އެތުލެޓިކޯ މެޑްރިޑް 1-0 ން ބަލިކޮށް، 20 އަހަރަށް ފަހު ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލުން އާސެނަލް ޖާގަ ހޯދައިފި އެވެ.
އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު ސެމީ ފައިނަލްގެ ދެވަނަ ލެގު އާސެނަލް އިން ކާމިޔާބު ކުރީ ބުކާޔޯ ސާކާ ޖަހައިދިން ގޯލުންނެވެ. މިއީ އެ ކްލަބްގެ ތާރީހުގައި ޗެމްޕިއަންސް ލީގުގެ ފައިނަލަށް ދަތުރު ކުރި ފަހަރެވެ.
އާސެނަލުގެ މި ދަތުރު ކޯޗު މިކޭޅް އާޓެޓާ ސިފަ ކުރީ އާދަޔާހިލާފް ރެއެއްގެ ގޮތުގަ އެވެ.
"މިއީ އާދަޔާހިލާފް ރެއެއް. އަހަރެމެން އެންމެން އެކުވެގެން އަނެއްކާވެސް ތާރީހު އިއާދަކޮށްފިން. ސްޓޭޑިއަމްގެ ބޭރުން އަހަރެމެންނަށް ކިޔާފައިވާ މަރުހަބާ އަކީ ވަރަށް ހާއްސަ އަދި ތަފާތު މަރުހަބާއެއް،" އާޓެޓާ ބުންޏެވެ.
"ކޮންމެ މީހަކަށް ވެސް މިކަމުގެ މުހިންމުކަން އިހުސާސް ކުރެވޭނެ. ކުޅުންތެރިން ކުރީ އާދަޔާހިލާފު މަސައްކަތެއް. 20 އަހަރަށް ފަހު އަހަރެމެން އަނެއްކާވެސް ޗެމްޕިއަންސް ލީގު ފައިނަލުގައި މިތިބީ."
ހަންގޭރީގެ ބުޑަޕޭސްޓްގައި މި މަހު 30 އަށް ތާވަލުކޮށްފައިވާ ފައިނަލްގައި އާސެނަލް ނުކުންނަން ޖެހޭނީ ބަޔާން މިއުނިކް ނުވަތަ ޕީއެސްޖީއާ ދެކޮޅަށެވެ.
މެޗަށްފަހު އާޓެޓާ ވަނީ ސަޕޯޓަރުން ދިން ހޫނު ތަރުހީބަށް ވަރަށް ބޮޑަށް ތައުރީފުކޮށްފަ އެވެ. މެޗު ފެށުމުގެ ދެ ގަޑިއިރު ކުރިން ސަޕޯޓަރުން ވަނީ ޓީމު ބަހަށް މަރުހަބާ ކިޔުމަށް މަގުތަކަށް ނުކުމެފަ އެވެ.
އަނިޔާއަށްފަހު އެނބުރި އައިސް މުހިންމު ގޯލެއް ޖަހައިދިން ސާކާ ވެސް ހުރީ ސަޕޯޓަރުންގެ ފަރާތުން ފެނުނު މަންޒަރުތަކުން އަންތަރީސްވެފަ އެވެ.
"މެޗު ފެށުމުގެ ކުރިން ބަހުގައި ސްޓޭޑިއަމަށް އައި އިރުވެސް މިކަން ފެށިއްޖެ. އަހަރެން ދުވަހަކުވެސް މިފަދަ މަންޒަރެއް ނުދެކެން. މިއީ ވަރަށް ރީތި ވާހަކައެއް، އަދި މި ވާހަކަ ބުޑަޕެސްޓްގައި ރީތި ގޮތަކަށް ނިމޭނެ ކަމަށް އުންމީދު ކުރަން،" ސާކާ ބުންޏެވެ.