28 ޖޫން 2019 - 09:03
ބާސެލޯނާ (ޖޫން 28) - ޕީއެސްޖީގެ ބްރެޒިލްގެ ތަރި ނޭމާ އަލުން އޭނާގެ ކުރީގެ ކްލަބް ބާސެލޯނާ އަށް ބަދަލުވާން ބޭނުންވާ ކަމަށް އެ ކްލަބްގެ ނައިބު ރައީސް ޖޯޑީ ކަޑޯނިއާ ވިދާޅުވެއްޖެ އެވެ.
ބްރެޒިލްގެ މީޑިއާ ރިިޕޯޓްތައް ބުނާގޮތުން ނޭމާ ވަނީ ބާސެލޯނާއާ އެކު ފަސް އަހަރުގެ އެއްބަސްވުމެއް ހަދަން ބޭނުންވާ ކަމަށް ބުނެފަ އެވެ. އަދި ޕީއެސްޖީން މި ވަގުތު ދެމުން އަންނަ އަހަރަކު 36 މިލިއަަން ޔޫރޯގެ މުސާރަ ދޫކޮށްލައި ބާސެލޯނާ އަށް އަހަރަކު 24 މިލިއަން ޔޫރޯ އަށް ކުޅެދޭން ވަނީ އެއްބަސްވެފަ އެވެ. އަދި އޭގެ އިތުރުން ކުރިން ބާސެލޯނާ ދޫކޮށްލިއިރު ކޯޓަށް ހުށަހެޅި 26 މިލިއަން ޔޫރޯގެ ބޯނަސް މައްސަލަ ދޫކޮށްލާ ގޮތަށް ވެސް ނޭމާ ވަނީ އެއްބަސްވެފަ އެވެ. މި އަޑުތަކާ އެކު ޕީއެސްޖީން ވަނީ ނޭމާ ބޭނުންވާ ގޮތް އޮޅުންފިލުވަން އޭނާ ގާތުގައި އެދިފަ އެވެ.
ބާސެލޯނާ އިން އެ ޓީމުގެ ނެދަލެންޑްސް ކީޕަރު ޔެސްޕާ ސިލިސަން ވެލެންސިއާ އަށް ވިއްކާލުމަށް ފަހު އެ ޓީމަށް ކުޅެމުން އައި ބްރެޒިލްގެ ކީޕަރު ނެޓޯ ވަނީ ގަނެފަ އެވެ. އިއްޔެ އެ ޓްރާންސްފާތަކާ ބެހޭގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކަޑޯނިއާ ވިދާޅުވީ ނޭމާ އަލުން ގުޅެން ބޭނުންވިޔަސް ބާސެލޯނާ އެ ޑީލް މާ އަވަސްއަރުވާލައިގެން ކުރިއަށްދާން ބޭނުންނުވާ ކަމަށެވެ.
"އަހަންނަށް އިވޭ އަޑުތަކާއި ފެނިފައިވާ ކަންތައްތަކަށް ބަލާއިރު ނޭމާ ހުރީ އެނބުރި ބާސެލޯނާ އަށް އަންނަން ކެތްމަދުވެފައި. ބާސެލޯނާ އިން އަލުން ނޭމާ ގެންނަން އެހާ ބޭނުންވޭތޯ އެއީ އުފެދޭ ސުވާލެއް. އެއީ މާ އަވަސް އަރުވާލައިގެން ބާސެލޯނާ އިން ކުރަން ބޭނުންވާ ކަމެއް ނޫން،" ކަޑޯނިއާ ވިދާޅުވި އެވެ.
މީގެ ދެ އަހަރު ކުރިން ދުނިޔޭގެ ރެކޯޑް އަގެއް ކަމަށްވާ 222 މިލިއަން ޔޫރޯ އަށް ޕީއެސްޖީން ނޭމާގެ ސޮއި ހޯދިއިރު، އޭރު ނޭމާ ވަނީ ބާސެލޯނާގެ ބޯޑް މެމްބަރުންނަށް ނިސްބަތްވާ ގޮތަށް އެކި ގޮތްގޮތަށް މީޑިއާގައި ވާހަކަ ދައްކައިފަ އެވެ. ކަޑޯނިއާ ވިދާޅުވީ މީގެ ދެ އަހަރު ކުރިން ހިނގާދިޔަ ކަންތައްތަކަށް ބަލާއިރު އަލުން ނޭމާ ގެންނައިރު ވިސްނަންޖެހޭ ކަންތައްތަކެއް އެބަހުރި ކަމަށެވެ.
"ނޭމާ ގެންނަން ވިސްނަންޖެހޭ ގިނަ ކަންތައްތަކެއް އެބަހުރި. ބާސެލޯނާ އަށް ކުޅޭހިތްވާ ގިނަ ކުޅުންތެރިން ތިބޭނެ. އެކަމަކު ކޮންމެ ކުޅުންތެރިޔަކަށް އެ ފުރުސަތެއް ނުދެވޭނެ. މި ކްލަބަށް ރަނގަޅުގޮތް ވިސްނަންޖެހޭ،" ކަޑޯނިއާ ވިދާޅުވި އެވެ.
މިދިޔަ ސީޒަނުގައި ޗެމްޕިއަންސް ލީގުގައި ރެފްރީންނަށް ފާޑުކިޔުމާއި ފްރެންޗް ކަޕަށް ފަހު ސަޕޯޓަރެއްގެ ގައިގައި ޖެހުމުން ނޭމާ އަށް ވަނީ އަދަބުދީފަ އެވެ. ދާދި ފަހުން ޕީއެސްޖީގެ ރައީސް ހެއްލާފީ ވަނީ އަހުލާގު ދަށް އަމަލުތަކެއް ފެންނަ ކުޅުންތެރިންނަށް ޕީއެސްޖީގައި ފުރުސަތެއް ނޯންނާނެ ކަމަށް ބުނެ ނޭމާ އަށް ނުސީދާ އިންޒާރެއް ދެއްވައިފަ އެވެ. އަދި ޕެރިހަށް ބްރެޒިލްގެ އަންހެނެއް ގެންދިއުމަށް ފަހު އޭނާ ރޭޕްކުރިކަމުގެ ތުހުމަތުގައި ފުލުހުން ނޭމާގެ މައްސަލައެއް ބަލަމުން އަންނައިރު ބްރެޒިލްގެ ކެޕްޓަންކަން ވެސް ވަނީ ނޭމާ އަތުން ނަގައިފަ އެވެ. އަނިޔާގެ ސަބަބުން މިހާރު ކުރިއަށްދާ ކޮޕާ އެމެރިކާގައި އަނިޔާގެ ސަަބަބުން ނޭމާ ނުކުޅެ އެވެ.
ނޭމާއާ އެކު މިދިޔަ އަހަރު ޕީއެސްޖީ އަށް ކުޅުނު ބްރެޒިލްގެ މިހާރުގެ ކެޕްޓަން ޑެނިއަލް އަލްވޭސް ވެސް އަލުން ބާސެލޯނާއާ ގުޅެން އަންނަނީ މަޝްވަރާކުރަމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބާސާ ފޭން
29 June 2019
ނޭމާއަށް ނޭމާގެ އަސްލު ސްޓައިލް ދެއްކެނީ ހަަމަ އެކަނި ބާސާގަ
މެސީ
28 June 2019
އަންނަންބޭނުން ވިޔަކަސް އަދި ނާދެވޭނެ، ކްލަބްގެ ބޯޑުން ގެންނާނެ ޓީމްއަށް ބޭނުންވާ ކުޅުންތެރިން
ޝާމީމް
28 June 2019
ބޭނުންވެއޭ ކިޔަކިޔާ ނުތިބެ ބުންވަރެއް ހުރިއްޔާ ގެނެސްބަލަ. ނޭމާވެސް ހުރެގެން ބާރސާ ޔޫސީއެލް ކުއާރޓަރ ފައިނަލުން އަންނަ އަހަރު ކަޓުވާލަން ބޭނުންވަނީ.
ހަގީގަތް
28 June 2019
ޔޫސީއެލް ކާމިޔާބުކުރާނީ ނޭމާޔާއެކު އިންޝާ ﷲ.
ލަޔާން
28 June 2019
ނެމާެ އެނބުރި ބާސެޅޮނާ އަންނަނެތަ؟