ފަހު ވަގުތު އަޔަކްސް ބަލިކޮށް ޓޮޓެންހަމް ފައިނަލަށް

އެމްސްޓްރެޑަމް (މެއި 9) – ހެޓްރިކް ފުރިހަމަކުރަން ފަހު ސިކުންތުކޮޅުގައި ލޫކަސް މޯރާ ވައްދާލި ގޯލާ އެކު، ނެދަލެންޑްސްގެ އަޔަކްސް 3-2 އިން ބަލިކޮށް އިންގްލެންޑުގެ ޓޮޓެންހަމް ހޮޓްސްޕާސް އިން ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލުން ފުރަތަމަ ފަހަރަށް ޖާގަ ހޯދައިފި އެވެ.


އަންނަ މަހުގެ އެއް ވަނަ ދުވަހުގެރޭ މެޑްރިޑުގެ ވަންޑާ މެޓްރޮޕޮލިޓާނޯ ސްޓޭޑިއަމުގައި އޮންނަ ފައިނަލަށް ޓޮޓެންހަމް ނުކުންނާނީ އިންގްލެންޑުގެ ލިވަޕޫލާ ދެކޮޅަށެވެ. އެއާ އެކު މި ފަހަރު ވެގެންދާނީ އެއް ގައުމެއްގެ ދެ ޓީމު ފައިނަލުގައި ކުޅޭނެ ހަ ވަނަ ފަހަރެވެ. އަދި އިނގިރޭސި ދެ ޓީމެއްގެ ދެ ވަނަ ފައިނަލަށެވެ. މީގެ ކުރިން އިޓަލީ ދެ ޓީމާއި ޖަރުމަން ދެ ޓީމު އަދި އިނގިރޭސި ދެ ޓީމުގެ އެއް ފައިނަލާއި ސްޕެއިން ދެ ޓީމުގެ ދެ ފައިނަލް ވަނީ ފެނިފަ އެވެ. ފުރަތަމަ "އޯލް-އިންގްލިޝް" ފައިނަލުގައި 2008 ވަނަ އަހަރު ޗެލްސީ ބަލިކޮށް ތަށި ހޯދީ މެންޗެސްޓާ ޔުނައިޓެޑުންނެވެ.

ޗެމްޕިއަން ރެއާލް މެޑްރިޑާއި ފޭވަރިޓް ޔުވެންޓަސް ކަޓުވާލައި މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކުރި، ޒުވާން އަޔަކްސްގެ ޔޫރަޕުގެ ހުވަފެން ނިމިގެން މިދިޔައީ ފަހު ވަގުތު އެހާމެ ހިތްދަތިކޮށެވެ. ލަންޑަނުގައި ކުޅުނު ފުރަތަމަ ލެގު 1-0 އިން ކާމިޔާބުކުރި އަޔަކްސް އިން މިރޭގެ މެޗުގެ ފުރަތަމަ ހާފުގައި ވައްދާލި ދެ ގޯލާ އެކު ގާތްގަނޑަކަށް ފައިނަލް ކަށަވަރުކޮށްގެންނެވެ. އެކަމަކު ފަހަތުން އަރައި ޓޮޓެންހަމް ޖެހި ތިން ލަނޑާ އެކު، ދެ ޓީމު އެގްރިގޭޓުން ހަމަހަމަވެ، ޓޮޓެންހަމް އަށް ކުރި ލިބުނީ ރަށުން ބޭރުގައި ޖެހި ގޯލުން ކުރި ލިބޭތީ އެވެ.

ޔޮހާން ކްރައިފް އެރީނާގައި މިރޭ ކުޅުނު މެޗުގެ ފަސް ވަނަ މިނެޓުގައި އަޔަކްސް އަށް ލީޑު ނަގައިދިނީ ކެޕްޓަން ފްރެންކީ ޑި ލީޓް އެވެ. އަދި 35 ވަނަ މިނެޓުގައި ލީޑު ފުޅާކޮށްދިނީ މޮރޮކޯ މިޑްފީލްޑަރު ހަކީމް ޒިޔެކް އެވެ.

ޓޮޓެންހަމް އަށް ލޫކަސް މޯރާ އެއްވަރުކޮށްދިނީ 55 ވަނަ މިނެޓާއި 59 ވަނަ މިނެޓުގަ އެވެ. އަދި އިތުރު ވަގުތުގެ ހަ ވަނަ މިނެޓުގައި ޑެލޭ އަލީ ދިން ބޯޅައެއް، އަޔަކްސްގެ ދެ ޑިފެންޑަރުގެ ދެމެދުން އަރައި ގޯލުގެ ތިރީ ކަނަށް ވައްދާލައި ލޫކަސް މޯރާ ޓޮޓެންހަމް ފައިނަލަށް ގެންގޮސްދިނެވެ.

މާބޮޑު އުއްމީދެއް ނެތި ކުރިމަތިލައި، އެކަމަކު ބޮޑެތި ބާރުތައް ފަހަތަށް ޖައްސާލައި 1996 ގެ ފަހުން ފުރަތަމަ ފަހަރަށް ފައިނަލަށް ދިއުމާ ދާދި ގާތަށް ގޮސް ފަހު ސިކުންތުގައި އެކަން ނާކާމިޔާބުވުމުން އަޔަކްސްގެ ކުޅުންތެރިން ސަޕޯޓަރުން ތިބީ ވަރަށް ބޮޑަށް މާޔޫސްވެފަ އެވެ. އެކަމަކު ސަޕޯޓަރުން ވަނީ ކުޅުންތެރިންގެ މަސައްކަތަށް ސާބަސް ދީފަ އެވެ.

ޔުއެފާ ކަޕް (ޔުރޮޕާ ލީގު) 1984 ވަނަ އަހަރު ކާމިޔާބުކުރި ފަހުން ޓޮޓެންހަމް ފުރަތަމަ ފަހަރަށް ޔޫރަޕުގެ ފައިނަލަކަށް ދަތުރުކުރިއިރު އެ ޓީމުގެ ކޯޗު މައުރީޒިއޯ ޕޮޗެޓީނޯ ބުނީ ކުރެވެނީ ބުނެދޭން ނޭގޭ އިހުސާސެއް ކަމަށާއި ވާހަކަދައްކަން ވެސް އުނދަގޫ ކަމަށެވެ. އޭނާގެ ޓީމުގައި ތިބީ ބަތަލުންތަކެއް ކަމަށާއި އެ ވާހަކަ މިދިޔަ އަހަރު ވެސް ބުނެފައިވާނެ ކަމަށް ޕޮޗެޓީނޯ ބުންޏެވެ.

"ދެ ވަނަ ހާފުގައި އެ ކުޅުންތެރިން އާދަޔާހިލާފަށް ކުޅުނު. ފުޓްބޯޅަ އަށް ޝުކުރުއަދާކުރަން. ފުޓްބޯޅައާ ނުލާ މިފަދަ އިހުސާސްތަކެއް ނުގެނެވޭނެ. އަހަރެމެންނާ މެދު ޔަގީންކަން ބޭއްވި އެންމެންނަށް ޝުކުރުވެރިވަން. މި އިހުސާސްތައް ކިޔައިދޭން އަހަންނަށް ވަރަށް އުނދަގޫ،" ޕޮޗެޓީނޯ ބުންޏެވެ.

މި މެޗުގައި ތަރިއަކަށްވި ލޫކަސް މޯރާ އަކީ، ޕީއެސްޖީން ނޭމާ ގެނައުމަށްޓަކައި ދޫކޮށްލި ކުޅުންތެރިޔެކެވެ. މެންޗެސްޓާ ޔުނައިޓެޑުން ސޮއި ހޯދަން ތައްޔާރުވެފައިވަނިކޮށް 2013 ވަނަ އަހަރު ކުއްލި ގޮތަކަށް ޕީއެސްޖީން ގަތް ބްރެޒިލްގެ ވިންގާ އެ ޓީމުގައި ފަސް އަހަރު ހޭދަކުރުމަށް ފަހު ޓޮޓެންހަމްއާ ގުޅުނީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު އެވެ.