ސްކޮޓްލޭންޑާއި އޮސްޓްރޭލިއާއިން ވޯލްޑް ކަޕްގެ ގުރޫޕް ސްޓޭޖްގައި އެ ދެ ޓީމުގެ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުތަކުން މޮޅު ވެއްޖެ އެވެ.
ގްރޫޕް ސީ ގައި ހެއިޓީއާ ދެކޮޅަށް ކުޅެ ސްކޮޓްލޭންޑުން 1-0 އިން މެޗު ކާމިޔާބުކުރި އެވެ.
މިއީ ފާއިތުވީ 36 އަހަރުގެ ތެރޭގައި އެ ޓީމުން ވޯލްޑް ކަޕްގައި ހޯދި ފުރަތަމަ މޮޅެވެ.
އަނެއްކޮޅުން އޮސްޓްރޭލިއާއިން ވަނީ ޒުވާން ކުޅުންތެރިންގެ މޮޅު ކުޅުމާ އެކު 2-0 ގެ ނަތީޖާއަކުން ތުރުކީ ބަލިކޮށްފައެވެ.
އެމެރިކާގެ ބޮސްޓަން ސްޓޭޑިއަމްގައި ކުޅުނު ފޯރިގަދަ މެޗުގައި ސްކޮޓްލޭންޑަށް ތިން ޕޮއިންޓް ކަށަވަރުކޮށްދިނީ މެޗުގެ 28 ވަނަ މިނެޓުގައި މިޑްފީލްޑަރު ޖޯން މެކްގިން ޖެހި ލަނޑުންނެވެ. މި މެޗުގެ ކުރީކޮޅުގައި ސްކޮޓްލޭންޑުން މެޗު ކޮންޓްރޯލްކޮށްގެން ކުޅުނެވެ.
ސްކޮޓް މެކްޓޮމިނޭ ޖެހި ބޯޅައެއް ވަނީ ގޯލުގެ ދަނޑިއަށް އަމާޒު ވެސް ވެފަ އެވެ. ނަމަވެސް މެޗުގެ ދެވަނަ ހާފުގައި ހެއިޓީން ވަނީ މޮޅު ކުޅުމެއް ދައްކައި، ސްކޮޓްލޭންޑްގެ ގޯލަށް ނުރައްކާތެރި ހަމަލާތަކެއް ފޮނުވާލާފަ އެވެ. ހާއްސަކޮށް ހެއިޓީގެ ފޯވާޑް ފްރެންޓްޒްޑީ ޕިއެރޮޓް ބޮލުން ފޮނުވާލި ހަމަލާއެއް ގޯލުގެ ދަނޑި ކައިރިން ދިޔައީ ބޭރަށެވެ ސްކޮޓްލޭންޑްގެ ޑިފެންސުން ވަނީ މެޗުގެ ފަހު ސިކުންތާ ހަމައަށް ހިފަހައްޓައި، ގޯލް ވަނަ ނުދީ މެޗު ނިންމާލައިފަ އެވެ.
އޮސްޓްރޭލިއާ އާއި ތުރުކީ ބައްދަލުކުރި މެޗުގައި އެންމެ ފާހަގަކޮށްލެވުނީ އޮސްޓްރޭލިއާގެ އުމުރުން އެންމެ 20 އަހަރުގެ ފޯވާޑް ނެސްޓޮރީ އިރަންކުންޑާ އެވެ. މެޗުގެ 27 ވަނަ މިނެޓުގައި އޭނާ ވަނީ ތުރުކީގެ ޑިފެންސް ލައިން ރޫލާލުމަށް ފަހު، ހިތްގައިމު ލަނޑެއް ޖަހައި، ވޯލްޑް ކަޕްގެ ތާރީހުގައި އޮސްޓްރޭލިއާ އަށް ލަނޑު ޖަހައިދިން އެންމެ ޒުވާން ކުޅުންތެރިޔާގެ ޝަރަފް ހޯދާފަ އެވެ.
މި ލަނޑަށްފަހު އޭނާ ވަނީ އެ ގައުމުގެ ކުރީގެ ކުޅުންތެރިޔާ ލެޖެންޑް ޓިމް ކާހިލްގެ މަޝްހޫރު ކޯނަރު ފްލެގް އުފާފާޅުކުރުން ކޮޕީކޮށްފަ އެވެ. އޮސްޓްރޭލިއާގެ ދެވަނަ ލަނޑު މެޗުގެ 75 ވަނަ މިނެޓުގައި ޖަހައި ދިނީ ކޮނާ މެޓްކާފްއެވެ.
މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދީ އޮސްޓްރޭލިއާގެ އުމުރުން 22 އަހަރުގެ ގޯލްކީޕަރު ޕެޓްރިކް ބީޗް އެވެ. ތަޖުރިބާކާރު ކީޕަރު މެޓް ރަޔަންގެ ބަދަލުގައި އޭނާ އަށް ފުރުސަތު ދިނުމުން ވެސް ވީ ހައިރާން ކުރުވަނިވި ކަމަކަށެވެ. ބީޗް ވަނީ މުޅި މެޗުގައި 8 މޮޅު ސޭވްއެއް ކޮށް، ތުރުކީން ލަނޑެއް ޖެހިޔަނުދީ ހިފަހައްޓާފަ އެވެ.