ރަމްސޭ ޔުވެންޓަސް އަށް ސޮއިކޮށްފި

ޓިއުރިން (ފެބްރުއަރީ 12) – އާސެނަލްގެ ވޭލްސް މިޑްފީލްޑަރު އާރޮން ރަމްސޭ އަންނަ ސީޒަނުގައި ހިލޭ ޓްރާންސްފާއެއްގައި ޔުވެންޓަސްއާ ގުޅުމަށް ކޮންޓްރެކްޓެއްގައި ސޮއިކޮށްފި އެވެ.


ޓްރާންސްފާ ގަވާއިދު ބުނާ ގޮތުގައި ކުޅުންތެރިއެއްގެ ކޮންޓްރެކްޓް ހަމަވުމުގެ ހަ މަސް ކުރިން ފެށިގެން އޭނާ އަށް އެހެން ކްލަބަކާ އެކު ކޮންޓްރެކްޓެއްގައި ސޮއިކުރެވިދާނެ ކަމަށެވެ.

އޭނާ ގަތުމަށް ޔުވެންޓަސް އަށް ހަރަދެއް ކުރަން ނުޖެހުމުގެ ފައިދާ ނަގައި ރަމްސޭ ޑިމާންޑްކުރި ބޮޑު މުސާރަ ދޭން ޔުވެންޓަސް އިން ވަނީ އެއްބަސްވެފަ އެވެ. އޭނާ އަށް އަހަރަކު ހަތް މިލިއަން ޔޫރޯ ލިބޭނެ އެވެ. އެއާ އެކު އޭނާ ވެގެންދާނީ ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ފަހު އެންމެ މުސާރަ ބޮޑު ކުޅުންތެރިޔާ އަށެވެ.

އުމުރުން 28 އަހަރުގެ ރަމްސޭ އާސެނަލާ ގުޅުނީ 2008 ވަނަ އަހަރު ކާޑިފް ސިޓީންނެވެ. އޭނާ ވަނީ އެ ޓީމަށް 357 މެޗު ކުޅެދީ 61 ގޯލް ޖަހައިފަ އެވެ. އެފްއޭ ކަޕް ތިން ފަހަރު އަދި ކޮމިއުނިޓީ ޝީލްޑް ދެ ފަހަރު ކާމިޔާބުކުރި އެވެ.

"ކާމިޔާބު 11 އަހަރަށް ފަހު އަހަރެން އާސެނަލް މި ދޫކޮށްލަނީ ބަރު ހިތަކައިގެން،" ރަމްސޭ ބުނެފައިވެ އެވެ.

ރަމްސޭ ހޯދުމަށް ޔޫރަޕުގެ ވަރަށް ގިނަ ކްލަބްތަކުން މަސައްކަތްކުރި އެވެ. އޭގެ ތެރޭގައި ސްޕެއިނުގެ ބާސެލޯނާ އާއި ރެއާލް މެޑްރިޑާއި ފްރާންސްގެ ޕީއެސްޖީ އާއި އިޓަލީގެ އިންޓަ މިލާނާއި އޭސީ މިލާނުގެ އިތުރުން ޖަރުމަނުގެ ބަޔާން މިއުނިކް ހިމެނެ އެވެ. އާސެނަލުން ވެސް އާ ކޮންޓްރެކްޓެއް ދިނެވެ. އެކަމަކު މުސާރައަކާ މެދު އެއްބަސްނުވެވުނީ އެވެ. މީގެ އިތުރުން ކޯޗު އުނައި އެމެރީގެ ވިސްނުމާއި ރަމްސޭ ކުޅެން ބޭނުންވާ މަގާމާ ފުށުއެރުންތަކެއް ވެސް ހުއްޓެވެ.

ބެލެވޭ ގޮތުގައި ރަމްސޭ ޔުވެންޓަސްގައި ފުރާނީ ޖަރުމަން މިޑްފީލްޑަރު ސާމީ ކެދީރާގެ ރޯލެވެ. މި ސީޒަނަށް ފަހު އޭނާ ވިއްކާލާނެ ކަމަށް ބެލެވެ އެވެ.