ރެއާލުގެ އެޑާ މިލިޓޯ (މ) އަށް ލިވަޕޫލުގެ ވެން ޑައިކް ހުރަސް އަޅަނީ. -- ފޮޓޯ: އޭއެއެފްޕީ
05 ނޮވެމްބަރ 2025 - 07:45
ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ، މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ ސްޕެއިނުގެ ރެއާލް މެޑްރިޑް 1-0 އިން ބަލިކޮށް އިންގްލެންޑުގެ ލިވަޕޫލުން ބޮޑު ހިތްހަމަޖެހުމެއް ހޯދައިފި އެވެ.
ބޮޑު އަގުގައި ކުޅުންތެރިން ގަނެ ސީޒަނާ ކުރިމަތިލީ ލިވަޕޫލަށް ފަހަކަށް އައިސް އެންމެ އެދެވޭ ނަތީޖާއެއް ނުނެރެވި އޮއްވާ މި ލިބުނު މޮޅަކީ އާ ފެށުމެއްގެ ގޮތުގައި އެ ޓީމުން ސިފަކުރެ އެވެ.
"އެކަމަކު އެބަޖެހޭ ހަމަޖެހިލަން. ފުޓްބޯޅައިގެ ކަމެއް ބަދަލުވާން ނުނަގާނެ ހިނދުކޮޅެއް ވެސް،" ލިވަޕޫލުގެ ކެޕްޓަން ވާޖިލް ވެން ޑައިކް ބުންޏެވެ.
އެންމެ ފަހުން ކުޅުނު 8 މެޗުގެ ތެރެއިން ހަ މެޗުން ބަލިވި ޓީމު ޗެމްޕިއަންސް ލީގުގައި އޮތީ ހަތަރު މެޗުން ނުވަ ޕޮއިންޓާ އެކު ހަ ވަނައިގަ އެވެ. މުބާރާތުގައި ފުރަތަމަ ފަހަރަށް ބަލިވި ރެއާލް އަތުގައި ވެސް ޕޮއިންޓް އޮތީ އެ އަދަދަށެވެ. އެކަމަކު ލަނޑުގެ ތަފާތުން އެ ޓީމު އޮތީ ފަސް ވަނައިގަ އެވެ.
ލިވަޕޫލުގެ އެންފީލްޑް ސްޓޭޑިއަމުގައި ކުޅުނު މި މެޗުގެ ހަމައެކަނި ގޯލް 61 ވަނަ މިނެޓުގައި ވައްދާލީ އާޖެންޓީނާ މިޑްފީލްޑަރު އެލެކްސިސް މެކް-އެލިސްޓާ އެވެ. އެ ޓީމަށް ގޯލް ޖަހާނެ އިތުރު ފުރުސަތުތަކެއް ވެސް ލިބުނެވެ. ހުރަސް އެޅީ ރެއާލުގެ ގޯލްކީޕަރު ތިބައޫ ކޯޓުއާ އެވެ.
ލިވަޕޫލާ އެކު 2005 ގައި ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ޒަބީ އޮލޮންސޯގެ ކޯޗުކަމުގައި ކުޅޭ ރެއާލް ކުޅުނު 20 މެޗުގެ ތެރެއިން މިއީ ބަލިވި ދެ ވަނަ މެޗެވެ. ފުރަތަމަ މެޗަކީ ސްޕެނިޝް ލީގުގައި އެތުލެޓިކޯ މެޑްރިޑް އަތުން 5-2 އިން ބަލިވި މެޗެވެ. ރޭ ކޯޓުއާ މުހިއްމު ސޭވްތަކެއް ނުކުރި ނަމަ އެ ފަދަ ސްކޯލައިނެއް ނުކުތީހެވެ.
އޮލޮންސޯ ބުނީ ބަލިވިޔަސް މާބޮޑު ޝަކުވާއެއް ނެތް ކަމަށާއި، މިއީ ލީގު ބުރުކަމުން ގެއްލުނު ތިން ޕޮއިންޓް ހޯދޭނެ ކަމަށެވެ.
"ބަލިވީ ކުދިކުދި ތަފާތުތަކެއްގެ ސަބަބުން. އެޓޭކުގައި ނުރައްކާ ކުޑަކޮށް ފެނުނީ،"
ލިވަޕޫލް ދޫކޮށް މި ސީޒަނުގައި ރެއާލަށް ބަދަލުވި އެލެކްސެންޑާ އާނޯލްޑް ފަހު ވަގުތު ކުޅެން އެރުމުން ލިވަޕޫލް ސަޕޯޓަރުން ވަނީ އޭނާ އަށް ހަޅޭއްލައި، ދިމާކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy