މެސީގެ 100 ވަނަ ގޯލާ އެކު ބާސެލޯނާ ކުއާޓާ ފައިނަލަށް

ބާސެލޯނާ (މާޗް 15) – ޔުއެފާ ޗެމްޕިއަންސް ލީގުގައި ލިއޮނަލް މެސީ ޖެހި 100 ވަނަ ގޯލާ އެކު 3-0 އިން ޗެލްސީ ބަލިކޮށް މުބާރާތުގެ ކުއާޓާ ފައިނަލުން ބާސެލޯނާ ޖާގަ ހޯދައިފި އެވެ.


ލަންޑަނުގައި ކުޅުނު ދެ ވަނަ ބުރުގެ ފުރަތަމަ ލެގު 1-1 އިން އެއްވަރުވެފައިވާތީ ޗެލްސީ ރޭގެ މެޗާ ކުރިމަތިލީ އުއްމީދާ އެކު އެވެ. އެކަމަކު މެޗު ނިމިގެން ދިޔައީ މިދިޔަ ސީޒަނުގައި ޗެލްސީ އަށް ޕްރިމިއާ ލީގު ކާމިޔާބުކޮށްދިން ކޯޗު އެންޓޯނިއޯ ކޮންޓޭގެ މަގާމް ސީޒަން ނިމުމާ އެކު ގެއްލޭނެކަން ދެކެވޭ ވާހަކަތަކަށް އިތުރު ބާރެއް ލިބިގެންނެވެ.

ދެ ލެގުން 4-1 އިން ކުރި ހޯދި ބާސެލޯނާ އަށް އަށް ވަނީ މި ސީޒަނުގައި ތިން މުބާރާތް ކާމިޔާބުކުރުމުގެ ފުރުސަތު ބޮޑުވެފަ އެވެ. ސްޕެނިޝް ލީގުގެ އެއް ވަނައިގައި އޮތްއިރު ސްޕެނިޝް ކަޕުގެ ފައިނަލުން ވަނީ ޖާގަ ހޯދައިފަ އެވެ.

ބާސެލޯނާގެ ކޭމްޕް ނޯ ސްޓޭޑިއަމުގައި ކުޅުނު މެޗު ފަށައިގެން ތިން ވަނަ މިނެޓުގައި މެސީ ވަނީ އެ ޓީމަށް ކުރި ހޯދައިދީފަ އެވެ.

އޮސްމާނޭ ޑެމްބެލޭ އަށް މެސީ ދިން ބޯޅަ ޑެމްބެލޭ އަލުން މެސީ އަށް ޖައްސާލުމުން ޗެލްސީގެ ކުޅުންތެރިޔެއްގެ ފައިގައި ޖެހިފައި ލިބުނީ ލުއިސް ސުއަރޭޒަށެވެ. އޭނާ އަލުން އެ ބޯޅަ މެސީ އަށް ދިނުމުން އޭނާ ވަނީ ހަނި އޭންގަލުން ޖަހައި، ޗެލްސީގެ ގޯލްކީޕަރު ތިބައޫ ކޯޓުއާގެ ފައި ދޭތެރެއިން ގޯލަށް ބޯޅާ ވައްދާލައިފަ އެވެ.

ބާސެލޯނާގެ ދެ ވަނަ ގޯލް 20 ވަނަ މިނެޓުގައި ޖެހީ ޑެމްބެލޭ އެވެ. ޗެލްސީގެ ދެ ޑިފެންޑަރުން ކައިރިން ދެމި ގަތުމަށް ފަހު މެސީ މުޅިން ހުސްކޮށްލާފައި ޑެމްބެލޭ އަށް ދިން ބޯޅަ އޭނާ ވަނީ އޭރިއާ ތެރޭ ތިބި ޗެލްސީ ޑިފެންޑަރުންނާއި ކީޕަރަށް އެއްވެސް ފުރުސަތެއް ނުދީ މަތީ ކަނުގައި ބޯޅަ ތަތްކޮށްލައިފަ އެވެ.

ޗެލްސީން ވެސް ފުރަތަމަ ހާފުގައި ތަފާތު ކުޑަކުރުމާ ގާތަށް ޖެހިލި އެވެ. އެކަމަކު މާކަސް އޮލޮންސޯ ހިލޭ ޖެހުމަކުން ފޮނުވާލި ބޯޅަ އަމާޒުވީ ދަނޑި އަށެވެ.

ބާސެލޯނާ އިން ކުއާޓާގެ ޖާގަ ޖާގަ ކަށަވަރުކުރީ 63 ވަނަ މިނެޓުގައި މެސީ ޖެހި، ޗެމްޕިއަންސް ލީގުގައި އޭނާގެ 100 ވަނަ ގޯލުންނެވެ.

ޗެލްސީގެ ސެޒާ އަޒްޕިލިކުއެޓާ އަށް ހެދުނު ގޯހަކުން ސުއަރޭޒް އޭރިއާ ބޭރުން ދިން ބޯޅަ ހިފައިގެން ޗެލްސީގެ ތިން ޑިފެންޑަރު ފަސްދީ ކުރިއަށް ޖެހި އޭނާ ބޯޅަ ގޯލަށް ވައްދާލީ މި ފަހަރު ވެސް ކޯޓުއާގެ ފައި ދޭތެރެއިންނެވެ.

ޗެމްޕިއަންސް ލީގުގައި 100 ލަނޑު ޖަހާފައިވަނީ މެސީގެ އިތުރުން ރެއާލް މެޑްރިޑުގެ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. މިވަގުތު 117 ލަނޑު ޖަހާފައިވާ ރޮނާލްޑޯ 100 ލަނޑު ހަމަކުރީ 137 މެޗުންނެވެ. މެސީ 100 ލަނޑު މި ހަމަކުރީ 123 މެޗުންނެވެ.

ޗެލްސީގެ ކޯޗު ކޮންޓޭ ބުނީ އޭނާގެ ކުޅުންތެރިންނާ މެދު ފަހުރުވެރިވާން ޖެހޭ ކަމަށާއި އެ ކުޅުންތެރިން ގައިގައި ހުރި ހިތްވަރެއްލީ ކަމަށެވެ. އަދި މިގޮތުގައި ކުރިއަށްދާން ޖެހޭ ކަމަށް ވެސް އޭނާ ބުންޏެވެ.

"ދެ ލެގަށް ބަލަންޏާ އަހަރެމެން ކުޑަކޮށް ނަސީބު ދެރައީ. ދެ ގޮތަށް ވެސް ކުޅެވޭކަން އަހަރެމެން ދައްކަމުން މި އަންނަނީ. ފުރަތަމަ ލެގުގައި ޑިފެންސިވްކޮށް އަހަރެމެން ވަރުގަދަ. އަދި އަހަރެމެންނަށް ހެދުނު ގޯހަކުން އެ ޓީމުން ލަނޑު ޖެހީ. މިރޭ އެ މީހުން ގިނައިން ޖެހި، އެކަމަކު މި ނަތީޖާ އަހަރެމެންނަށް ހައްގެއް ނޫން،" ކޮންޓޭ ބުންޏެވެ.

ދެ ވަނަ ބުރުގެ އަނެއް މެޗުގައި ރޭ ޖަރުމަނުގެ ބެޔާން މިއުނިކް ވަނީ ރަށުން ބޭރުގައި ތުރުކީގެ ބެސިކްޓަސް އަތުން 3-1 އިން މޮޅުވެ ދެ ލެގުން 8-1 އިން ކުރި ހޯދައި ކުއާޓާ އަށް ގޮސްފަ އެވެ.

މުބާރާތުގެ ދެ ވަނަ ބުރުގެ ހުރިހާ މެޗެއް ނިމިފައިވާއިރު ކުއާޓާގެ ޖާގަތައް ހޯދާފައިވަނީ ޖަރުމަނުގެ ބަޔާނުގެ އިތުރުން ސްޕެއިނުގެ ރެއާލް މެޑްރިޑާއި ބާސެލޯނާ އާއި ސެވިއްޔާ އާއި އިޓަލީގެ ޔުވެންޓަސް އާއި ރޯމާ އާއި އިންގްލެންޑުގެ މެންޗެސްޓާ ސިޓީ އަދި ލިވަޕޫލެވެ. ކުއާޓާ ފައިނަލުގެ ގުރުނެގުން އޮންނާނީ ހުކުރު ދުވަހު އެވެ.