މައްސަލަ ބޮޑުވި މި އަހަރުގެ އެފްރިކަން ކަޕް އޮފް ނޭޝަންސްގެ ޗެމްޕިއަން ޓީމަކީ ސެނެގާލް ކަމަށް ކޯފް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ކާސް) އިން ނިންމައިފި އެވެ.

އިތުރު ވަގުތުގައި ޖެހި ގޯލުން މޮރޮކޯގެ މައްޗަށް ސެނެގާލް 1-0 އިން ކުރި ހޯދި ނަމަވެސް އެފްރިކާ ފުޓްބޯޅަ ފެޑެރޭޝަނުން ފަހުން ނިންމާފައި އޮތީ ޗެމްޕިއަން ޓީމަކީ މޮރޮކޯ ކަމަށެވެ. އެއީ މެޗުގެ ތެރެއިން މޮރޮކޯ އަށް ދިން ޕެނަލްޓީއަކާ މެދު ހިތްހަމަނުޖެހިގެން ސެނެގާލް ކުޅުންތެރިން ދަނޑުން ފައިބާފައިވާތީވެ އެވެ.

ފަނަރަ ވަރަކަށް މިނެޓު ފަހުން ސެނެގާލް ކުޅުންތެރިން އަލުން ދަނޑަށް އެރި އެވެ. އަދި އެ ޕެނަލްޓީ މޮރޮކޯގެ ބްރަހީމް ޑިއާޒް އަށް ކާމިޔާބެއް ވެސް ނުކުރެވުނެވެ. ސެނެގާލް މޮޅުވީ އޭގެ ފަހުން ޖެހި ގޯލުންނެވެ.

ނަމަވެސް އެފްރިކާ ފުޓްބޯޅަ ފެޑެރޭޝަނުން މައްސަލަ ބެލުމަށް ފަހު ނިންމީ ސެނެގާލުން މެޗު ކުޅެން ދެކޮޅު ހަދައި ދަނޑުން ފައިބާފައިވާތީވެ އެ ޓީމު 3-0 އިން ބަލިވީ ކަމަށާއި އެހެންވެ ޗެމްޕިއަން ޓީމަކީ މޮރޮކޯ ކަމަށެވެ.

އެ މައްސަލަ ސެނެގާލުން ކާސް އަށް ހުށަހެޅުމުން މައްސަލަ ބެލުމަށް ފަހު އެ ކޯޓުން ބުނީ ސެނެގާލް ކުޅުންތެރިން އަލުން ދަނޑަށް އެރުމުން ރެފްރީ މެޗު ފަށާފައިވާތީވެ، މެޗުގެ ނަތީޖާ ސައްހަވާނެ ކަމަށެވެ. އެހެންވެ ޗެމްޕިއަން ޓީމަކީ ސެނެގާލް ކަމަށް އެ ކޯޓުން ނިންމީ އެވެ.

ސެނެގާލުން ވަނީ މި ނިންމުމަށް މަރުހަބާ ކިޔައިފަ އެވެ. ނަމަވެސް މޮރޮކޯ އިން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށް މި މައްސަލައިގައި އަނެއްކާ ވެސް ކޯޓަށް ދާނެ ކަމުގެ އިޝާރާތެއް ދީފަ އެވެ.