ފީފާ ވޯލްޑް ކަޕުގެ ފައިނަލުގައި މިރޭ ސްޕެއިނާ ދެކޮޅަށް އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ ކުޅުމާ އެކު އޭނާ އަށް ވަރަށް ހާއްސަ ޝަރަފެއް ލިބޭނެ އެވެ. އެއީ ވޯލްޑް ކަޕުގެ ތިން ފައިނަލުގައި ކުޅޭ ދެ ވަނަ ކުޅުންތެރިޔާގެ ޝަރަފެވެ. މިހާރު މި ރެކޯޑް އޮތީ ބްރެޒިލްގެ ކުރީގެ ފުލްބެކް ކަފޫ އަތުގަ އެވެ.
ކަފޫ ކުޅެފައިވަނީ 1994، 1998 އަދި 2002 ގެ ފައިނަލެވެ. މީގެ ތެރެއިން 1994 ގައި ޕެނަލްޓީ ޖަހައިގެން އިޓަލީ އަތުން ބްރެޒިލް މޮޅުވި މެޗުގައި ކަފޫ އެރީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގަ އެވެ. ފްރާންސް އަތުން 1998 ގައި ބަލިވިއިރު ފުލްކޮށް ކުޅުނުއިރު، ޖަރުމަން އަތުން 2002 ގައި މޮޅުވިއިރު އޭނާ އަކީ ކެޕްޓަނެވެ.
އެހެންކަމުން މެސީ މިރޭ ފުރަތަމަ އެގާރައިގައި ކުޅެފި ނަމަ އޭނާ ވެގެންދާނީ ވޯލްޑް ކަޕުގެ ތިން ފައިނަލުގެ ފުރަތަމަ އެގާރައިގައި ހިމެނިގެން ކުޅޭ ފުރަތަމަ ކުޅުންތެރިޔާ އަށެވެ. މެސީ އެންމެ ފުރަތަމަ ވޯލްޑް ކަޕް ފައިނަލެއްގައި ކުޅުނީ 2014 ގަ އެވެ. އެ ފަހަރު ޖަރުމަން އަތުން ބަލިވީ އެވެ. އެކަމަކު 2022 ގައި ފްރާންސް އަތުން ޕެނަލްޓީ ޖަހައިގެން މޮޅުވެ އަލަތު ތަށި ހޯދި އެވެ.
ވޯލްޑް ކަޕް ތިން ފަހަރު ކާމިޔާބުކޮށްފައިވީ ނަމަވެސް ބްރެޒިލްގެ ޕެލޭ ތިން ފައިނަލުގައި ކުޅެފައެއް ނުވެ އެވެ. އޭނާ ކުޅުނީ 1958 އާއި 1970 ގެ ފައިނަލުގަ އެވެ. އަނިޔާގެ ސަބަބުން 1962 ގެ މުބާރާތުގެ ފައިނަލް ހިމެނޭހެން ބޮޑުބައި ނުކުޅެ އެވެ. އޭރު އޮންނަ ގޮތުން މެޑަލް ލިބެނީ ފައިނަލުގައި ކުޅޭ ކުޅުންތެރިންނަށް އެކަންޏެވެ. ނަމަވެސް 2007 ގައި ފީފާ އިން ވަނީ ޕެލޭ އަށް ޗެމްޕިއަން މެޑަލް ދިނެވެ.
ބްރެޒިލްގެ ރޮނާލްޑީނިއޯ ނަޒާރިއޯ އާއި ޖަރުމަނުގެ ލޮތާ މަތެއަސް ވެސް ވަނީ ތިން ފައިނަލުގެ ސްކޮޑުގައި ހިމެނިފަ އެވެ. އެކަމަކު މަތެއަސް ކުޅެން ފުރުސަތު ލިބުނީ 1986 ގައި އާޖެންޓީނާ އަތުން ބަލިވި މެޗާއި، 1990 ގައި އެ ގައުމު އަތުން މޮޅުވި މެޗުގަ އެވެ. އިޓަލީ އަތުން 1982 ގެ ފައިނަލުން ބަލިވިއިރު އޭނާ އަށް ފުރުސަތެއް ނުލިބެ އެވެ.
ރޮނާލްޑޯ ވަނީ 1998 އަދި 2002 ގެ ފައިނަލުގައި ފުލްކޮށް ކުޅެފަ އެވެ. އެކަމަކު 1994 ގެ ފައިނަލުގައި ކުޅެން ފުރުސަތެއް ނުލިބެ އެވެ.