މެޑްރިޑް (މެއި 22) - އަންނަ ސީޒަންގައި ހޯޒޭ މޮރީނިއޯގެ ދަށުން ކްލަބްގައި މަސައްކަތް ނުކުރާނެ ކަމަށާއި މި ސީޒަން ނިމުމުން، ރެއާލް މެޑްރިޑް ދޫކޮށްލާނެ ކަމަށް އެ ޓީމުގެ ކޯޗު އަލްވަރޯ އާބެލޮއާ ބުނެފި އެވެ.
ރެއާލްގެ ބީ ޓީމަށް ކޯޗު ކޮށެދެމުން އައި އާބެލޮއާ އާ ސީނިއާ ސްކޮޑްގެ ކޯޗުކަން ސީޒަން ނިމެންދެން ހަވާލު ކުރީ މިދިޔަ ޖެނުއަރީ މަހު ޒަބީ އޮލޮންސޯ މަގާމުން ދުރު ކުރުމަށް ފަހު އެވެ. ނަމަވެސް އުމުރުން 43 އަހަރުގެ އާބެލޮއާ، މި ސީޒަން ނިމުމާ އެކު، ކްލަބް ދޫކޮށްލަން ވަނީ ނިންމައިފަ އެވެ.
އަންނަ ސީޒަނަށް މޮރީނިއޯ ގެންނަން ރެއާލް އިން ނިންމާފައިވާއިރު، މީގެ ކުރިން 2010 އިން 2013 އަށް ރެއާލަށް ކޯޗު ކޮށްދިން މޮރީނިއޯ މި ސީޒަންގައި ފެނުނީ ޕޯޗުގަލްގެ ބެންފީކާގެ ބެންޗުންނެވެ.
"މޯ [މޮރީނިއޯ] ގެ ވަރަށް މޮޅު ޓެކްނިކަލް ޓީމެއް އޮންނާނެ، އޭނާގެ ވަށައިގެން އުޅޭނީ ވަރަށް ގާބިލް ޓީމެއް. އޭނާ މެޑްރިޑަށް އަންނަ ނަމަ އަންނާނީ އޭނާގެ ޓީމު ގޮވައިގެން،" މޮރީނިއޯގެ ކޯޗިން ސްޓާފުންނާ އެކު އާބެލޮއާ ރެއާލްގައި މަޑުކުރުމުގެ ވިސްނުމެއް ނުގެންގުޅޭކަން ހާމަ ކުރަމުން އާބެލޮއާ ބުންޏެވެ.
"އަހަރެން އޭނާއާ ގުޅުމުގެ އެއްވެސް ފުރުސަތެއް ނެތް. އަހަރެންގެ ކުރިމަގާ ގުޅޭގޮތުން، އެކަމާ ވިސްނާނީ ހޯމަ ދުވަހަށް ފަހު."
ރެއާލް މި ސީޒަން ނިންމާލާނީ ތައްޓެއް ނުލިބި، ސްޕެނިޝް ލަލީގާގެ ދެވަނައިގަ އެވެ. އަދި މިއީ ރެއާލް ތައްޓެއް ނުލިބި ޖެހިޖެހިގެން ނިންމާލާނެ ދެވަނަ ސީޒަނެވެ.
އާބެލޮއާ އަކީ ރެއާލްގެ އެކަޑަމީން ތަމްރީނު ވެގެން ރެއާލުން ތައާރަފް ކުރި ކުޅުންތެރިއެކެވެ. އޭނާ ވަނީ ރެއާލްގެ ސީނިއާ ޓީމާ އެކު 2009 އިން 2016 އާ ދޭތެރޭ އަށް ސީޒަން ކުޅެ، ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ. މޮރީނިއޯގެ ކޯޗު ކަމުގައި ކުޅުނު ތިން ސީޒަންގައި އޭނާ ވަނީ 100 އަށް ވުރެ ގިނަ މެޗު ކުޅެދީ، ލަ ލީގާ އާއި ކޮޕަ ޑެލް ރޭ އަދި ސްޕެނިޝް ސުޕަ ކަޕް ކާމިޔާބު ކޮށްފަ އެވެ. އޭނާ އުންމީދު ކޮށްގެން ހުރީ ކުރިއަށް އޮތް ތަނުގައި ރެއާލަށް އެނބުރި އައިސް ހިދުމަތް ކުރުމަށެވެ.
"އަހަރެން އުންމީދަކީ ފަހުން އަދި ކޮންމެވެސް ދުވަހަކުން މި ކްލަބަށް އެނބުރި އައުން. މިއީ އަބަދުވެސް އަހަރެންގެ ގެއަކީ. މެޑްރިޑްގައި އެކި މަގާމްތަކުގައި އަހަރެން 20 އަހަރު ހޭދަ ކޮށްފިން،" އާބެލޮއާ ބުންޏެވެ.
"މި މެޗު [ހޮނިހިރު ދުވަހުގެ ރޭ ކުޅޭ ލީގުގެ ފަހު މެޗު] ވެގެން ދާނީ މި ސީޒަންގައި ރެއާލްގެ ކޯޗެއްގެއ ގޮތުގައި އަހަރެންގެ ފަހު މެޗަށް. އެކަމަކު އުންމީދަކީ މިއީ އަހަރެންގެ ކެރިއަރުގައި ރެއާލަށް ކޯޗު ކޯށްދޭ ފަހު މެޗަށް ނުވުން."
ރެއާލް މި ސީޒަންގައި ކުޅޭ ފަހު މެޗުގައި މާދަމާ ރޭ އަމިއްލަ ދަނޑުގައި ކުޅޭނީ އެތުލެޓިކް ބިލްބާއޯއާ ދެކޮލަށެވެ.