ބާސެލޯނާ އާއި ބަޔާން މިއުނިކް ކުއާޓާ އަށް

ބާސެލޯނާ (އޮގަސްޓް 9) – ނަޕޯލީ 3-1 އިން ބަލިކޮށް ބާސެލޯނާ އިން އަދި ޗެލްސީ 4-1 އިން ބަލިކޮށް ބަޔާން މިއުނިކުން ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން ފުރުސަތު ހޯދައިފި އެވެ.


އަމިއްލަ ދަނޑުގައި ހޯދި މޮޅާ އެކު ބާސެލޯނާ ފުރުސަތު ހޯދީ 4-2 ގެ އެގްރިގޭޓުންނެވެ. ނޭޕްލްސްގައި ކުޅުނު މެޗު 1-1 އިން އެއްވަރުވީ އެވެ. ބަޔާނުން އަމިއްލަ ދަނޑުގައި މޮޅުވެ ޖާގަ ހޯދީ 7-1 ގެ އެގްރިގޭޓުންނެވެ. ލަންޑަނުގައި ކުޅުނު މެޗު ބަޔާން ކާމިޔާބުކުރީ 3-0 އިންނެވެ.

ކުއާޓާ ފައިނަލުގައި ބާސެލޯނާ ބައްދަލުކުރަން ޖެހޭނީ ބަޔާންއާ އެވެ. މެންޗެސްޓާ ސިޓީ އާއި އޮލިމްޕިކް ލިޔޯން ވާދަކުރަން ޖެހޭއިރު އެތުލެޓިކޯ މެޑްރިޑް ބައްދަލުކުރާނީ އާރްބީ ލީޕްޒިގްއާ އެވެ. އަދި ޕީއެސްޖީއާ ނުކުންނާނީ އެޓަލާންޓާއާ ދެކޮޅަށެވެ. ކުއާޓާ ފައިނަލް ފަށާނީ އަންނަ ބުދަ ދުވަހު ޕޯޗުގަލްގަ އެވެ. އެ ސްޓޭޖުން ފެށިގެން އޮންނާނީ އެއް ލެގު އުސޫލުން މިނީ ޓޯނަމަންޓެއްގެ ގޮތުގަ އެވެ.

ސްޕެނިޝް ލީގު ގެއްލުމުގެ މާޔޫސްކަމުގައި އޮތް ބާސެލޯނާ އިން، ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމުގެ މަސައްކަތުގައި ކުރިއަށް ފިޔަވަޅެއް އެޅީ ކެޕްޓަން ލިއޮނަލް މެސީ އާއި ލުއިސް ސުއަރޭޒްގެ އެހީއާ އެކު އެވެ.

ބާސެލޯނާ އަށް 10 ވަނަ މިނެޓުގައި ފުރަތަމަ ގޯލް ޖަހައިދިނީ އިވާން ރަކިޓިޗް ނަގައިދިން ކޯނަރަކުން ކްލެމެން ލެންގްލޭ އެވެ. ބާސެލޯނާގެ ދެ ވަނަ ގޯލަކީ 23 ވަނަ މިނެޓުގައި މެސީ ވައްދާލި މޮޅު ގޯލެކެވެ. އޭރިއާ ބޭރުން ނަޕޯލީގެ ދެ ކުޅުންތެރިން ކައިރިން ސަލާމަތްވެ، އޭރިއާ ތެރެއަށް ވަން ވަގުތު ވެއްޓުނު ނަމަވެސް ތެދުވެ، ނަޕޯލީގެ ދެ ޑިފެންޑަރުންގެ ދެ މެދުން ގޯލުގެ ތިރީ ކަނަށް ބޯޅަ ވައްދާލީ އެވެ. ބާސެލޯނާގެ ތިން ވަނަ ގޯލް ސުއަރޭޒް 45 ވަނަ މިނެޓުގައި ކާމިޔާބުކުރީ ޕެނަލްޓީއަކުންނެވެ. މިއީ މެސީ އަށް ނަޕޯލީގެ ކަލިދޫ ކޫލިބަލީ ކުރި ފައުލަކަށް ދިން ޕެނަލްޓީއެކެވެ.

ކުޅުންތެރިއެއްގެ ގޮތުގައި މުބާރާތް ދެ ފަހަރު ކާމިޔާބުކޮށްފައިވާ ޖެނާރޫ ގަޓޫސޯ ކޯޗުކޮށްދޭ ނަޕޯލީގެ ހަމައެކަނި ގޯލް ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭ ކާމިޔާބުކުރީ ލޮރެންޒޯ އިންސީނޭ އެވެ. އެ ޓީމަށް ނަތީޖާ ބަދަލުކުރަން ދެ ވަނަ ހާފު އެއްކޮށް ލިބުނު ނަމަވެސް ތަފާތެއް ނުގެނެވުނެވެ.

"ޓީމުން ރަނގަޅަށް ކުޅުނު އެހެންވެ މިއީ ހައްގު ނަތީޖާއެއް. މުބާރާތުގައި ދެން އޮތް ވާދަވެރިންނަކީ ވަރުގަދަ ޓީމުތަކެއް. އުނދަގޫ މެޗުތަކެއް ބާކީ ހުރީ،" ބާސެލޯނާގެ ކޯޗު ކީކޭ ސެޓިއެން ބުންޏެވެ. "އަހަރެމެންނަށް އުނދަގޫވާނެ ހަމައެގޮތަށް ބަޔާނަށް ވެސް އުނދަގޫވާނެ. އެއީ ވަރުގަދަ ޓީމެއް އަހަރެމެންނަކީ ވެސް."

ޗެލްސީއާ ދެކޮޅަށް ބަޔާން މިއުނިކް ކުޅުނު މެޗުގެ ކުރީކޮޅު ރޮބަޓް ލޮވޮންޑޮސްކީ އާއި އިވާން ޕެރިސިޗް އެ ޓީމަށް ދެ ލަނޑުގެ ލީޑެއް ހޯދައިދިނެވެ. އެކަމަކު ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ޓެމީ އަބްރަހަމް ޗެލްސީ އަށް ތަފާތު ކުޑަކޮށްދިނެވެ. ބަޔާނުން އަލުން ތަފާތު ބޮޑުކޮށްލީ ދެ ވަނަ ހާފުގައި ކޮރެންޓިން ޓޮލިސޯ އާއި ލެވޮންޑޮސްކީ ޖަހައިދިން ގޯލްތަކުންނެވެ.

ބަޔާނުގެ ކޯޗު ހަންސީ ފްލިކް ބުނީ ބާސެލޯނާއާ ދެކޮޅަށް ކުޅެން ތައްޔާރުވާނީ އެހެން ޓީމުތަކެކޭ އެއްފަދައިން ކަމަށާއި ވަކި ލިއޮނަލް މެސީ އަށް ސަމާލުކަންނުދޭނެ ކަމަށާއި އެ ޓީމުގެ ހުރިހާ ކުޅުންތެރިންނާ މެދު ވިސްނަން ޖެހޭނެ ކަމަށެވެ.