ލިއްލެގެ ރެމީ (މ) އަތުން ބޯޅަ ހޯދަން ލިވަޕޫލްގެ ދެ ކުޅުންތެރިން މަސައްކަތްކުރަނީ. --ފޮޓޯ: އޭއެއެފްޕީ
22 ޖެނުއަރީ 2025 - 08:53
ފްރާންސްގެ ލިއްލެ އަތުން 2-1 އިން މޮޅުވެ އިންގްލެންޑުގެ ލިވަޕޫލުން، އަދި ޕޯޗުގަލްގެ ބެންފީކާ އަތުން 5-4 އިން މޮޅުވެ ސްޕެއިނުގެ ބާސެލޯނާ އިން ޔުއެފާ ޗެމްޕިއަންސް ލީގުގެ ގަދަ 8 ޓީމުގެ ތެރެއިން ޖާގަ ކަށަވަރުކޮށްފި އެވެ.
ލީގު އުސޫލުން 36 ޓީމުގެ މެދުގައި ކުޅޭ މި މުބާރާތުގެ ގަދަ 8 ޓީމަށް، މުބާރާތުގެ ގަދަ 16 ޓީމުގެ ބުރުން ސީދާ ޖާގައެއް ލިބޭނެ އެވެ. އަދި ނުވަ ވަނަ އާއި 24 ވަނަ އާ ދެމެދު ނިންމާ ޓީމުތަކަށް ގަދަ 16 ޓީމުގެ ބުރުން ފުރުސަތު ލިބޭނީ ޕްލޭއޮފް ބުރެއް ކުޅެގެންނެވެ.
މާނައަކީ ލިވަޕޫލާއި ބާސެލޯނާ އަށް ފެބްރުއަރީ މަހު ޗެމްޕިއަންސް ލީގު މެޗުތަކެއް ނެތި، ލީގަށް ފޯކަސްކުރަން ފުރުސަތު ލިބުމެވެ. އަނެއްކޮޅުން ގަދަ 16 ޓީމުގެ ބުރުގައި މި ދެ ޓީމަށް ލިބޭނީ ވެސް ފަސޭހަ ދެ ޓީމެވެ. އެއީ ސީޑުކޮށްފައި އޮންނާނެތީވެ އެވެ.
ލިވަޕޫލް ވަނީ ރޭގެ މޮޅާ އެކު، ލީގު ބުރުގެ ހުރިހާ މެޗަކުން މޮޅުވުމުގެ ރެކޯޑް ދަމަހައްޓައިފަ އެވެ. އެ ޓީމު އެއް ވަނައިގައި އޮތީ 21 ޕޮއިންޓާ އެކު އެވެ. އެއް މެޗުން ބަލިވެފައިވާ ބާސެލޯނާ ދެ ވަނައިގައި އޮތީ 18 ޕޮއިންޓާ އެކު އެވެ. ކޮންމެ ޓީމަކަށް ވެސް ލީގު ބުރުގައި ބާކީ ދެން އޮތީ އެންމެ މެޗެކެވެ.
ލިވަޕޫލުން ރޭ އަމިއްލަ ދަނޑުގައި ކުޅުނު މެޗުގެ 34 ވަނަ މިނެޓުގައި މުހައްމަދު ސަލާހު ކުރި ހޯދައިދިނެވެ. މިއީ އޭނާ އެ ޓީމަށް ޔޫރަޕުގައި ޖަހައިދިން 50 ވަނަ ގޯލެވެ. ލިއްލެ އަށް އުނދަގޫތަކެއް ކުރިމަތިވީ 59 ވަނަ މިނެޓުގައި އެ ޓީމުގެ އައިއްސަ މަންޑީ އަށް ރަތްކާޑެއް ދެއްކުމުންނެވެ. އެކަމަކު 62 ވަނަ މިނެޓުގައި ޖޮނަތަން ޑޭވިޑްގެ ގޯލުން އެ ޓީމުން އެއްވަރު ވެސް ކުރި އެވެ. ލިވަޕޫލް މޮޅުވީ 67 ވަނަ މިނެޓުގައި ހާވޭ އެލިއޮޓް ޖަހައިދިން ގޯލުންނެވެ.
ރޭ ބާސެލޯނާ އިން ރަށުން ބޭރުގައި މޮޅުވީ ވަރަށް ވާދަވެރި، ފޯރިގަދަ މެޗަކަށް ފަހު އެވެ. މި މެޗުގެ ދެ ވަނަ މިނެޓުގައި ވަންގެލިސް ޕަވްލިޑިސް ބެންފީކާ އަށް ކުރި ހޯދައިދިނެވެ. އަދި 13 ވަނަ މިނެޓުގައި ޕެނަލްޓީއަކުން ރޮބަޓް ލެވޮންޑޮސްކީ ބާސެލޯނާ އަށް އެއްވަރުކޮށްދިނެވެ. ދެން ފެނިގެން ދިޔައީ ކައިރިކައިރީގައި ދެ ގޯލު ޖަހައި ޕަވްލިޑިސް ހެޓްރިކް ފުރިހަމަކޮށް ބެންފީކާ އަށް 3-1 އިން ލީޑު ހޯދައިދިންތަނެވެ. ބާސެލޯނާ އަށް ލީޑު ކުޑަކޮށްދިނީ 64 ވަނަ މިނެޓުގައި ރަފީނިއާ އެވެ. އޭގެ ހަތަރު މިނެޓު ފަހުން ރޮނާލްޑޯ އަރައުހޯ އަތުން ބައިކޮޅަށް ވަން ގޯލުން ބެންފީކާ އިން 4-2 އަށް ލީޑު ފުޅާކުރި އެވެ.
އެ ހިސާބުން ބާސެލޯނާ އަށް ދެން މޮޅުނުވެވޭނެ ކަމަށް ބެލެވުނު ނަމަވެސް، 78 ވަނަ މިނެޓުގައި ލެވަންޑޮސްކީ ޕެނަލްޓީއަކުން ތަފާތު ކުޑަކޮށްދިނެވެ. އަދި 86 ވަނަ މިނެޓުގައި އެރިކް ގާސިއާ އެއްވަރުކޮށްދިނެވެ. ބާސެލޯނާ މޮޅުވީ އިތުރު ވަގުތުގެ ތެރޭގައި ރަފީނިއާ ޖެހި ގޯލުންނެވެ.
ބާސެލޯނާގެ ކޯޗު ހަންސީ ފްލިކް ބުނީ މި މޮޅުގެ ސިއްރަކީ ކުޅުންތެރިން ނަފުސާނީ ގޮތުން ވަރުގަދަވުން ކަމަށާއި، މިއީ އާދަޔާހިލާފު ނަތީޖާއެއް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy