ޑާބީ (މާޗް 6) – މެންޗެސްޓާ ޔުނައިޓެޑުގެ ކުރީގެ ކެޕްޓަން ވޭން ރޫނީ މިހާރު ކުޅޭ ޑާބީ ކައުންޓީ 3-0 އިން ބަލިކޮށް ޔުނައިޓެޑުން އިނގިރޭސި އެފްއޭ ކަޕުގެ ކުއާޓާ ފައިނަލުން ރޭ ފުރުސަތު ހޯދައިފި އެވެ.

ކުއާޓާގައި ޔުނައިޓެޑް ބައްދަލުކުރަން ޖެހޭނީ ނޯވިޗް ސިޓީއާ އެވެ. ކުއާޓާގައި ދެން އޮންނާނީ އާސެނަލާއި ޝެފީލްޑް ޔުނައިޓެޑުގެ މެޗާއި މެންޗެސްޓާ ސިޓީ އާއި ނިއުކާސަލް ޔުނައިޓެޑުގެ މެޗު އަދި ޗެލްސީ އާއި ލެސްޓާ ސިޓީގެ މެޗެވެ.

އިނގިރޭސި ދެ ވަނަ ޑިވިޝަނުގައި ވާދަކުރާ ޑާބީ އަތުން ޔުނައިޓެޑް ރޭ މޮޅުވީ ހާސްކަމެއް ނެތި އެވެ. ފުރަތަމަ ހާފުގެ 33 ވަނަ މިނެޓުގައި ލުކް ޝޯ ނަގައިދިން ލީޑާ އެކު އެ ޓީމުން ހަމަޖެހިލި އެވެ. ހާފު ނިމުމުގެ ކުރިން، 41 ވަނަ މިނެޓުގައި އަދި 70 ވަނަ މިނެޓުގައި އޮޑިއޮން އިގާލޯ ދެ ލަނޑު ޖަހައި ޔުނައިޓެޑަށް ފަސޭހަ މޮޅެއް ހޯދައިދިނެވެ.

މިއީ ޔުނައިޓެޑަށް 2004-2017 އަށް ކުޅުނު ރޫނީ 2018 ވަނަ އަހަރުގެ ފަހުން ކުރީގެ ޓީމާ ދެކޮޅަށް ކުޅުނު ފުރަތަމަ މެޗެވެ. ޔުނައިޓެޑް ދޫކޮށް އެވަޓަން އަށް ބަދަލުވެ އޭނާ ޔުނައިޓެޑާ ދެކޮޅަށް ކުޅުނެވެ. އަލުން އިނގިރޭސި ފުޓްބޯޅައިގެ ތެރެއަށް ރޫނީ ޖެނުއަރީ މަހު އައީ އެމެރިކާގެ ޑީ.ސީ ޔުނައިޓެޑަށް ކުޅުމަށް ފަހު އެވެ. ޔުނައިޓެޑަށް އެންމެ ގިނަ ލަނޑު ޖަހައިދިނުމުގެ ރެކޯޑް އޮންނަ ރޫނީ ވަނީ ރޭ އެ ޓީމުގެ ގޯލަށް ދެ ހަމަލާއެއް ފޮނުވާލައިފަ އެވެ.

ރޭގެ މެޗާ އެކު ޔުނައިޓެޑް ވަނީ ހުރިހާ މުބާރާތެއްގައި، ބަލިނުވެ ނުވަ މެޗު ހަމަކޮށްފަ އެވެ. އެ ޓީމަށް ދެން އޮތީ ޕްރިމިއާ ލީގުގައި އާދީއްތަ ދުވަހު މެންޗެސްޓާ ޑާބީގައި ސިޓީއާ ދެކޮޅަށް ކުޅޭ މެޗެވެ. ލީގުގައި ޔުނައިޓެޑް އޮތީ 42 ޕޮއިންޓާ އެކު ފަސް ވަނައިގަ އެވެ. އެ ޓީމުގެ ކުރީގައި، ހަތަރު ވަނައިގައި އޮތީ 45 ޕޮއިންޓާ އެކު ޗެލްސީ އެވެ.

ސީޒަނުގެ ކުރީކޮޅު އުނދަގޫތަކާ ދިމާވި ނަމަވެސް މި ވަގުތު އެ ޓީމު އޮތީ ރަނގަޅު ފޯމެއްގަ އެވެ. އެފްއޭ ކަޕާއި ޔުރޮޕާ ލީގުގެ ތަށްޓަށް ވާދަކުރުމުގެ އިތުރުން ލީގުގެ ގަދަ ހަތަރެއްގެ ތެރެއިން ޗެމްޕިއަންސް ލީގަށް ކޮލިފައިވުމަށް ވެސް މަސައްކަތްކުރާނެ އެވެ.

ޔުނައިޓެޑުގެ ކޯޗު އޮލެ ގުނަ ސޯލްޝެއާ ބުނީ ރޭގެ މެޗަކީ އެހާމެ އިސްކަންދިން މެޗެއް ކަމަށާއި ޔުނައިޓެޑުން ވަކި މުބާރާތެއް ނުވަތަ ވަކި މެޗެއް ނަގައި އިސްކަން ނުދޭނެ ކަމަށެވެ.

"އަހަރެމެން ޖެހޭނެ ހުރިހާ އެއްޗަކަށް އަމަޒުކުރަން. އެއީ މެންޗެސްޓާ ޔުނައިޓެޑުގައި އޮންނަން ޖެހޭނެ ގޮތަކީ،" ސޯލްޝެއާ ބުންޏެވެ.