ގުރޫޕް ޖީގެ ފުރަތަމަ މެޗުގައި މިސްރުން ލީޑް ނަގާފައިވަނިކޮށް، ބައިކޮޅަށް ވަން ގޯލުން ބެލްޖިއަމްއާ 1-1 ން އެއްވަރު ވެއްޖެ އެވެ.
ސީއެޓްލް ސްޓޭޑިއަމްގައި ކުޅުނު މެޗުގެ 19 ވަނަ މިނެޓުގައި މިސްރުގެ އީމާމް އަޝޫރު ވަނީ މުހައްމަދު ސަލާހުގެ އެހީތެރިކަމާ އެކު ފޮނުވާލި ހިތްގައިމު ހަމަލާއަކުން ލަނޑެއް ޖަހައި، މެޗުގެ ލީޑު ނަގާފައެވެ. މި ބާރު ހަމަލާ ދިފާއުކުރުމަށް ބެލްޖިއަމްގެ ގޯލްކީޕަރު ޓިބޯ ކޯޓުއާއަށް އެއްވެސް ފުރުސަތެއް ނުލިބުނެވެ.
މިސްރުގެ ކަނާތު ޑިފެންޑަރު މުހައްމަދު ހާނީ އިސްވެ ހުރެ، އެ ޓީމުގެ ދިފާއީލައިނުގައި ވަނީ ބެލްޖިއަމްގެ ނުރައްކާތެރި ފޯވާޑުން މުޅިން ހުއްޓުވައިފަ އެވެ. ހާއްސަކޮށް ބެލްޖިއަމްގެ ޖެރެމީ ޑޮކޫގެ ހަލުވި ދުވެލި ހުއްޓުވުމަށްޓަކައި، މިސްރުގެ ދެ ކުޅުންތެރިން އޭނާއަށް ވަރަށް ބޮޑަށް ފާރަވެރިވަމުންދިޔަ އެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން، މިސްރުގެ މުސްތަފާ ޒީކޯ ދުރުން ފޮނުވާލި ނުރައްކާތެރި ބާރު ހަމަލާ، ކީޕަރު ކޯޓުއާ ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފަ އެވެ.
ދެވަނަ ހާފުގެ ކުރީކޮޅު ބެލްޖިއަމްއަށް މެޗުގެ ނަތީޖާ އެއްވަރުކުރުމަށް ރަނުގެ ފުރުސަތެއް ލިބުނެވެ. އެ ޓީމުގެ ކެވިން ޑި ބްރޭނާ 25 ޔާޑު ދުރުން ފޮނުވާލި ހިތްގައިމު ހިލޭ ޖެހުން މިސްރުގެ ދިފާއީ ފާރު މަތިން ގޮސް އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.
މެޗުގެ 66 ވަނަ މިނެޓުގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ތަޖުރިބާކާރު ފޯވާޑް ރޮމެލޫ ލުކާކޫ ވަނީ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި މެޗުގެ އޮއިވަރު ބަދަލުކޮށްލާފަ އެވެ.
ޔޫރީ ޓެލްމަންސް އަރިމަތިން ހުރަސްކޮށްލި ބޯޅައެއް ހޯދުމަށް، ލުކާކޫ އޭނާގެ ވަރުގަދަ ހަށިގަނޑުގެ ބޭނުންކޮށްގެން ކުރި މަސައްކަތުގައި މިސްރުގެ ފެނަލްޓީ އޭރިއާ ތެރޭގައި އޭނާ ވަނީ ނުރައްކާ ކޮށްފަ އެވެ. ލުކާކޫ ފޮނުވާލި ބޯޅަ ހުއްޓުވަން އުޅެ ކުރިމަތިވި ހާސްކަމުގެ ތެރޭގައި މިސްރުގެ ޑިފެންޑަރު މުހައްމަދު ހާނީ އަތުން ބައިކޮޅަށް ގޯލެއް ވަދެ، ބެލްޖިއަމްއަށް މެޗުގެ ނަތީޖާ އެއްވަރު ކުރި އެވެ.
މެޗުގެ ފަހުކޮޅުގައި ލުކާކޫއަށް ރަނުގެ ފުރުސަތެއް ލިބި ބޭކާރުވި އެވެ. މިސްރުގެ ފެނަލްޓީ އޭރިއާގެ މެދުން އޭނާ ހުހަށް ހުރެ ފުންމައިގެން އަރައި ބޮލުން ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ދަނޑި ކައިރިން ބޭރަށެވެ.