ޔުނައިޓެޑް ޖެހިޖެހިގެން ތިން ވަނަ މެޗުން ބަލިވެއްޖެ

ވެޓްފޯޑް، އިންގްލެންޑް (ސެޕްޓެމްބަރު 18) - އިނގިރޭސި ޕްރިމިއާ ލީގުގައި މިއަދު ވެޓްފޯޑް އަތުން 3-1 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑަށް ޖެހިޖެހިގެން ތިން ވަނަ މެޗުން ނާކާމިޔާބީއާ ކުރިމަތިލާން ޖެހިއްޖެ އެވެ.


ލީގުގައި މިދިޔަ ހަފުތާގައި މެންޗެސްޓާ ސިޓީ އަތުން 2-1 އިން އަދި ޔުރޮޕާ ލީގުގައި ފެޔަނޫޑް އަތުން 1-0 އިން ބަލިވެފައިވަނިކޮށް، މިއަދު ކުރިމަތިވި ނާކާމިޔާބީއާ އެކު ޔުނައިޓެޑުގެ ކޯޗު ހޯސޭ މޮރީނިއޯ އަށް ފާޑުކިޔުންތައް ވަނީ އަމާޒުވާން ފަށައިފަ އެވެ.

ދުނިޔޭގެ ރެކޯޑް އަގަކަށް ގެނައި ޕައުލް ޕޮގްބާ އަށް ފާއިތުވި ފަސް ސީޒަނުގައި ޔުވެންޓަސްގައި ދެއްކި ކުޅުން ނުދެއްކޭތީ އޭނާ އަށް ވެސް ވަނީ ޕްރެޝަރު ބޮޑުވެފަ އެވެ. އޭނާގެ ބޭނުން އެކަށީގެންވާ ގޮތަކަށް ނުހިފޭތީ މޮރީނިއޯގެ ރޭވުންތެރިކަމާ މެދު ވެސް ސުވާލުތައް ވަނީ އުފައްދަން ފަށައިފަ އެވެ.

ސީޒަން ހުޅުވި މެޗާއި ލީގުގައި ކުޅުނު ފުރަތަމަ ތިން މެޗުން މޮޅުވި ޔުނައިޓެޑް މިހާރު އޮތީ ނުވަ ޕޮއިންޓާ އެކު ހަ ވަނައިގަ އެވެ. އެއް ވަނައިގައި 15 ޕޮއިންޓާ އެކު އޮތް ވާދަވެރި މެންޗެސްޓާ ސިޓީއާ ދެމެދު ހަ ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ. ޒަމާންވީ ވާދަވެރިޔާ ލިވަޕޫލް އޮތީ އިތުރަށް އެއް ޕޮއިންޓް ހޯދައިގެން 10 ޕޮއިންޓާ އެކު ފަސް ވަނައިގަ އެވެ.

މެންޗެސްޓާ ޔުނައިޓެޑުގެ މާޝިއަލް (ކ) އަތުން ބޯޅަ ހޯދަން ވެޓްފޯޑުގެ ބެހްރާމީ މަސައްކަތްކުރަނީ. --ފޮޓޯ: އޭއެފްޕީ

ވެޓްފޯޑުގެ ސްޓޭޑިއަމުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ލީޑު ވެސް ނެގީ، އިންޓަ އާއި ނަޕޯލީގެ ކުރީގެ ކޯޗު ވޯލްޓާ މަޒާރީގެ އިރުޝާދުގެ ދަށުން ކުޅޭ ވެޓްފޯޑެވެ. އެ ޓީމަށް 34 ވަނަ މިނެޓުގައި ލަނޑު ޖަހައިދިނީ ފްރާންސްގެ އެޓީން ކަޕޫ އެވެ.

ދެ ވަނަ ހާފު ފަށައިގެން 62 ވަނަ މިނެޓުގައި ޔުނައިޓެޑަށް އެއްވަރުކޮށްދިނީ މިދިޔަ ސީޒަނުގައި ވިދާލި ޒުވާން ފޯވާޑް މާކަސް ރެޝްފޯޑެވެ. ވެޓްފޯޑުން އަލުން ލީޑު ނެގީ، 82 ވަނަ މިނެޓުގައި އެރި ހުއާން ކެމިލޯ ޒުނިގާ ވައްދާލި ލަނޑުންނެވެ. ރޮބާޓޯ ޕެރެއިރާ އޭރިއާ ތެރެއަށް ވައްޓާލި ބޯޅަ ޒުނިގާ ގޯލުގެ މަތީ ކަނަށް ވައްދާލީ އެއް ފަހަރުން ޖަހަ އެވެ.

ވެޓްފޯޑުގެ ތިން ވަނަ ލަނޑަކީ އިތުރު ވަގުތުގެ ތެރޭ ޕެނަލްޓީއަކުން ޓްރޮއީ ޑީނޭ ކާމިޔާބުކުރި ގޯލެކެވެ. މިއީ ބަދަލު ކުޅުންތެރިޔާ، އިސާކް ސަކްސެސް ކައުންޓާ އެޓޭކުގައި އުފެއްދި ހަމަލާއެއްގައި، ޒުނިގާ އޭރިއާ ތެރެއިން ބޯޅަ ހިފައިގެން ދާން އުޅުނު ވަގުތު މައުރޯނޭ ފެލައިނީ އޭނާ ވައްޓާލުމުން ރެފްރީ ދިން ޕެނަލްޓީއެކެވެ.

އިޓަލީގައި މަސައްކަތްކުރި ދުވަސްވަރު، ބަހުގެ ހަމަލާތައް ގަވާއިދުން ބަދަލުކުރި ދެ ކޯޗުން ކަމަށްވާ މަޒާރީ އާއި މޮރީނިއޯ މެޗަށް ފަހު ވަނީ ބައްދާލައި ސަލާމްކޮށްފަ އެވެ. މެޗުގެ ކުރިން މަޒާރީ ވަނީ، ޔުވެންޓަސް އިން 105 މިލިއަނަށް ޔުނައިޓެޑަށް ގެންދިޔަ ޕޮގްބާ އަށް ވުރެ ރަނގަޅަށް ކުޅެނީ، ޔުވެންޓަސްގެ ބެންޗުން އޭނާ ވެޓްފޯޑަށް ގެނައި ޕެރޭރާ ކަމަށް ބުނެފަ އެވެ. ވެޓްފޯޑުން މިއަދު ހޯދި މޮޅުގައި ވެސް އެންމެ ބޮޑު ހިއްސާއެއް އޮތީ 13 މިލިއަން ޕައުންޑަށް ގަތް ޕެރޭރާ އެވެ.