑޮލަރާ ގާތްކުރާ ވަރުގެ މުސާރައަކާ އެކު އެވެ. އަދި އެގްރިމެންޓްގެ ބޯނަހެއް ގޮތުގައި 100 މިލިއަން ޕައުންޑް ހުށަހެޅި އެވެ.
ސްޕެއިންގެ ރެއާލް މެޑްރިޑުން ވަނީ ހާލަންޑާއި އެމްބާޕޭ، މި ދެ ކުޅުންތެރިން ވެސް ހޯދަން މަސައްކަތް ކޮށްފަ އެވެ.
ލަ ލީގާގެ ރައީސް ހާވިއޭ ޓެބާސް.-- ފޮޓޯ: ގެޓީ އިމޭޖަސް
"މި ހަފްތާގައި ވާނީ ޕީއެސްޖީއާ ދެކޮޅަށް ޔޫއެފާގައި މައްސަލަ ޖައްސާފައި، މީގެ ކުރިން އޭޕްރީލް މަހު މެންޗެސްޓާ ސިޓީއާ ދެކޮޅަށް މައްސަލަ ހުށަހެޅިން، މި ދެ ކުލަބުން ވެސް އަންނަނީ ތަކުރާރުކޮށް މިހާރުގެ ފައިނޭންޝަލް ފެއާ ޕްލޭގެ ގަވާއިދުތަކަށް ގޮންޖަހަމުން،" ލަ ލީގާގެ ބަޔާނުގައި ވެއެވެ.
"ލަ ލީގާ އަށް ވިސްނޭ ގޮތުގައި މި ކްލަބުތަކުން ގަވާއިދާ ހިލާފަށް މުއާމަލާތްތައް ކުރިއަށް ގެންދަނީ ސީދާ ފައިސާ ހަރަދު ކޮށްގެން ނުވަތަ މާކެޓުގެ ހާލަތާ ނުގުޅޭ އަދި އިގްތިސާދީ މާނައެއް ނެތް ސްޕޮންސަޝިޕާއި އެހެނިހެން ކޮންޓްރެކްޓްތަކުގެ ތެރެއިން."
މިއީ ފައިނޭންޝަލް ފެއާ ޕްލޭ ގަވާއިދާ ހިލާފުވި ކަމަށް ބުނެ ލަ ލީގާ އިން ސިޓީ އާއި ޕީއެސްޖީ އަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން އެދުނު ފުރަތަމަ ފަހަރެއް ނޫނެވެ. ކުރިން 2017 އަދި 2018 ގައި ދެ ޓީމާ ދެކޮޅަށް މައްސަލަ ހުށަހަޅި އެވެ. އަދަބެއް ގޮތުން ސިޓީ އަށް ދެ ސީޒަން ވަންދެން ޗެމްޕިއަންސް ލީގު ނުކުޅެވޭގޮތަށް ޔޫއެފާ އިން 2020 ވަނަ އަހަރުގެ ފެބްރުއަރީ ގައި ނިންމި އެވެ. އެކަމަކު ސިޓީން އިސްތިއުނާފަށް ހުށަހެޅުމުން އެއަހަރުގެ ޖުލައި ކުޅިވަރުގެ އާބިޓްރޭޝަން ކޯޓް (ކާސް) އިން ވަނީ ޔޫއެފާގެ ނިންމުން ބާތިލު ކޮށްފަ އެވެ.
މެންޗެސްޓާ ސިޓީ އިން މިއާ ގުޅޭ ގޮތުން ވާހަކަ ދައްކާފައި ނުވި ނަމަވެސް އެ ކުލަބުގެ ޗެއާމަން ޙަލްދޫން އަލް މުބާރަކް ވަނީ 2019 ވަނަ އަހަރު ޓެބާސް ދިން ބަހުގެ ހަމަލާތަކަށް ރައްދު ދެއްވައިފަ އެވެ. ސިޓީ އިން ކުޅުންތެރިންގެ މާކެޓް އަގު އިންފްލޭޓް ކުރާކަމަށް ތުހުމަތު ކުރުމުން މުބާރަކް ވަނީ، އެންމެ ފުރަތަމަ ލުއިސް ފީގޯ އާއި ޒައިނުއްދީން ޒިދާންގެ ރެކޯޑް ޓްރާންސްފާ ތައް ފެށުނީ ކޮން ލީގަކުންތޯ ސުވާލު އުފައްދައިފަ އެވެ.
ޔޫއެފާ އިން ވަނީ އޭޕްރީލް މަހު ފައިނޭންޝަލް ފެއާ ޕްލޭގެ އާ ގަވާއިދު ފާސް ކޮށްފަ އެވެ. މިއާ އެކު ކުލަބުތަކަށް ވަނީ ތިން އަހަރުގެ މުއްދަތަކަށް 60 މިލިއަން ޔޫރޯގެ ގެއްލުމާ ކުރިމަތިލުމުގެ ފުރުސަތު ދީފަ އެވެ. މިއީ ކުރީގެ ފެއާ ޕްލޭ ގަވާއިދުގައިވާ ވަރަށް ވުރެ ދެގުނަ އިތުރު އަދަދެކެވެ. އަދި ކުލަބުގެ މާލީ ހާލަތު ރަނގަޅު ބައެއް ކުލަބުތަކަށް އަހަރަކު އިތުރު 100 މިލިއަން ޔޫރޯ ވެސް ހަރަދުކުރެވިދާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މެސީ1
17 June 2022
މިއިންވެސް އެނގެނީ ރިއަލްމެޑްރިޑު ގެ ނުފޫޒު އޮތް މިންވަރު ލަލީގާއަށް
އާސިމް
16 June 2022
ކަލޭ ތަންކޮޅެއް މައިތިރި ވާން ވެއްޖެ އެއްނު
ޑޮން 1
17 June 2022
ބުރޯ ލީގުން ކުޅުންތެރިން ހުސްވަނީއޭ ކިހިނަކުން ކެއްކުރާނީ
އަޖައިބުތަ
16 June 2022
ހެއްހެއްހޭ ބްލަ ސްޕެއިން ލީގު ތަކުގަ ކަމެއް ނެތީތާ
ޓެބާސް
16 June 2022
ލަލީގާ ގެ ޓީމްތަކުން ނޫނީ ރެކޯޑް ޓްރާންސްފާ ހެދުމަކީ ޔޫއެފާގެ ފައިނޭންޝަލް ފެއާ ޕްލޭ އާ ޚިލާފު އަމަލެއް.