ރޮނާލްޑޯ އަތުން ޕެނަލްޓީ ބޭކާރު، އެކަމަކު ޔުވެންޓަސް މޮޅުވެއްޖެ

ޓިއުރިން (ޖެނުއަރީ 22) – ކްރިސްޓިއާނޯ ރޮނާލްޑޯ އަތުން ޕެނަލްޓީއެއް ބޭކާރުވި ނަމަވެސް، ތާވަލުގެ ފުލުގައި އޮތް ކިއެވޯ އަތުން 3-0 އިން މޮޅުވެ ޔުވެންޓަސް އިން އިޓާލިއަން ލީގުގެ ކުރީގައި ނުވަ ޕޮއިންޓުގެ ލީޑު އަނެއްކާ ވެސް ނަގައިފި އެވެ.


ސީޒަނުގެ ދެ ވަނަ ހާފު ޔުވެންޓަސް އިން ރަސްމީކޮށް ރޭ ފެށި މެޗުން ހޯދި މޮޅާ އެކު އެއް ވަނައިގައި އޮތީ 56 ޕޮއިންޓާ އެކު އެވެ. އެންމެ ގާތުގައި އޮތީ 47 ޕޮއިންޓް ހޯދާފައިވާ ނަޕޯލީ އެވެ. އެ ޓީމުން މި ހަފުތާގައި ކުޅުނު މެޗުން ލާޒިއޯ އަތުން 2-1 އިން މޮޅުވެފަ އެވެ. ތިން ވަނައިގައި 40 ޕޮއިންޓާ އެކު އޮތީ އޮތީ އިންޓަ މިލާނެވެ. އެ ޓީމު ވަނީ އާދީއްތަ ދުވަހު ވަނީ ސަސުއޮލޯއާ 0-0 އިން އެއްވަރުވެފަ އެވެ.

ޔުވެންޓަސްގެ އަމިއްލަ ދަނޑުގައި ރޭ ކިއޭވޯއާ ދެކޮޅަށް ކުޅުނު މެޗުގެ 13 ވަނަ މިނެޓުގައި ޑަގްލަސް ކޮސްޓާ ވަނީ އެ ޓީމަށް ކުރި ހޯދައިދީފަ އެވެ. ދެ ވަނަ ހާފު ފުރަތަމަ ހާފުގެ ފަހު މިނެޓުގައި ޖެހީ އެމްރެ ޗޭން އެވެ. ލީޑު ފުޅާކުރަން 52 ވަނަ މިނެޓުގައި ޔުވެންޓަސް އަށް ލިބުނު ޕެނަލްޓީ ރޮނާލްޑޯ އަތުން ބޭކާރުވީ އެވެ. އެކަމަކު 84 ވަނަ މިނެޓުގައި، ޑިފެންޑަރު ޑެނިއަލް ރުގާނީ ވަނީ ތިން ވަނަ ގޯލް ޖަހައިދީފަ އެވެ.

"އަހަންނަށް ހީނުވޭ މިއީ އޭނާގެ ކެރިއަރުގައި ފުރަތަމަ ފަހަރަށް ވީ ކަމެއްހެން. މީގައި މުހިއްމު ކަމަކީ ޓީމު މޮޅުވުން،" ޔުވެންޓަސްގެ ކޯޗު މަސިމިލިއާނޯ އެލެގްރީ ބުންޏެވެ. "އޭނާ މަސައްކަތްކުރި ގޯލެއް ޖެހޭތޯ. ފުރަތަމަ ހާފުގައި މާބޮޑަށް މަސައްކަތްކުރީ. ދެ ވަނަ ހާފުގައި ރަނގަޅު."

ރޭ އޭސީ މިލާން ވަނީ ޖެނޯއާ އަތުން 2-0 އިން މޮޅުވެ ތާވަލުގެ ހަތަރު ވަނަ އަށް އަލުން އަރައިފަ އެވެ. އެ ޓީމަށް 34 ޕޮއިންޓް ލިބިފައިވާއިރު ފަސް ވަނައިގައި އޮތީ 33 ޕޮއިންޓާ އެކު އޭއެސް ރޯމާ އެވެ. ޗެލްސީ އަށް ބަދަލުވުމާ ގާތުގައި ހުރި ގޮންޒާލޯ ހިގައިން ނެތި މިލާން ކުޅުނު މެޗުގައި އެ ޓީމަށް ގޯލް ޖަހައިދިނީ ފަބިއޯ ބޮރިނީ އާއި ސޫސޯ އެވެ.