ލިވަޕޫލުން ތަށި ހޯދަން ޖެހޭކަމަށް ޑިމާންޑްކުރަން ޖެހޭ: މޮރީނިއޯ

ކެލިފޯނިއާ، ޔުނައިޓެޑް ސްޓޭޓްސް (ޖުލައި 27) – ލިވަޕޫލުން މި ފަހަރުގެ އިނގިރޭސި ޕްރިމިއާ ލީގު ކާމިޔާބުކުރަން ޖެހޭ ކަމަށް މީޑިއާ އިން ޑިމާންޑްކޮށްދޭން މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗު ހޯސެ މޮރީނިއޯ އެދިއްޖެ އެވެ.


މިދިޔަ ސީޒަނުގައި މެދުތެރެއިން ރެކޯޑް އަގެއްގައި ނެދަލެންޑްސްގެ ސެންޓްރަލް ޑިފެންޑަރު ވާޖިލް ވެން ޑައިކް ގެނައި ލިވަޕޫލުން ވަނީ މި ފަހަރުގެ ޓްރާންސްފާ ބާޒާރުގައި އިތުރު ހަތަރު ކުޅުންތެރިއަކު ގެނެސްފަ އެވެ. އޭގެ ތެރޭގައި ރެކޯޑް އަގެއްގައި ގެނައި ބްރެޒިލްގެ ގޯލްކީޕަރު އެލިސަން ބެކާ ހިމެނެ އެވެ. އެއާ އެކު، މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ވާދަކުރި ލިވަޕޫލަކީ މި ފަހަރު ތަށްޓަށް ވާދަކުރާނެ ޓީމެއް ކަމަށް ގިނަ ބަޔަކު ދެކެ އެވެ.

މޮރީނިއޯ ވެސް ބުނީ އެވަރަށް ހަރަދުކުރުމަކީ ގިނަ ބަޔަކު އެ ޓީމަކާ މެދު އުއްމީދުތަކެއް ކުރާނެ ކަމެއް ކަމަށާއި ކާމިޔާބު ހޯދައިދޭން ޖެހޭނެކަން ލިވަޕޫލުގެ ކޯޗު ޔާގެން ކްލޮޕަށް އަންގައިދޭން ޖެހޭ ކަމަށެވެ. ޕްރީ ސީޒަނުގައި އިއްޔެ އޭސީ މިލާން އަތުން ޕެނަލްޓީ ޖަހައިގެން މޮޅުވި މެޗަށް ފަހު މޮރީނިއޯ ނޫސްވެރިން ގާތު ބުނީ މި ސީޒަނުގައި ލިވަޕޫލުން ކާމިޔާބު ހޯދަންޖެހޭކަން މީޑިއާއިން ޑިމާންޑްކުރާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.

މޮރީނިއޯ ބުނީ މިދިޔަ ސީޒަނުން ފެށިގެން ލިވަޕޫލުން އިންވެސްޓްކުރަން ފަށައިފި ކަމަށާއި އެ ވަރުގެ އިންވެސްޓްކުރި އެހެން ޓީމެއް ނުފެންނަ ކަމަށެވެ. އަދި ލިވަޕޫލަކީ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ކުޅެފައި އޮތް ޓީމެއް ކަމަށާއި އެހެންވެ އެ ޓީމަކީ ތަށްޓަށް ވާދަކުރާނެ ކެންޑިޑޭޓެއްކަން މީޑިއާ އިން ބުނަން ޖެހޭ ކަމަށެވެ.

"ކަލޭމެން އިންސާފުވެރިވާން ޖެހޭނެ އަދި އެކަމަށް ޑިމާންޑްކުރަން ޖެހޭ،" މޮރީނިއޯ ބުންޏެވެ.

މޮރީނިއޯގެ ކޯޗުކަމުގެ ދަށުން ޔުނައިޓެޑުން 2016 ވަނަ އަހަރު ދުނިޔޭގެ ރެކޯޑް އަގެއްގައި ޕައުލް ޕޮގްބާ ގަތުމުން ލިވަޕޫލުގެ ކޯޗު ކްލޮޕް އޭރު ސުވާލު އުފައްދާފައިވާތީ މޮރީނިއޯ ވަނީ އެކަން ވެސް ފާހަގަކޮށްފަ އެވެ. މޮރީނިއޯ ބުނީ އިންވެސްޓްކުރުމަކީ މައްސަލައެއް ނޫން ކަމަށާއި އެކަން ކުރަން ޖެހޭނީ ރަނގަޅަށް ކަމަށެވެ. އަދި ލިވަޕޫލުން މި ފަހަރު ގެނައި މޮޅު ކުޅުންތެރިންތަކެއް ކަމަށާއި އެހެންވެ އެއީ ރަނގަޅު އިންވެސްޓްމަންޓްތަކެއް ކަމަށް ގަބޫލުކުރާ ކަމަށް ބުންޏެވެ.