ވޯލްޑް ކަޕްގެ ތާރީހުގައި ޖެހި އެންމެ ލަސް ލަނޑު ޖަހައި ސެނެގާލް އަޑިއަށް ގަންބާލައިފި އެވެ.
އެމެރިކާގެ ސީއެޓްލް ސްޓޭޑިއަމްގައި ކުޅުނު މެޗު، އިތުރު ވަގުތުގެ ދެ ހާފަށް ކުޅެ ބެލްޖިއަމުން މެޗު ކާމިޔާބު ކުރީ 3-2 ންނެވެ.
މެޗުގެ 90 މިނެޓްގެ ފަހު ފަސް މިނެޓާ ހަމައަށް ދިޔައިރު ވެސް ދެ ލަނޑުގެ ލީޑަކުން ކުރީގައި އޮތީ ސެނެގާލެވެ.
އެކަމަކު ބެލްޖިއަމުން މެޗު އަނބުރާލީ ފަހު ފަސް މިނެޓްގަ އެވެ.
މެޗުގެ 24 ވަނަ މިނެޓުގައި ސެނެގާލަށް ކުރިހޯދައި ދިނީ ހަބީބު ޑިއާރާ އެވެ. ސާޑިއޯ މާނޭ ތަނަވަސްކޮށްދިން ފުރުސަތެއްގައި އިސްމާއިލާ ސާ ބޮލުން ފޮނުވާލި ހަމަލާ ގޯލުގެ އަރިމަތީ ދަނޑީގައި ޖެހިފައި ރީބައުންސްވި އެވެ. ބެލްޖިއަމްގެ ކީޕަރު ޓިބޯ ކޯޓުއާއަށް ސަލާމަތްނުކުރެވި، ޑިއާރާ ގޯލުގެ ތެރެއަށް ފޮނުވާލައިގެން ލަނޑު ޖެހި އެވެ.
ދެ ވަނަ ހާފު ފެށިގެން 51 ވަނަ މިނެޓުގައި އިސްމާއިލާ ސާ ވަނީ ސެނެގާލުގެ ދެވަނަ ލަނޑު ޖަހައިދީފި އެވެ. މޫސާ ނިއަކާޓޭ ކުރިއަށް ފޮނުވާލި ދިގު ބޯޅައެއް ހޯދުމަށްފަހު ސާ ވަނީ ގޯލުގެ ތެރެއަށް ބޯޅަ ވައްދާލާފައެވެ.
މެޗުގެ ފުރިހަމަވަގުތު ހަމަވާން އެންމެ ފަސް މިނެޓަށް ވެފައި ވަނިކޮށް ބެލްޖިއަމްއިން ވަނީ ތިން މިނެޓުތެރޭ ދެ ލަނޑު ޖަހައި މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ.
ފުރިހަމަ ވަގުތު ހަމަވާން ހަތަރު މިނެޓަށް ވެފައި ވަނިކޮށް، 86 ވަނަ މިނެޓުގައި އެ ޓީމުގެ އުއްމީދު އާކޮށްދިނީ ރޮމެލޫ ލުކާކޫ އެވެ.
ސެނެގާލްގެ އޭރިއާ ތެރެއަށް ހުރަސްކޮށްލި ނުރައްކާތެރި ބޯޅައިގެ ބޭނުން ހިފަން ލުކާކޫ އޭނާގެ ވަރުގަދަ ފިޒީކްގެ ބޭނުން ވަރަށް ރަނގަޅަށް ހިފި އެވެ. ފަހަތުން އައި ސެނެގާލްގެ ޑިފެންޑަރު ނައްޓާލުމަށްފަހު، ގޯލުގެ އަރިމަތީ ދަނޑި ކައިރިން ކީޕަރުގެ ބޯމަތިން ގޯލުގެ ތެރެއަށް ފޮނުވާލައި، ބެލްޖިއަމް މެޗުގެ ތެރެއަށް ވައްދައި ދިނެވެ.
އޭގެ ތިން މިނެޓު ފަހުން، 89 ވަނަ މިނެޓުގައި ޔޫރީ ޓީލެމަންސް ވަނީ ބެލްޖިއަމްއަށް މެޗުގެ ނަތީޖާ އެއްވަރުކޮށްދީފަ އެވެ. ލެއަންޑްރޯ ޓްރޮސާޑް އޭރިއާގެ މެދަށް ފޮނުވާލި ތިރިތިރިން ފޮނުވާލި ހުރަސް، ސެނެގާލްގެ ކީޕަރު ކުރިއަށް ނުކުމެ ހުއްޓުވަން އުޅުމުގެ ތެރޭގައި ޓީލެމަންސް ވަނީ ކީޕަރަށް ވުރެ ކުރިން ބޯޅައިގައި ބޮލުން ޖަހާފަ އެވެ. ހުސް ގޯލުގެ ތެރެއަށް މަޑުމަޑުން ފުރޮޅިގެން ގޮސް ވަދެ، މެޗުގެ ނަތީޖާ 2-2 އަކަށް ބަދަލުވެގެން ދިޔައެވެ.
ނަތީޖާ ނެރެން ކުޅުނު އިތުރު ވަގުތުގެ ދެ ހާފުގެ، ފަހު ހާފުގެ އިތުރު ވަގުތުގެ ވެސްއެ ންމެ ފަހު މިނެޓުގައި ބެލްޖިއަމް މޮޅުވީ ލިބުނު ޕެނަލްޓީއަކުންނެވެ.
އެ ޕެނަލްޓީއަކީ ސުވާލު އުފެދުނު ގޮތަކަށް ދިން ޕެނަލްޓީއެކެވެ.
ދެ ޓީމު އެއްވަރުވެގެން ޕެނަލްޓީ ޝޫޓްއައުޓަކަށް ދާން ތައްޔާރުވަމުން ދަނިކޮށް، މެޗުގެ ރެފްރީ ސައީދު މާޓީނޭޒް ވަނީ ވީއޭއާރު މޮނީޓާ ކައިރިއަށް ގޮސްފަ އެވެ. އެ ވަގުތު ހުރިހާ ކުޅުންތެރިންވެސް ތިބީ ރެފްރީގެ ނިންމުމަށް އިންތިޒާރުކޮށްގެންނެވެ. މިއީ ބެލްޖިއަމްގެ ޑޯޑީ ލުކެބާކިއޯ ފޮނުވާލި ހަމަލާ ގޯލުގެ ހުރަސްދަނޑީގައި ޖެހުމުގެ ސިކުންތުކޮޅެއް ކުރިން، ސެނެގާލްގެ ލަމީން ކަމާރާ ބެލްޖިއަމްގެ ޓީލެމަންސްގެ ވައަތު ތަނބިކަށީގައި ޖެހި މައްސަލައެކެވެ.
ރެފްރީ ޕެނަލްޓީއެއް ދިނުމާ އެކު، ސެނެގާލްގެ ކުޅުންތެރިން މިފަހަރު ދަނޑުން ފައިބައިގެނެއް ނުދިޔަ އެވެ. ޖެނުއަރީ މަހު ކުޅުނު އެފްރިކަން ކަޕް އޮފް ނޭޝަންގެ ފައިނަލު މެޗުގެ ފަހު ވަގުތު ދިން ޕެނަލްޓީއާ މެދު ހިތްހަމަނުޖެހި ސެނެގާލްގެ ޓީމުން ދަނޑުން ފޭބި އެވެ.
އެކަމަކު މިފަހަރު ދަނޑުން ނުފޭބި ނަމަވެސް ޕެނަލްޓީ ސްޕޮޓް ކައިރިއަށް އެއްވެ، ޕާތޭ ސިސް ބިމަށް ތިރިވެ ޕެނަލްޓީ ޖެހުން ލަސްކުރަން މަސައްކަތްކުރި އެވެ.
ސެނެގާލްގެ ކޯޗު ރޫޑީ ގާސިއާއަށް އެ ވަގުތު މެޗު ބަލަން ނުކެރިގެން ދަނޑަށް ފުރަގަސްދިނެވެ.
މެޗުގެ 124 މިނެޓާއި 44 ސިކުންތުގައި އޭނާ ޖެހި މި ލަނޑަކީ ވޯލްޑް ކަޕް ތާރީހުގައި ވެސް އެންމެ ލަސް ވަގުތެއްގައި ޖެހި ލަނޑެވެ.
މެޗު ނިމުމާ އެކު ޒުވާން ކުޅުންތެރިޔާ ލަމީން ކަމާރާ ހުރީ ރޮވި މާޔޫސްވެފަ އެވެ. އޭނާ ދަނޑުން ފައިބައިގެން ޓަނަލް ތެރެއަށް ދިޔައީ އޭނާގެ ފެހި ކުލައިގެ ޖޯޒީން މޫނު ނިވާކޮށްގެން ހުރެއެވެ.
ގަދަ 16 ގެ ބުރުގައި ބެލްޖިއަމް ނުކުންނާނީ އެމެރިކާއާ ދެކޮޅަށެވެ.