ޔުވެންޓަސް އާއި އިޓަލީގެ ކެޕްޓަން ކިއެލީނީ އަށް ސީރިއަސް އަނިޔާއެއް

ޓިއުރިން (ސެޕްޓެމްބަރު 1) – ޔުވެންޓަސް އާއި އިޓަލީގެ ކެޕްޓަން އަދި އެ ދެ ޓީމުގެ ދިފާއީ ފާރުގެ އެންމެ ކުޅުންތެރިޔާ ޖިއޯޖިއޯ ކިއެލީނީގެ ކަނާތު ކަކުލުގެ ލިގަމެންޓަށް ގެއްލުންވެ މަހަށް ކުޅުމާ ދުރަށް ދާން ޖެހިއްޖެ އެވެ.


އޭނާ އަށް އަނިޔާވީ އިޓާލިއަން ލީގުގައި ރޭ ނަޕޯލީ އަތުން 4-3 އިން ޔުވެންޓަސް މޮޅުވި މެޗުގެ ކުރިން ހުކުރު ދުވަހު އޮތް ފަރިތަކުރުންތަކުގަ އެވެ. ކަކޫ ބެންޑޭޖްކޮށްގެން ރޭ އޭނާ މެޗު ބަލަން ދިޔަ އެވެ. އަދި މެޗު 3-3 އިން އެއްވަރުވެފައި އޮއްވާ ނަޕޯލީގެ ޑިފެންޑަރު ކަލިދޫ ކޫލިބަލީ އަތުން ބައިކޮޅަށް ލަނޑު ވަދެ، ޔުވެންޓަސް މޮޅުވުމާ އެކު މާޔޫސްވެފައި ހުރި ކޫލިބަލީ އަށް ހިތްވަރުދޭން ވެސް ކިއެލީނީ ދިޔަ އެވެ.

ޔުވެންޓަސް އިން ބުނީ ކިއެލީނީގެ އެންޓީރިއާ ކްރުޝުއޭޓް ލިގަމެންޓް (އޭސީއެލް) އިން ބަޔެއް އިރައިގެން ގޮސްފައިވާ ހައްލުކުރެވޭނީ އޮޕަރޭޝަނެއްކޮށްގެން ކަމަށެވެ. އޭނާ ކުޅުމާ ދުރުގައި ހުންނަން ޖެހޭނެ ސީދާ މުއްދަތެއް ކްލަބުން ނުބުނެ އެވެ. އެކަމަކު އާއްމުކޮށް މިފަދަ އަނިޔާތަކަށް ފަހު ކުޅެން ނުކުމެވެނީ 5-6 މަހުގެ މުއްދަތެއްގެ ތެރޭގަ އެވެ.

ކިއެލީނީގެ ބަދަލުގައި، ޔުވެންޓަސްގައި ވެސް އަދި އިޓަލީގައި ވެސް ކެޕްޓަންގެ ޒިންމާ ނަގާނީ ލިއޮނާޑޯ ބޮނޫޗީ އެވެ. އަދި ބޮނޫޗީއާ އެކު، ޔުވެންޓަސްގެ ޑިފެންސަށް ދެން ކުޅޭނީ މި ސީޒަނުގައި ގެނައި ނެދަލެންޑްސް ޑިފެންޑަރު މަތިއަސް ޑި ލީޓް އެވެ. އިޓަލީގެ ޒުވާން ޑިފެންޑަރު ޑެނިއަލީ ރުގާނީ އާއި ތުރުކީގެ މެރިހް ޑެމިރަލް ތިބޭނީ ތައްޔާރުގަ އެވެ. އެކަމަކު ކިއެލީނީ ފަދަ ތަޖުރިބާކާރު ކުޅުންތެރިޔަކު ނެތުން ވެގެންދާނީ މައްސަލައަކަށެވެ.

އަނިޔާގެ ސަބަބުން ކިއެލީނީ އަށް އިޓަލީގެ މުހިއްމު މެޗުތަކެއް ވެސް ގެއްލޭނީ އެވެ. ޔޫރޯ ކޮލިފައިންގައި ވާދަކުރާ އިޓަލީ ސްކޮޑަށް އޭނާގެ ބަދަލުގައި ނަގާފައިވަނީ ލާޒިއޯގެ ފްރެންސެސްކޯ އެސެރެބީ އެވެ.

ލިވޯނޯ އިން މީގެ 19 އަހަރު ކުރިން ކެރިއަރު ފަށައި ރޯމާ އާއި ފިއޮރެންޓީނާ އަށް ވެސް ކުޅުނު ކިއެލީނީ އަކީ 2005 އިން ފެށިގެން ޔުވެންޓަސްގެ މުހިއްމު ކުޅުންތެރިޔެކެވެ. އަދި ފަބިއޯ ކަނަވާރޯ ކުޅުން ހުއްޓާލި ހިސާބުން ފެށިގެން، އޭނާ އަކީ އިޓަލީގެ އެންމެ އިތުބާރު ޑިފެންޑަރެވެ. ގައުމީ ޓީމަށް 2005 އިން ފެށިގެން 103 މެޗު ވަނީ ކުޅެދީފަ އެވެ.