ޑޯޓްމަންޑް ބަލިކޮށް ބަޔާން ލީގު ހޯދުމާ ގާތަށް

ޑޯޓްމަންޑް (މޭ 27) – ބޮރޫޝިއާ ޑޯޓްމަންޑް 1-0 އިން ބަލިކޮށް ބަޔާން މިއުނިކުން ޖަރުމަން ލީގުގެ ޗެމްޕިއަންކަން ޖެހިގެން އަށް ވަނަ ފަހަރަށް ހޯދުމަށް ކުރާ މަސައްކަތުގައި ކުރިއަށް މުހިއްމު ފިޔަވަޅެއް އަޅައިފި އެވެ.


ބާކީ ހަ މެޗު އޮތްއިރު ބަޔާން އެއް ވަނައިގައި އޮތީ ހަތް ޕޮއިންޓުގެ ލީޑަކާ އެކު އެވެ. އެ ޓީމަށް 64 ޕޮއިންޓް ލިބިފައިވާއިރު ޑޯޓްމަންޑް ދެ ވަނައިގައި އޮތީ 57 ޕޮއިންޓް ހޯދައިގެންނެވެ. މި ދެ ޓީމާ އެންމެ ގާތުގައި އޮތީ އެއް މެޗު މަދުން ކުޅެގެން 54 ޕޮއިންޓް ހޯދާފައިވާ އާރްބީ ލީޕްޒީގެވެ. އެ ޓީމުން މާދަމާރޭ ހާތާ ބާލިން އަތުން މޮޅުވެގެން ޑޯޓްމަންޑާ ޕޮއިންޓުގެ ގޮތުން އެއްވަރުކުރެވޭނެ އެވެ.

ކޮވިޑް-19 ގެ ސަބަބުން ބޮޑު މެދުކެނޑުމަކަށް ފަހު، ކުޅިބަލާ މީހުން ނުވައްދައި އަލުން ފަށައިގެން ކުރިއަށްދާ މި ބުރުގައި ރޭ ޑޯޓްމަންޑުގެ ސިގްނަލް އިޑޫނާ ޕާކުގައި ކުޅުނު މެޗުގައި ބަޔާނުގެ ހަމައެކަނި ގޯލް 43 ވަނަ މިނެޓުގައި ޖެހީ ޖޯޝުއާ ކިމިޗެވެ.

ބަޔާނުން ވަނީ އަމިއްލަ ދަނޑުގައި ނޮވެމްބަރުގައި ކުޅުނު މެޗުން ޑޯޓްމަންޑް އަތުން 4-0 އިން މޮޅުވެފަ އެވެ. ލީގުގައި ދެ ފަހަރު ވެސް ޑޯޓްމަންޑް އަތުން މޮޅުވުމާ އެކު އެ ޓީމު ވަނީ ތަށި ހައްގުކަން ސާބިތުކޮށްދީފަ އެވެ. ޑޯޓްމަންޑުގެ ކެޕްޓަން މެޓްސް ހަމެލްސް ވެސް ބުނީ ހުރިހާ ބާރެއް މިހާރު އޮތީ ބަޔާނުގެ އަތުގައި ކަމަށެވެ. އެ ޓީމުގެ ކޯޗު ލޫސިއެން ފާވްރޭ ބުނީ ދެން ވަރަށް އުނދަގޫވާނެ ކަމަށާއި، ބާކީ ހަ މެޗު އޮތްއިރު ހަތް ޕޮއިންޓުގެ ފަރަގެއް އޮތުމުން ވަރަށް ވަރަށް އުދަނގޫވާނެ ކަމަށެވެ.

ބަޔާން މިއުނިކުގެ ކޯޗު ހަންސީ ފްލިކް ބުނީ އޭނާގެ ޓީމުން ބޭނުންވީ މޮޅުވެ މުހިއްމު ފިޔަވަޅެއް ކުރިއަށް އަޅަން ކަމަށާއި އެކަން ކުރެވިއްޖެ ކަމަށާއި ޓީމާ މެދު ހިތްހަމަޖެހޭ ކަމަށެވެ.

ޖެނުއަރީ މަހު ޑޯޓްމަންޑާ ގުޅި 10 މެޗުން 10 ގޯލް ޖަހާފައިވާ ޒުވާން ފޯވާޑް އާލިން ހާލަންޑަށް ރޭގެ މެޗުގައި ބަޔާނުގެ ވަރުގަދަ ޑިފެންސުގެ ތެރެއިން ކަމެއް ނުކުރެވި، ދެ ވަނަ ހާފުގައި އަނިޔާވެގެން ފައިބަން ޖެހުނީ އެވެ. އޭނާ އަށް އަނިޔާވީ ބަޔާނުގެ ޑިފެންޑަރު ޖެރޯމް ބޯޓެންގެ ވަރުގަދަ ޓެކުލަކުންނެވެ.