މެޑްރިޑް (ޖޫން 8) - ވިހި އަހަރަށް ފަހު ބޭއްވި ފުރަތަމަ އިންތިހާބު ކާމިޔާބުކޮށް ރެއާލް މެޑްރިޑްގެ ރައީސްގެ މަގާމަށް މިހާރުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް އަލުން އިންތިހާބު ކޮށްފި އެވެ.

އިންތިހާބުގައި ޕެރޭޒާ ވާދަ ކުރި އިދިކޮޅު ކެންޑިޑޭޓް، ޒުވާން ވިޔާފަރިވެރިޔާ އެންރީކޭ ރިކޭލްމޭ ވަނީ ބަލި ގަބޫލުކޮށް، ޕެރޭޒަށް މަރުހަބާ ކިޔައިފަ އެވެ.

"އަހަރެމެން މި ވަނީ ރެއާލް މެޑްރިޑްގެ އިންތިހާބުގައި ދެވަނައަށް އެންމެ ރަނގަޅު ނަތީޖާ ހޯދައިފަ. މިއީ ތާރީހީ ކާމިޔާބީއެއް. މިއަދު ކާމިޔާބު މި ހޯދީ ރެއާލް މެޑްރިޑް. އަހަރެމެން ދުނިޔެއަށް މި ދައްކުވައިދިނީ ޑިމޮކްރަސީގެ ނަމޫނާ. އަހަރެމެން މަސައްކަތް ކުރާނީ ރެއާލް މެޑްރިޑާ އެކު އިތުރު ކާމިޔާބީތަކެއް ހޯދަން،" އިންތިހާބު ކާމިޔާބު ކުރުމަށް ފަހު ޕެރޭޒް މީޑީއާއާ ވާހަކަ ދައްކަމުން ބުނެފައިވެ އެވެ.

ޕެރޭޒް އިންތިހާބު ކާމިޔާބު ކޮށްފައި ވާއިރު، ރެއާލް މެޑްރިޑުން މި އިންތިހާބުގެ ވޯޓުގެ ރަސްމީ ނަތީޖާ އަދި އިއުލާން ކޮށްފައެއް ނުވެ އެވެ.

އުމުރުން 79 އަހަރުގެ ޕެރޭޒް އަކީ 2009 ވަނަ އަހަރުން ފެށިގެން އެ ކްލަބްގފެ ރައީސް އެވެ. އޭގެ ކުރިން އޭނާ ވަނީ 2000 ވަނަ އަހަރުން ފެށިގެން 2006 އަށް ކްލަބްގެ ރައީސްގެ މަގާމު އަދާ ކޮށްފަ އެވެ.

ޕެރޭޒްގެ ރައީސްކަމުގައި ރެއާލުން ވަނީ ހަ ފަހަރު ޗެމްޕިއަންސް ލީގާއި ލަ ލީގާ ކާމިޔާބު ކޮށްފަ އެވެ. ފާއިތުވި ދެ ސީޒަން އެ ކްލަބަށް ތައްޓެއް ނުހޯދުމުން، ކްލަބްގެ މެމްބަރުންގެ އިތުބާރު ހޯދުމަށް ޕެރޭޒް މި ވަނީ އިންތިހާބަކަށް ގޮވާލައި، އިންތިހާބު ކާމިޔާބު ވެސް ކޮށްފަ އެވެ.

ޕެރޭޒް އާއި މޮރީނިއޯ.-- ފައިލް ފޮޓޯ: އޭއެޕްފީ
ޕެރޭޒް އާއި މޮރީނިއޯ.-- ފައިލް ފޮޓޯ: އޭއެޕްފީ

މީގެ ކުރިން ރެއާލުން އިންތިހާބެއް ބޭއްވީ 2006ގަ އެވެ. ޕެރޭޒް 2009 އާއި 2013، 2017، 2021 އަދި 2025 ގައި އިންތިހާބުވީ އިދިކޮޅު ކެންޑިޑޭޓަކު ނެތި އެވެ.

ޕެރޭޒް ވަނީ އޭނާ އިންތިހާބު ވެއްޖެ ނަމަ ރެއާލްގެ ކޯޗަކަށް ހޯޒޭ މޮރީނިއޯ ގެންނާނެކަން އިއުލާން ކޮށްފަ އެވެ. މީގެ އިތުރުން ޑިފެންޑަރު އިބްރާހިމާ ކޮނާޓޭ އާއި ޑެންޒެލް ޑަމްފްރީސްގެ އިތުރުން 150 މިލިއަން ޔޫރޯގެ އެޓޭކަރެއް ގެންނާނެ ކަމަށް ވެސް ވަނީ ވައުދު ވެފަ އެވެ.

އުމުރުން 37 އަހަރުގެ ރިކޭލްމޭ ވަނީ އޭނާ އިންތިހާބު ވެއްޖެ ނަމަ ކޯޗަކަށް ޖާގެން ކްލޮޕް ގެންނަން މަސައްކަތް ކުރާނެ ކަމަށާއި، މެންޗެސްޓާ ސިޓީގެ އާލިން ހާލަންޑާއި ރޮޑްރީގެ ސޮއި ހޯދާނެ ކަމަށް ބުނެފަ އެވެ.

ޕެރޭޒް ވަނީ 2000 ވަނަ އަހަރުގެ އިންތިހާބުގައި ލޮރެންޒޯ ސާންޒް ބަލި ކޮށްފައި ވަނީ، ބާސެލޯނާއަށް ކުޅެމުން ދިޔަ ޕޯޗުގަލްގެ ތަރި ލުއިސް ފީގޯގެ ސޮއި ހޯދާނެ ކަމަށް ވައުދު ވެގެންނެވެ. އިންތިހާބު ކާމިޔާބު ކުރުމަށް ފަހު ޕެރޭޒް ވަނީ ޒައިނުއްދީން ޒިދާން އާއި ރޮނާލްޑޯ ނަޒާރިއޯގެ އިތުރުން ޑޭވިޑް ބެކަމް ވެސް ރެއާލަށް ގެންގޮސްފަ އެވެ.

ނަމަވެސް ކްލަބަށް ދިމާވި ނާކާމިޔާބީތަކާ ގުޅިގެން އޭނާ ވަނީ 2006 ގައި އިސްތިއުފާ ދީފަ އެވެ. އެ އަހަރު އޮތް އިންތިހާބު ކާމިޔާބު ކުރި ރޯމަން ކަލްޑިރޯން 2009 ގައި އިސްތިއުފާ ދިނުމާ އެކު ޕެރޭޒް ވަނީ އަލުން ކްލަބާ ހަވާލުވެ، ހަތަރު ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްދިނުމުގައި  މުހިންމު ރޯލެއް އަދާކޮށްފަ އެވެ.

މި ފަހަރުގެ އިންތިހާބު ކާމިޔާބު ކުރުމަށް ފަހު ޕެރޭޒް އަންނަނީ، މެމްބަރުންގެ ވޯޓުން ކްލަބްގެ ފަސް ޕަސެންޓް ހިއްސާ އިތުރު އިންވެސްޓަރަކަށް ވިއްކާލާއި، ކުލަބްގެ އޯނާޝިޕް އޮނިގަނޑަށް ބަދަލެއް ގެންނަން ރާވަމުންނެވެ.