ވޯލްޑް ކަޕް ކުއާޓާ ފައިނަލްގައި ބެލްޖިއަމް އަތުން 2-1 އިން މޮޅުވެ، ސްޕެއިން ސެމީ ފައިނަލަށް ދަތުރުކޮށްފި އެވެ.

އެމެރިކާގެ ލޮސް އެންޖެލިސްގައި ކުޅުނު މެޗުގެ ފުރަތަމަ ހާފް ސްޕެއިނެވެ. މެޗުގެ 30 ވަނަ މިނެޓުގައި ފަބިއަން ރޫއިޒް ވަނީ ލަނޑެއް ޖަހައި ސްޕެއިންއަށް ކުރިހޯދައިދީފަ އެވެ.

ބެލްޖިއަމުން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން މެޗުގެ ނަތީޖާ ހަމަހަމަކޮށްފަ އެވެ. މެޗުގެ 41 ވަނަ މިނެޓުގައި ޗާލްސް ޑި ކެޓެލެއާ ބޮލުން ޖެހި ލަނޑާއެކު، މި މުބާރާތުގައި ބައިކޮޅަށް ލަނޑެއް ނުވަދެ ސްޕެއިން ދަމަހައްޓަމުން އައި ރެކޯޑު ނިމުމަކަށް އައީ އެވެ.

ދެވަނަ ހާފުގައި ބެލްޖިއަމްއަށް ބޮޑު ސިހުމެއް ލިބުނީ 71 ވަނަ މިނެޓުގަ އެވެ. އެއީ އެ ޓީމުގެ ކީޕަރު ޓިބޯ ކޯޓުއާއަށް އަނިޔާވުމުން، ބަދަލުކުރަން ޖެހުމުންނެވެ. އޭނާ ދަނޑުން ފޭބީ ރޮމުންނެވެ.

މެޗުން ސްޕެއިން މޮޅުވީ ބެލްޖިއަމްގެ ބަދަލު ކީޕަރު ސެނޭ ލަމެންސްއަށް ހެދުނު ގޯހެއްގެ ފައިދާ ނަގައިގެން އެވެ. މެޗުގެ 88 ވަނަ މިނެޓުގައި ލަމެންސް އަތުން ކައްސާލި ބޯޅައެއް ގޯލަށް ވައްދާލައިގެން ސްޕެއިން މޮޅުކޮށްދިނީ މިކެލް މެރީނޯ އެވެ.

މި މޮޅާ އެކު ޑަލަސްގައި ކުޅޭ ސެމީ ފައިނަލް މެޗުގައި ސްޕެއިން ނުކުންނާނީ ފްރާންސާ ދެކޮޅަށެވެ.