ފީފާ ވޯލްޑް ކަޕްގައި ކުޅޭ އެންމެ އުމުރުން ދުވަސްވީ އައުޓްފީލްޑް ކުޅުންތެރިޔާގެ ރެކޯޑު މުގުރާލުމުގެ ފުރުސަތު ގަތަރުގެ ތަޖުރިބާކާރު ފޯވާޑް ސެބަސްޓިއަން ސޮރިއާއަށް ލިބިއްޖެ އެވެ.
އަންނަ މަހުގެ 11 ވަނަ ދުވަހު ފަށާ ވޯލްޑް ކަޕަށް ގަތަރުން އެކުލަވާލި 34 ކުޅުންތެރިންގެ ޕްރިލިމިނަރީ ސްކޮޑުގައި އުމުރުން 42 އަހަރުގެ ސޮރިއާ ވަނީ ހިމަނާފަ އެވެ.
ގަތަރުގެ ކޯޗު ހޫލެން ލޮޕެޓެގީ އެކުލަވާލި މި ސްކޮޑުން 26 ކުޅުންތެރިންގެ ފައިނަލް ލިސްޓަށް ސޮރިއާ ހޮވި، މުބާރާތުގެ މެޗެއްގައި ކުޅެފިނަމަ، އޭނާ ވެގެންދާނީ ވޯލްޑް ކަޕްގެ 96 އަހަރުވީ ތާރީހުގައި ކުޅޭނެ އެންމެ ދުވަސްވީ އައުޓްފީލްޑް ކުޅުންތެރިޔާ އަށެވެ.
މިހާރު މި ރެކޯޑު އޮންނަނީ 1994 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ކެމަރޫން ޓީމަށް ކުޅުނު ރޮޖާ މިލާގެ އަތުގަ އެވެ. މިލާ އެ ރެކޯޑު ހެދިއިރު އޭނާގެ އުމުރަކީވެސް 42 އަހަރެވެ. ނަމަވެސް، ސޮރިއާ މި މުބާރާތުގައި ކުޅެފިނަމަ އޭނާ، މިލާގެ އުމުރަށްވުރެ ދުވަސްވީ ކުޅުންތެރިޔަކަށް ވާނެ އެވެ.
ވޯލްޑް ކަޕްގައި މިހާތަނަށް ކުޅުނު އެންމެ ދުވަސްވީ ކުޅުންތެރިޔަކީ 2018 ވަނަ އަހަރު އުމުރުން 45 އަހަރުގައި ކުޅުނު މިސްރުގެ ގޯލްކީޕަރު އީސާމް އަލް ހަދަރީ (ނުވަތަ ހަޟަރީ) އެވެ.
މިއަހަރުގެ މުބާރާތުގައި ސްކޮޓްލޭންޑްގެ 43 އަހަރުގެ ކީޕަރު ކްރެއިގް ގޯޑަން ފެނުމުގެ ފުރުސަތު އޮތް ނަމަވެސް، އައުޓްފީލްޑް ކުޅުންތެރިއެއްގެ ގޮތުން ސޮރިއާގެ ނަން ތާރީޚުގައި ލިޔެވިގެންދާނެ އެވެ.
އުރުގުއޭ އަށް އުފަން ސޮރިއާގެ ބައިނަލްއަގުވާމީ ކެރިއަރު 2017 ވަނަ އަހަރު ނިމުނުކަމަށް ބެލެވުނު ނަމަވެސް، އޭނާ ވަނީ އަލުން ޓީމަށް އެނބުރި އައިސް ކޮލިފައިންގެ މުހިންމު މެޗުތަކުގައި ކުޅެފަ އެވެ. ގަތަރުގެ ޤައުމީ ޖާޒީގައި އަލުން ކުޅެން ލިބުމަކީ ބޮޑު ފަހުރެއް ކަމަށް ސޮރިއާ ވަނީ ބުނެފަ އެވެ.
އޭނާ ގަތަރު ލީގުގައި ކުޅެން ފެށީ 2004 ވަނަ އަހަރު އެވެ. ފުޓްބޯޅަ ކެރިއަރުގެ ކުރީކޮޅު ގަތަރަށް ބަދަލުވެ، އެ ގައުމުގެ ރަށްވެހިކަން ހޯދި ސޮރިއާ ވަނީ 2006 ވަނަ އަހަރުގެ އޭޝިއަން ގޭމްސްގައި ގަތަރުގެ 23 އަހަރުން ދަށުގެ ޓީމާ އެކު ރަން މެޑަލް ހޯދާފަ އެވެ.
މި އަހަރުގެ ވޯލްޑް ކަޕްގައި ގަތަރު ހިމެނެނީ ކެނެޑާ، ސްވިޒަލޭންޑް އަދި ބޮސްނިއާ އާއެކު އެއް ގްރޫޕެއްގަ އެވެ. ގަތަރުގެ ފުރަތަމަ މެޗު އޮންނާނީ ޖޫން 13 ވަނަ ދުވަހު ސެން ފްރަންސިސްކޯގައި ސްވިޒަލޭންޑާ ދެކޮޅަށެވެ.
ގަތަރު މިއަހަރުގެ ވޯލްޑް ކަޕްގައި ހިމެނެނީ ކެނެޑާ، ސްވިޒަލޭންޑް އަދި ބޮސްނިއާ އާއެކު އެއް ގްރޫޕެއްގަ އެވެ. ގަތަރުގެ ފުރަތަމަ މެޗު އޮންނާނީ ޖޫން 13 ވަނަ ދުވަހު ސެން ފްރަންސިސްކޯގައި ސްވިޒަލޭންޑާ ދެކޮޅަށެވެ.