ބަރްޒާލީ މި ސީޒަނަށް ފަހު ކުޅުން ހުއްޓާލަނީ

ޓިއުރިން (އޭޕްރިލް 15) – މި ސީޒަނަށް ފަހު ފުޓްބޯޅަ ކުޅުން ހުއްޓާލަން ޔުވެންޓަސްގެ އިޓަލީ ޑިފެންޑަރު އަންދްރޭ ބަރްޒާލީ، 37، ނިންމައިފި އެވެ.


އޭނާ މިކަން އިއުލާންކުރީ އިޓާލިއަން ލީގުގައި ހޮނިހިރު ދުވަހުގެރޭ ސްޕާލް އަތުން 2-1 އިން ޔުވެންޓަސް ބަލިވި މެޗުގައި ކެޕްޓަން ބޭންޑް އަޅައިގެން ކުޅުމަށް ފަހު ދިން އިންޓަވިއުއެއްގަ އެވެ. އިޓަލީއާ އެކު 2006 ގެ ވޯލްޑް ކަޕް ކާމިޔާބުކުރި ކުޅުންތެރިޔާ ބުނީ އުމުރާއި އަދި ފަހަކަށް އައިސް ކުރިމަތިވަމުން އަންނަ އަނިޔާތަކާ ގުޅިގެން، މި ސީޒަން ނިމުމާ އެކު ކުޅުން ހުއްޓާލަން ނިންމީ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި ކުރާނެ ކަމެއް ކަނޑައެޅުމުގެ މަރުހަލާ ފެށިއްޖެ ކަމަށް ބުންޏެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި އޭނާ ޔުވެންޓަސްގެ ކޯޗިން ސްޓާފުންނާ ނުވަތަ ޑިރެކްޓަރުންގެ ބޯޑާ ގުޅުމުގެ ފުރުސަތު އެބައޮތެވެ. ނުވަތަ ޓީވީ އެނަލިސްޓަކަށް ވެސް މަސައްކަތްކޮށްފާނެ އެވެ.

އިޓަލީ ގައުމީ ޓީމަށް 2004 އިން 2017 ގެ ނިޔަލަލަށް 73 މެޗު ކުޅެދިން ބަރްޒާލީގެ އެންމެ ހާއްސަ ކާމިޔާބީއަކީ ވޯލްޑް ކަޕް ކާމިޔާބުކުރުމެވެ. އެ ފަހަރު ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ދިޔަ ނަމަވެސް މާކޯ މަޓެރާޒީގެ ސަސްޕެންޝަނާއި އަލެސަންދްރޯ ނެސްޓާގެ އަނިޔާއާ ގުޅިގެން ތިން މެޗެއްގައި ކުޅެން ފުރުސަތު ލިބުނެވެ. މީގެ އިތުރުން 2012 ވަނަ އަހަރުގެ ޔޫރޯގެ ފައިނަލުގައި އިޓަލީ ކުޅުނުއިރު ވެސް ބަރްޒާލީ ވަނީ މުހިއްމު ދައުރެއް އަދާކޮށްފަ އެވެ.

ޕަލޭމޯ އިން ކްލަބް ކެރިއަރުގައި ވިދާލި ބަރްޒާލީ ވަނީ 2011 ވަނަ އަހަރު ޔުވެންޓަސްއާ ގުޅުމުގެ ކުރިން ޖަރުމަނުގެ ވޮލްފްސްބާގަށް ވެސް ކުޅެފަ އެވެ. ޔުވެންޓަސްއާ އެކު އޭނާ ވަނީ އިޓާލިއަން ލީގު ހަތް ފަހަރު ކާމިޔާބުކޮށްފަ އެވެ.