ބާސެލޯނާ އިން މެލްކޮމްގެ ޑީލް ހައިޖެކްކޮށްފި

ބޯޑޯ (ޖުލައި 24) – ފްރާންސްގެ ބޯޑޯ އަށް ކުޅެމުން އަންނަ ބްރެޒިލްގެ ވިންގާ މެލްކޮމް އިޓަލީގެ އޭއެސް ރޯމާ އަށް ވިއްކާލަން އެއްބަސްވެފައި އޮއްވާ ބާސެލޯނާ އިން އޭނާ ޝައުގުވެރިކަން ފާޅުކުރުމުން ބޯޑޯ އިން ރޯމާގެ ޓްރާންސްފާ މަޑުޖައްސާލައިފި އެވެ.


ބޯޑޯ އިން އޭނާ ރޯމާ އަށް ވިއްކާލަން އެއްބަސްވީ އިއްޔެ އެވެ. އަދި ރޭގެ ވަގުތެއްގައި އޭނާ ރޯމަށް އައިސް މިއަދު މެޑިކަލް ޓެސްޓް ހެދުމަށް ފަހު ރޯމާގެ އެމެރިކާ ޓުއާއާ މާދަމާ ގުޅޭ ގޮތަށް އޮތީ ހަމަަޖެހިފަ އެވެ. އެކަމަކު ބޯޑޯ އިން ކުއްލި ގޮތަކަށް އޭނާގެ ދަތުރު ހުއްޓުވާލީ އެވެ.

"ބާސެލޯނާ އިން ހުށަހަޅާފައި އޮތީ،" ބޯޑޯގެ ފަރާތުން އޭއެފްޕީ އަށް މައުލޫމާތު ދީފައިވެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ބާސެލޯނާ އިން މެލްކޮމް އަށް ޝައުގުވެރިވީ ޗެލްސީގެ ބްރެޒިލް ވިންގާ ވިލިއަން ހޯދަން ކުރި މަސައްކަތް ނާކާމިޔާބުވުމުންނެވެ. ބާސެލޯނާ އިން ހުށަހެޅި ތިން ވަނަ އޮފާއަށް ވެސް އިއްޔެ ޗެލްސީން ނޫނެކޭ ބުނެފައިވާ ކަމަށްވެ އެވެ. އަދި މެލްކޮމް ރޯމާ އަށް ވިއްކާލަން ބޯޑޯ އިން އެއްބަސްވި އަގު ކަމަށްވާ 44.4 މިލިއަން ޑޮަލަރަށް ވުރެ ބޮޑު އަގެއް ބާސެލޯނާ އިން ހުށަހަޅާފައިވާ ކަމަށްވެ އެވެ.

މެލްކޮމް ރޯމާއާ ގުޅެން ހަމަޖެހުނީ އޭނާ ހޯދަން ޔޫރަޕުގެ ވަރަށް ގިނަ ކްލަބްތަކުން މަސައްކަތްކުރަނިކޮށެވެ. އުމުރުން 21 އަހަރުގެ މި ކުޅުންތެރިއާ ވަނީ މިދިޔަ ސީޒަނުގައި ބޯޑޯއަށް ފްރާންސް ލީގުގައި 35 މެޗު ކުޅެދީ 12 ގޯލް ޖަހައިފަ އެވެ.