ގެބްރިއެލް މަގަޅޭސް ވަނީ ޓްރޭނިންތަކުގައި ވަރަށް ރަނގަޅަށް ޕެނަލްޓީ ޖަހަން ޕްރެކްޓިސް ކޮށްފައި ކަމަށާއި، ޕްރެކްޓިސްގައި އޭނާ ވަނީ ޕެނަލްޓީ ޖެހުމުގެ ކުޅަދާކަންކަން ދައްކާލާފައި ކަމަށް އާސެނަލްގެ ކޯޗު މިކެލް އާޓެޓާ ބުނެފި އެވެ.
ބުދަޕެސްޓުގައި ރޭ އާސެނަލް އިން 120 މިނިޓު ވަންދެން ވަރުގަދައަށް ޑިފެންސް ކުރި އިރު، ޑިފެންސުގައި އެންމެ މުހިއްމު އެއް ކުޅުންތެރިއަކީ ގެބްރިއެލް މަނގަޅޭސް އެވެ. މީގެ ކުރިން އާސެނަލްގެ މެޗެއްގައި އޭނާ ޕެނަލްޓީއެއް ޖަހާފައި ނުވި ނަމަވެސް ރޭގެ ފައިނަލްގައި އާސެނަލްގެ ފަސްވަނަ ޕެނަލްޓީ ޖަހަން ގެބްރިއެލް ފޮނުވީ އޭނާ ޕެނަލްޓީ ޖަހަން ބޭނުން ވެގެން ކަމަށް އާޓެޓާ ވަނީ ބުނެފަ އެވެ.
"އޭނާ ޖަހަން ބޭނުންވީ. އޭނާ ވަނީ ޓްރޭނިންތަކުގައި ވަރަށް ރަނޅަށް ތައްޔާރުވެސް ވެފަ،" މެޗަށް ފަހު އާޓެޓާ ބުންޏެވެ.
ނަމަވެސް އެންމެ މުހިއްމު ވަގުތު، ގެބްރިއެލް އާސެނަލްގެ މެޗެއްގައި ފޮނުވާލި ފުރަތަމަ ޕެނަލްޓީ ވަނީ ނާކާމިޔާބު ވެފަ އެވެ.
ގެބްރިއެލް ވަނީ ފައިނަލް މެޗުގައި ޕީއެސްޖީގެ ނުރައްކާތެރި އެޓޭކްތައް ހުއްޓުވުމުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. އެގޮތުން 13 ކްލިއަރެންސް ހެދި އިރު، އެ ޓީމުގެ އުސްމާން ޑެމްބެލޭ އާއި ކިވިޗާ ކްވަރަޓްސްކޭލިއާ އަދި ޑިޒިރޭ ޑޫއޭ ފަދަ ކުޅުންތެރިން ގިނަ ވަގުތު ކޮންޓްރޯލް ކުރީ އޭނާ އެެވެ.
"ޗެމްޕިއަންސް ލީގު ފައިނަލެއްގައި ޕެނަލްޓީ ނާކާމިޔާބު ވުމަކީ އެންމެ ބޭނުންވާ ގޮތެއް ނޫން، އެކަމަކު އަހަރެމެން މި ތިބީ އެ ކުޅުންތެރިންނާ އެކު. އެ މީހުންނަކީ ފައިނަލްގައި ޕެނަލްޓީ ނާކާމިޔާބު ވާނެ އެންމެ ފަހު ކުޅުންތެރިންނެއް ނޫން،" ގެބްރިއެލްގެ އިތުރުން ޕެނަލްޓީ ނާކާމިޔާބުވި އެބެރޭޗީ އެޒީ އާއެކު ޓީމު ތިބިކަން ހާމަކުރަމުން އާސެނަލްގެ މިޑްފީލްޑަރު ޑެކްލަން ރައިސް ބުންޏެވެ.
"ކޮންމެ މީހެއް އަތުން ވެސް ޕެނަލްޓިއެއް ނާކާމިޔާބު ވެދާނެ، އެކަމަކު އެ ދެ މީހުނާ ނުލައި އަހަރެމެންނަށް ޕްރިމިއާ ލީގު ކާމިޔާބު ނުވީސްކަން ޔަގީން. އެޒީ ވެސް ވަނީ މުހިއްމު ގޯލުތަކެއް ޖަހައިދީފަ. ފުޓްބޯޅައިގައި މިފަދަ ކަންކަން ދިމާވާނެ، އަހަރެމެން ޖެހޭނީ ހެޔޮ ވިސްނުމަކާ އެކު ކުރިއަށް ދާން."
ޕެނަލްޓީ ޝޫޓައުޓްގެ ނާކާމިޔާބީއަށް ފަހު އާސެނަލްގެ ގިނަ ކުޅުންތެރިން ގެބްރިއެލް އަށް ހިތްވަރު ދެމުން ދިޔަ އިރު، އޭނާ ކައިރިޔަށް އެންމެ ފުރަތަމަ ދިޔަ އެއް ކުޅުންތެރިއަކީ ޕީއެސްޖީ އާއި ކެޕްޓަން މާކީނިއޯސް އެވެ.
ކުރިއަށް އޮތް ފީފާ ވޯލްޑް ކަޕްގައި ބްރެޒިލް ގައުމީ ޓީމުގައި ކޯޗު ކާލޯ އަންޗެލޮޓީގެ އެއް ނަމްބަރު ސެންޓަ ބެކް ޕެއާގެ ގޮތުގައި ފެނުން ވެސް އެންމެ ގާތީ މާކީނިއޯސް އާއި ގެބްރިއެލް އެވެ.
ގެބްރިއެލް ރޭ ފޮނުވާލި ޕެނަލްޓީއަކީ ފައިނަލް މެޗެއްގެ މުހިއްމު ވަގުތުކޮޅެއް ނަމަވެސް، މިއީ މި ސީޒަންގައި އޭނާ ދެއްކި މޮޅު ކުޅުމަށް ހިޔަނި އެޅިގެންދާނެ ކަމަކަށް ނުވާނެ އެވެ. ޗެމްޕިއަންސް ލީގު ފައިނަލަށް އާސެނަލް ދަތުރު ކުރުމުގެ އިތުރުން، ޕެނަލްޓީ ޝޫޓައުޓާ ހަމައަށް ދަތުރުކުރުމުގައި ވެސް ގެބްރިއެލް ވަނީ މޮޅު އަދި މުހިއްމު ދައުރެއް އަދާ ކޮށްފަ އެވެ.