ލަންޑަން (އޭޕްރީލް 27) - ވަގުތީ ކޯޗު ކެލަމް މެކްފާލޭންގެ އިރުޝާދުގެ ދަށުން 1-0 އިން ލީޑްސް ޔުނައިޓެޑް ބަލިކޮށް ޗެލްސީ، އެފްއޭ ކަޕްގެ ފައިނަލަށް ދަތުރު ކޮށްފި އެވެ.

ޗެލްސީ ރޭ ކުޅުނު ސެމީ ފައިނަލް މެޗުގައި އެ ޓީމުގެ ހަމަ އެކަނި ލަނޑު ފުރަތަމަ ހާފުގައި ބޮލުން ޖަހައިދިނީ އެންޒޯ ފެނާންޑޭޒް އެވެ.

މި މޮޅާ އެކު އަންނަ މަހުގެ 16 ވަނަ ދުވަހުގެ ރޭ އެފްއޭ ކަޕްގެ ފައިނަލްގައި ޗެލްސީ ނުކުންނާނީ ޕެޕް ގާޑީއޯލާގެ މެންޗެސްޓާ ސިޓީއާ ދެކޮޅަށެވެ.

މިދިޔަ ހަފްތާ ބްރައިޓަން އަތުން 3-0 އިން ބަލިވި މެޗަށް ފަހު ޗެލްސީގެ ހެޑް ކޯޗުގެ މަގާމުގައި ހުރި ލިއަމް ރޮސޭނިއޯ ވަނީ މަގާމުން ވަކި ކޮށްފަ އެވެ. ލީގުގައި ލަނޑެއް ނުޖެހި ޖެހިޖެހިގެން ފަސް މެޗުން ބަލި ވުމުގެ އިތުރުން ރޭގެ މެޗުގެ ކުރިން ރޮސޭނިއޯ އާއެކު ޗެލްސީ އެންމެ ފަހުން ކުޅުނު އަށް މެޗުގެ ތެރެއިން ވަނީ ހަތް މެޗުން ބަލި ވެފަ އެވެ.

ރޮސޭނިއޯގެ ބަދަލުގައި މި ސީޒަންގެ ނިޔަލަށް ޗެލްސީއަށް އިރުޝާދުދޭން ހަވާލުވި އެސިސްޓެންޓް ކޯޗު މެކްފާލޭން ވަނީ މީގެ ކުރިން ވެސް މި ސީޒަންގައި ޗެލްސީއަށް އިރުޝާދު ދީފަ އެވެ. އެންޒޯ މަރެސްކާ މަގާމުން ވަކި ކުރުމުން، ރޮސޭނިއޯ ހަވާލު ވުމުގެ ކުރިން ޖެނުއަރީ މަހު މެކްފާލޭން ޗެލްސީއަށް ފުރަތަމަ އިރުޝާދު ދިނީ މެންޗެސްޓާ ސިޓީއާ ދެކޮޅަށެވެ. އެ މެޗު 1-1 އިން އެއްވަރު ވި އިރު، ދެން ކުޅުނު މެޗުގައި ޗެލްސީ ވަނީ 2-1 އިން ފުލަމް އަތުން ބަލި ވެފަ އެވެ.

މެކްފާލޭން ވަނީ މީގެ ކުރިން މެންޗެސްޓާ ސިޓީގެ އެކަޑަމީގައި 2023 އަންނަންދެން މަސައްކަތް ކޮށްފަ އެވެ. އެއަށް ފަހު ސައުތެމްޓަންގެ އެކަޑަމީއާ ގުޅި، އެ ކްލަބްގެ 21 އަހަރުން ދަށުގެ ހެޑް ކޯޗުގެ މަގާމު އަދާ ކުރުމަށް ފަހު ޗެލްސީގެ 21 އަހަރުން ދަށުގެ ހެޑް ކޯޗުކަމާ ހަވާލުވީ މިދިޔަ އަހަރެވެ. އަދި މި އަހަރު ޖެނުއަރީ މަހު ޗެލްސީގެ ސީނިއާ ޓީމަށް ވަގުތީގޮތުން އިރުޝާދު ދިން ފަހުން އޭނާ ވަނީ ރޮސޭނިއޯގެ ކޯޗިން ޓީމުގައި ހިމެނިފަ އެވެ.