ޔުވެންޓަސް ލީގާ ތިން ޕޮއިންޓް ގާތަށް

ޓިއުރިން (އޭޕްރިލް 7) – ފަހަތުން އަރައި 2-1 އިން އޭސީ މިލާން ބަލިކޮށް ޔުވެންޓަސް އިން އިޓާލިއަން ލީގު ޖެހިޖެހިގެން އަށް ވަނަ ފަހަރަށް ކާމިޔާބުކުރުމާ ތިން ޕޮއިންޓް ގާތަށް ޖެހިލައިފި އެވެ.


ޔުވެންޓަސް 84 ޕޮއިންޓާ އެކު އެއް ވަނައިގައި އޮތްއިރު ކުރިއަށް އޮތް މެޗުން މޮޅުވެއްޖެ ނަމަ ލީގު ކާމިޔާބުވާނެ އެވެ. އެކަމަކު ދެ ވަނައިގައި 63 ޕޮއިންޓާ އެކު އޮތް ނަޕޯލީ މިރޭ ޖެނޯއާ އަތުން ބަލިވިޔަސް ޔުވެންޓަސް އަށް ލީގު ކާމިޔާބުވާނެ އެވެ. އެހެންވެއްޖެ ނަމަ އެ ޓީމު ވެގެންދާނީ ލީގުގެ ތާރީހުގައި ވެސް އެންމެ އަވަހަށް ލީގު ޗެމްޕިއަންކަން ކަށަވަރުކުރި ޓީމަށެވެ.

އަނިޔާގައި ހުރި ކްރިސްޓިއާނޯ ރޮނާލްޑޯ ނެތި ކުޅުނު ޔުވެންޓަސް އަށް ރޭގެ މެޗުގެ ފުރަތަމަ ހާފުގައި އެދެވޭ ކުޅުމެއް ނުދެއްކުނެވެ. ނަތީޖާއަކަށްވީ 39 ވަނަ މިނެޓުގައި ކްރިޒްޓޮފް ޕިއޮންޓެކްގެ ގޯލުން ލީޑު ނެގުމެވެ. އެކަމަކު އޭގެ ކުރިން މިލާނުގެ ހަކާން ޝަނައޮގްލޫ ކުރި ހުރަހެއް އޭރިއާ ތެރެއިން ޔުވެންޓަސްގެ އެލެކް ސެންޑްރޯގެ އަތުގައި ޖެހި ބޭރުވުމުން މިލާނުން ޕެނަލްޓީއަކަށް ވަރަށް ބޮޑަށް އެޕީލްކުރި އެވެ. އެކަމަކު ވީއޭއާރް އިން ބެލުމަށް ފަހު ރެފްރީ ނިންމީ ޕެނަލްޓީއެއް ނޫން ކަމަށެވެ.

ދެ ވަނަ ހާފުގައި ޔުވެންޓަސް އިން ބަދަލުތަކެއް ގެނެސް މެޗުގެ ކޮންޓްރޯލް ނެގި އެވެ. އެ ޓީމުން އެއްވަރުކުރީ 60 ވަނަ މިނެޓުގައި ޕެނަލްޓީއަކުން ޕައޮލޯ ޑީބަލާ ޖެހި ގޯލުންނެވެ. އެ ޓީމު މޮޅުކޮށްދިނީ 84 ވަނަ މިނެޓުގައި ބަދަލު ކުޅުންތެރިޔާ މޮއިސޭ ކީން އެވެ. މިއީ މިދިޔަ ހަފުތާގައި ކަލިއާރީގެ ސަޕޯޓަރުންގެ ފަރާތުން ނަސްލީ ފުރައްސާކުރިމަތިވި އިޓަލީގެ އުއްމީދީ ފޯވާޑް ޖެހިޖެހިގެން ގޯލް ޖެހި ހަ ވަނަ މެޗެވެ.