ވޯލްޑް ކަޕުން އިރާން ކެޓުމުން، އުފާ ފާޅުކުރުމުގެ ގޮތުން ލަވަކިޔަ ނެށި ކަމަށް އެމެރިކާގެ ހޯމްލޭންޑް ސެކްރެޓަރީ ނުވަތަ ހޯމް މިނިސްޓަރު މާކްވޭން މަލިން ބުނެފި އެވެ.
ވޯލްޑް ކަޕްގެ ނޮކައުޓް ބުރަށް ނުދެވި، އިރާން ކެޓީ ގުރޫޕް ސްޓޭޖްގެ ތިންވަނަ ހޯދި ޓީމުތަކުގެ ތެރެއިން ގަދަ އަށް ގައުމުގެ ތެރޭގައި ލައްވާ ނުލުމުންނެވެ.
އިރާނާ މެދު، އެމެރިކާގެ ސިޔާސީވެރިންގެ ހިތުގައި އަބަދުވެސް ނަފުރަތު އޮންނަ ކަމަށް މީޑިއާއިން ސިފަކުރެ އެވެ. އަދި އެކަން ފޮރުވާކަން މަލިން ބޭނުމެއް ނުވެ އެވެ.
ވޯލްޑް ކަޕާ ކުރިމަތިލިއިރު ވެސް އިރާން އާއި އެމެރިކާ އޮތީ ހަނގުރާމައެއްގެ ތެރޭގަ އެވެ. އަދި ހަނގުރާމަ ހުއްޓާލިކަމަށް އެއްބަސްވުމުގައި ސޮއިކުރި ނަމަވެސް މަސްރަހު ފިންޏެއް ނުވެ އެވެ.
ވޯލްޑް ކަޕްގައި އިރާންގެ ހުރިހާ މެޗެއް އެމެރިކާގެ ފަސްގަނޑުގައި ކުޅުނު ނަމަވެސް، އިރާނުގެ ޓީމު ކޭމްޕްކުރަން ޖެހުނީ އެމެރިކާއިން ބޭރުގަ އެވެ. އެގޮތުން މެކްސިކޯ އާއި އެމެރިކާ ގުޅޭ ބޯޑަރު ސަރަހައްދުގެ މެކްސިކޯ ފަޅީގައި ކޭމްޕް ކުރި އިރާން އެެމެރިކާއަށް ދަތުރުކުރީ މެޗަށް އެކަންޏެވެ. އަދި މެޗު ނިންމާފައި އަނެއްކާވެސް ފުރައިގެން ދަނީ މެކްސިކޯއަށެވެ.
އިރާނުގެ ޓީމަށް ފުރިހަމަ ވިސާ ދޭކަށް، އެމެރިކާގެ ސަރުކާރުން ބޭނުން ނުވި އެވެ.
ވޯލްޑް ކަޕްގެ ސެކިއުރިޓީއާ ގުޅޭ ބްރީފިންގައި އިއްޔެ ވާހަކަ ދައްކަމުން މަލިން ބުނީ އިރާން ކެޓުމުން ވަރަށް އުފާވެއްޖެ ކަމަށެވެ.
"އެ މީހުންގެ ކަންތައް ނިމި އެނބުރި ނާންނާނެތީ ހަމަ އުފާވަނީ. އެ މީހުންގެ ވިސާ ކެންސަލްކޮށް އެމެރިކާގެ ފަސްގަނޑުން ފުރައިގެން ދާން އެންގުނު ވަގުތު އަހަރެން ވަރަށް އުފާވި. އަދި އަހަރެން ލަވައެއް ކިޔައި ނަށައި ވެސް ލިން ކަން ނޭނގެ،" އޭނާ ބުންޏެވެ.
މުލިން ތުހުމަތުކުރި ގޮތުގައި ވޯލްޑް ކަޕަށް އިރާނުން އެކުލަވާލި ސްކޮޑްގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބަޔަކީ އެ ގައުމުގެ އެންމެ އިސް އަސްކަރީ ގޮފި ކަމަށްވާ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕްސް (އައިއާރްޖީސީ) އާ ސީދާ ގުޅުން އޮތް މީހުންނެވެ.
ނަމަވެސް އީރާނުގެ ފުޓްބޯޅަ ފެޑެރޭޝަނުން ބުނީ އެއީ އެއްވެސް ހެއްކެއް ނެތް ދޮގު ވާހަކައެއް ކަމަށެވެ.