ބާސެލޯނާ ކަޓުވާލައި ރޯމާ އިން ދުނިޔެ ހައިރާންކޮށްލައިފި!

ރޯމް (އޭޕްރިލް 11) – ސްޕެނިޝް ލީގުގައި ބަލިނުވާތާ އަހަރެއް ވެފައިވާ ޔޫރަޕުގެ ގަދަބާރު ބާސެލޯނާ އަތުން 3-0 އިން މޮޅުވެ އިޓަލީގެ އޭއެސް ރޯމާ އިން ފުރަތަމަ ލެގުގެ ނަތީޖާ އަނބުރާލައި ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުން ޖާގަ ކަށަވަރުކޮށް ފުޓްބޯޅައިގެ ދުނިޔެއަށް ހައިރާންކަން ގެނުވައިފި އެވެ.


ބާސެލޯނާ އިން އަމިއްލަ ދަނޑުގައި ކުޅުނު ލެގު 4-1 އިން ކާމިޔާބުކޮށްފައިވާތީ ގިނަ ބަޔަކު ނިންމައިގެން ތިބީ މިރޭ އެ ޓީމުން އުނދަގުލަކާ އެކު ސެމީން ފުރުސަތު ހޯދާނެ ކަމަށެވެ. އެކަމަކު މިރޭގެ ނަތީޖާއާ އެކު ދެ ޓީމު 4-4 އިން އެއްވަރުވެ ރޯމާ މިވަނީ ރަށުން ބޭރުގައި ޖެހި ގޯލުން ކުރި ހޯދައި، 1984 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް މުބާރާތުގެ ސެމީ ފައިނަލުން ފުރުސަތު ހޯދައިފަ އެވެ.

އަނެއްކޮޅުން އެ ފަހަރުގެ ފައިނަލުން ރޯމާ އަތުން މޮޅުވި އިންގްލެންޑުގެ ލިވަޕޫލް ވަނީ މިރޭ މެންޗެސްޓާ ސިޓީ އަތުން ރަށުން ބޭރުގައި 2-1 އިން މޮޅުވެ މުބާރާތުގެ ސެމީ ފައިނަލުން ފުރުސަތު ހޯދައިފަ އެވެ. ފުރަތަމަ ލެގުން 3-0 އިން މޮޅުވި ލިވަޕޫލް ދެ ލެގުން ކުރި ހޯދީ 5-1 އިންނެވެ. މިރޭ ވެސް ލިވަޕޫލުގެ ތަރިއަކަށްވީ ރޯމާ އިން މި ސީޒަނުގައި ލިވަޕޫލާ ގުޅުނު މިސްރުގެ ފޯވާޑް މުހައްމަދު ސަލާހެވެ.

ބާސެލޯނާގެ ސުޕަސްޓާ މެސީ މެޗަށް ފަހު ދަނޑުން ފައިބައިގެން ދަނީ. --ފޮޓޯ: އޭއެފްޕީ

ރޯމްގެ އޮލިމްޕިކް ސްޓޭޑިއަމުގައި ރޯމާ އާއި ބާސެލޯނާ މިރޭ ކުޅުނު މެޗުގެ ފުރަތަމަ މިނެޓުން ފަށައިގެން ރޯމާ އިން ވަނީ އެ ޓީމަށް ސެމީން ޖާގައެއް ހައްގުވާވަރުގެ ކުޅުމެއް ދައްކައިފަ އެވެ. އެކަމަކު ކެޕްޓަން ޑެނިއަލް ޑި ރޮސީ ޖައްސާލި ބޯޅައަކަށް އަރައި ހަ ވަނަ މިނެޓުގައި އެޑިން ޖެކޯ ރޯމާ އަށް ލީޑު ނަގައިދިން ނަމަވެސް، އެއީ އެ ޓީމަށް ކުރެވިދާނެ ކަމެއް ކަމަށް ގިނަ ބަޔަކު ގަބޫލެއް ނުކުރެ އެވެ.

އެކަމަކު ރޯމާ އިން އެއްކޮށް ކޮންޓްރޯލްކުރި ފުރަތަމަ ހާފަށް ފަހު، ދެ ވަނަ ހާފު ފަށައިގެން 58 ވަނަ މިނެޓުގައި ޕެނަލްޓީއަކުން ޑި ރޮސީ ވައްދާލި ލަނޑާ އެކު އެ ޓީމަށް ޔަގީންކަން ލިބުނު ކަހަލަ އެވެ. އަދި 82 ވަނަ މިނެޓުގައި ކޯނަރަކުން ހުރަސްވި ބޯޅައެއް އޭރިއާ ތެރެއިން ޑިފެންޑަރު ކޮސްޓަސް މަނޮލަސް ބޮލުން ގޯލުގެ ތެރެއަށް ވައްދާލައި، ނުވާނެހެން ހީވި ކަންތައް އެ ޓީމަށް ހާސިލްކޮށްދިނެވެ. ފުރަތަމަ ލެގުން ބާސެލޯނާ އަށް ބޮޑު އެޑްވާންޓޭޖެއް ލިބުނު ހަތަރު ގޯލުގެ ތެރެއިން ދެ ގޯލަކީ، މިރޭ ލަނޑު ޖެހި ޑި ރޮސީ އާއި މަނޮލަސް އަތުން ބައިކޮޅަށް ވަން ގޯލްތަކެވެ. މިރޭގެ ލަނޑުތަކާ އެކު އެ ދެ ކުޅުންތެރިންގެ އޭގެ ބަދަލު މިވަނީ ދީފަ އެވެ.

އާ ކޯޗު އާނެސްޓޯ ވަލްވާޑޭއާ އެކު މި ސީޒަނުގެ ސްޕެނިޝް ލީގާއި ސްޕެނިޝް ކަޕް ކާމިޔާބުކުރުމާ ގާތުގައި އޮތް ބާސެލޯނާ އިން ތިން ތަށި ހޯދުމަށް ކުރަމުން އައި އުއްމީދު މިވަނީ ފެނަށް ވެފަ އެވެ. ރޯމާގެ ކޯޗު އަދި ކުރީގެ ކުޅުންތެރިޔާ ޑި ފްރެންސެސްކޯ ވަނީ މިދިޔަ ސީޒަނުގައި އިޓަލީގެ ސަސުއޮލޯ އަށް ކޯޗުކޮށްދިން އިރު ޔުރޮޕާ ލީގުގައި ވަލްވާޑޭ އޭރު ކޯޗުކޮށްދިން އެތުލެޓިކް ބިލްބާއޯ ހަމަ މި ނަތީޖާ އިން ބަލިކޮށްފަ އެވެ. ޕޯޗުގަލްގެ ކުރީގެ މަޝްހޫރު ފޯވާޑް ޔޫސޭބިއޯގެ ނަމުން ނަން ދީފައިވާ ޑި ފްރެންސެސްކޯ އަކީ ރޯމާ އިން ފަހުގެ ތާރީހެއްގައި ހޯދި އެންމެ ބޮޑު ކާމިޔާބީ ކަމަށްވާ 2001 ވަނަ އަހަރުގެ އިޓާލިއަން ލީގު ކާމިޔާބުކުރުމުގައި ހިއްސާ އޮތް ކުޅުންތެރިޔެކެވެ.

މި ނަތީޖާއާ އެކު ރޯމާ ވެފައިވަނީ ޗެމްޕިއަންސް ލީގުގައި، ފުރަތަމަ ލެގުގައި ތިން ލަނޑުން ނުވަތަ އެޔަށް ވުރެ ބޮޑު ތަފާތުންވީ ބަލި ދެ ވަނަ ލެގުގައި އަނބުރާލި ތިން ވަނަ ޓީމަށެވެ. އެކަން މީގެ ކުރިން ކުރީ 2004 ވަނަ އަހަރު އޭސީ މިލާނުގެ މައްޗަށް ކުރި ހޯދި ސްޕެއިނުގެ ޑިޕޯޓިވޯ ލަ ލަކޮރޫނާ އަދި މިދިޔަ ސީޒަނުގައި ޕީއެސްޖީގެ މައްޗަށް ކުރި ހޯދިއިރު ބާސެލޯނާ އެވެ.

ލިވަޕޫލުގެ ކުޅުންތެރިން އުފާފާޅުކުރަނީ. --ފޮޓޯ: އޭއެފްޕީ

މިރޭ ސިޓީ އާއި ލިވަޕޫލް ކުޅުނު މެޗަށް ސިޓީ ނުކުތީ ފުރަތަމަ ލެގުން 3-0 އިން ބަލިވި ނަތީޖާ އަނބުރާލުމަށެވެ. ގެބްރިއަލް ޖީސުސް ދެ ވަނަ މިނެޓުގައި ޖެހި ގޯލާ އެކު ސިޓީން އެކަން ކޮށްފާނެ ކަމަށް ބެލެވުނެވެ. ފުރަތަމަ ހާފުގައި އެ ޓީމުން ޑޮމިނޭޓްކޮށް އިތުރު ލަނޑު ޖެހުމާ ގާތަށް ވެސް ދިޔަ އެވެ. އެގޮތުން ބެނާޑޯ ސިލްވާގެ ޝޮޓެއް ދަނޑީގައި ވެސް ޖެހުނެވެ. މި ހާފުގައި ސިޓީގެ ލެރޮއީ ސާނޭ ޖެހި ގޯލެއް އޮފްސައިޑް ކަމަށް ބުނެ ރެފްރީ ގަބޫލުނުކުރިއިރު ސިޓީން އެކަމާ މައްސަލަ ޖެއްސި އެވެ. އަދި ރެފްރީއާ ހިނގި ދެބަސްވުމަކަށް ފަހު ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ހާފު ގަޑީގައި ބެންޗުން ފޮނުވާލި އެވެ.

އެކަމަކު ދެ ވަނަ ހާފުގައި ފެނުނީ ތަފާތު މަންޒަރެކެވެ. ލިވަޕޫލުން ހާފުގެ ކުރީކޮޅު ކޮންމެވެސް ވަރަކަށް ކޮންޓްރޯލް ހޯދިއިރު 56 ވަނަ މިނެޓުގައި ސަލާ ޖެހި ލަނޑާ އެކު ސިޓީ ކުރަން ޖެހޭ މަސައްކަތް ދެގުނަވި އެވެ. އެ ޓީމަށް އިތުރު އުއްމީދެއް ނުލިބެނީސް 77 ވަނަ މިނެޓުގައި ލިވަޕޫލުގެ ރޮބާޓޯ ފިރްމީނިއޯ ގޯލް ޖަހައި ސިޓީގެ އުއްމީދުތައް އެއްކޮށް ފެނަށް ދުއްވާލި އެވެ.

މިއީ މި ސީޒަނުގައި އެންމެ ވަރުގަދަ ފޯމެއްގައި އޮތް ސިޓީ ޖެހިޖެހިގެން ބަލިވި ތިން ވަނަ މެޗެވެ. ފުރަތަމަ ލެގުން މިދިޔަ ހަފުތާގައި ލިވަޕޫލް އަތުން 3-0 އިން ބަލިވެފައި އޮއްވާ ޕްރިމިއާ ލީގުގައި ވާދަވެރި މެންޗެސްޓާ ޔުނައިޓެޑް އަތުން ހޮނިހިރު ދުވަހުގެރޭ 3-2 އިން ވަނީ ބަލިވެފަ އެވެ. އެކަމަކު ހޮނިހިރު ދުވަހުގެރޭ ޓޮޓެންހަމް ހޮޓްސްޕާސް އަތުން އަތުން މޮޅުވެގެން ލީގު ކާމިޔާބުކުރުމުގެ ފުރުސަތު އެބައޮތެވެ.