ޕެރިސް (މާޗް 3) – ޗެމްޕިއަންސް ލީގުގައި އަންގާރަ ދުވަހުގެރޭ ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅޭ ބޮޑު މެޗަށް ތާޒާކުރުމަށްޓަކައި، ޕީއެސްޖީން އެ ޓީމުގެ ދެ ފޯވާޑުން ކަމަށްވާ ކީލިއަން އެމްބާޕޭ އާއި އެޑިންސަން ކަވާނީގެ އިތުރުން މިޑްފީލްޑަރު މާކޯ ވެރާޓީ އަށް އަރާމުކުރަން ފުރުސަތު ދީފި އެވެ.
ފްރާންސް ލީގުގައި މިރޭ ޓްރޮޔެސްއާ ދެކޮޅަށް ޕީއެސްޖީ ކުޅޭ މެޗަށް ނެގި ސްކޮޑުން މި ތިން ކުޅުންތެރިން ނުހިމަނަ އެވެ.
މީގެ ތެރެއިން ޒުވާން ފޯވާޑް އެމްބާޕޭ އަށް ވަނީ އެންމެ ފަހުން ކުޅުނު މެޗުގައި ކޮންމެވެސް ވަރެއްގެ އަނިޔާއެއްވެފަ އެވެ. ފްރެންޗް ކަޕުގެ ސެމީ ފައިނަލުގައި ބުދަ ދުވަހުގެރޭ އޮލިމްޕިކް މާސޭ އަތުން 3-0 އިން ޕީއެސްޖީ މޮޅުވި މެޗުގައި ވަނީ ބަދަލުކޮށްފަ އެވެ. އެކަމަކު އެއީ ސީރިއަސް އަނިޔާއެއް ކަމަށް ނުބެލެވެ އެވެ.
ފައިތިލަށް ލިބުނު އަނިޔާއަކާ ގުޅިގެން ޕީއެސްޖީގެ އެންމެ މުހިއްމު ކުޅުންތެރިޔާ ބްރެޒިލްގެ ނޭމާ އަށް ސީޒަން ނިމިފައިވާއިރު، މެޑްރިޑާ ދެކޮޅަށް ކުޅޭއިރު އެމްބާޕޭ އާއި ކަވާނީގެ ދައުރު ބޮޑުވާނެ އެވެ. މީގެ އިތުރުން އާޖެންޓީނާ ދެ ކުޅުންތެރިން ކަމަށްވާ އެންހެލް ޑި މަރިއާ އާއި ހަވިއާ ޕަސްތޯރޭގެ ބޭނުން ވެސް ހިފޭނެ އެވެ.
ފުރަތަމަ ލެގުން 3-1 އިން ރެއާލް މެޑްރިޑް މޮޅުވެފައިވާތީ، އަމިއްލަ ދަނޑުގައި ޕީއެސްޖީ ކުޅޭ މެޗުން އެ ޓީމަށް ބޮޑު ނަތީޖާއެއް ބޭނުންވާނެ އެވެ.