އެންރީކޭ އަލުން ސްޕެއިނުގެ ކޯޗުގެ މަގާމަށް

މެޑްރިޑް (ނޮވެމްވަރު 20) – އަމިއްލަ ސަބަބަކާ ހެދި ޖޫން މަހު މަގާމުން ވަކިވި ލުއިސް އެންރީކޭ އަށް ސްޕެއިން ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަން އަލުން ދީފި އެވެ.


އެންރީކޭ ޖޫން މަހު އިސްތިއުފާ ދިނީ އޭނާގެ ދަރިފުޅުގެ ސިއްހީ ހާލަތު ގޯސްވުމުންނެވެ. އެ ދަރިފުޅު ވަނީ ކަށީގެ ކެންސަރު ބަލީގައި އޮގަސްޓް މަހު މަރުވެފަ އެވެ.

އެންރީކޭ އަށް އަލުން މަގާމް ދިނީ އޭނާގެ ބަދަލުގައި ހަވާލުވި އޭނާގެ އެސިސްޓަންޓް ރޮބަޓް މޮރޭނޯ ރަނގަޅު ނަތީޖާތަކެއް ނެރެފައިވަނިކޮށެވެ. އަދި މޮރޭނޯ އަށް އަންނަ އަހަރުގެ ޔޫރޯގެ ނިޔަލަށް ކޮންޓްރެކްޓް ވެސް އޮތީ ދީފަ އެވެ.

މޮރޭނޯ ވަނީ އެންރީކޭ އަލުން އަންނަން ބޭނުން ނަމަ މަގާމް ދޫކޮށްލާނެ ކަމަށް ކުރިން ބުނެފަ އެވެ. އެކަމަކު މިކަމުގައި ސްޕެއިން ފުޓްބޯޅަ ފެޑެރޭޝަނުން އަމަލުކުރި ގޮތާ މެދު އޭނާ ހުރީ ހިތްހަމަނުޖެހިފަ އެވެ. ޔޫރޯ ކޮލިފައިންގައި ހޯމަ ދުވަހުގެރޭ ރޫމޭނިއާ އަތުން ސްޕެއިން މޮޅުވި މެޗުގެ ކުރިން މީޑިއާތަކުން ވަނީ މޮރޭނޯ ވަކިކޮށް އެންރީކޭ އަލުން ގެންނާނެ ކަމަށް ރިޕޯޓްކޮށްފަ އެވެ.

އެ މެޗަށް ފަހު މޮރޭނޯ ޗޭންޖިން ރޫމުން ނުކުތީ ފެންކަޅިވެ ހުރެ އެވެ. ކުޅުންތެރިން ވެސް ތިބީ މާޔޫސްވެފަ އެވެ. އަދި އެރޭގެ މެޗަށް ފަހު ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް ބައިވެރިނުވެ އެވެ. އިއްޔެ ހެނދުނު ފެޑެރޭޝަނުން އޭނާއާ އެއްކޮށް ބާއްވަން ރޭވި ބައްދަލުވުމަށް ވެސް ހާޒިރެއް ނުވެ އެވެ.

އެކަމަކު ފެޑެރޭޝަނުގެ ރައީސް ލުއިސް ރުބިއަލެސް ވިދާޅުވީ މިކަމުގައި ގޯހެއް ހަދާފައިނުވާނެ ކަމަށެވެ. އޭނާ ވިދާޅުވީ އެންރީކޭ އަލުން އަންނަން ތައްޔާރުކަން އެނގުނީ ވެސް މޮރޭނޯގެ ފަރާތުން ކަމަށެވެ.

"ލުއިސް އެންރީކޭ މަގާމުން ވަކިވީ ބައްޕައަކަށް ކުރިމަތިވާނެ އެންމެ ދެރަ ކަންތައް ދިމާވުމުން. އަހަރެމެންގެ ޕްރޮޖެކްޓުގެ ލީޑަރަކީ އޭނާ އަބަދުވެސް. އޭނާ ހަވާލުވާން ތައްޔާރުވާއިރަށް ގައުމީ ޓީމުގެ ދޮރު ހުންނާނީ ހުޅުވިފައިކަން އެންމެންނަށް ވެސް އެނގޭ. ވޯލްޑް ކަޕުގެ ނިޔަލަށް އޭނާގެ އަތުގައި ކޮންޓްރެކްޓެއް އެބައޮތް،" ރުބިއަލެސް ވިދާޅުވި އެވެ.

ރުބިއަލެސް ވިދާޅުވީ މޮރޭނޯ އަލުން އެސިސްޓަންޓް ކޯޗަކަށް ގެނައުމާ މެދު ގޮތެއް ނިންމާނީ އެންރީކޭ ކަމަށެވެ. ގާތް ދެ އެކުވެރިން ވަނީ އޭ.އެސް ރޯމާ، ސެލްޓާ ވީގޯ އަދި ބާސެލޯނާގައި އެއްކޮށް މަސައްކަތްކޮށްފަ އެވެ. އެކަމަކު މޮރޭނޯ އަލުން އެސިސްޓަންޓަކަށް ދާނެ ކަމަށް ނުބެލެވެ އެވެ.

ސްޕެއިން ގައުމީ ޓީމާ އެންރީކޭ އެންމެ ފުރަތަމަ ހަވާލުވީ މިދިޔަ އަހަރުގެ ވޯލްޑް ކަޕަށް ފަހު އެވެ. އެ މުބާރާތުގައި ކޯޗުކޮށްދިނީ ކުރީގެ ޑިފެންޑަރު ފެނާންޑޯ ހިއޭރޯ އެވެ. އޭނާ އަށް އޭރު ވަގުތީ ކޯޗުކަން ލިބުނީ ދާއިމީ ކޯޗަކަށް ހުރި ހުލެން ލޮޕެޓީގް އެ މުބާރާތަށް ފަހު ރެއާލް މެޑްރިޑާ ހަވާލުވާން ނިންމުމުން ފެޑެރޭޝަނުން އެކަމާ ހިތްހަމަނުޖެހި އޭނާ ވަކިކުރުމުންނެވެ.

ބާސެލޯނާ އާއި ރެއާލް މެޑްރިޑުގެ ކުރީގެ ކުޅުންތެރިޔާ އެންރީކޭ ވަނީ 1991 އިން 2002 އަށް ސްޕެއިން ގައުމީ ޓީމަށް 62 މެޗު ކުޅެދީފަ އެވެ. ކޯޗިން ކެރިއަރުގައި ބާސެލޯނާ އަށް ޗެމްޕިއަންސް ލީގު އެއް ފަހަރު އަދި ސްޕެނިޝް ލީގު ދެ ފަހަރު ކާމިޔާބުކޮށްދިނެވެ.